ނީލް.
09 ނޮވެމްބަރ 2020 - 08:03
މީގެ 11 އަހަރު ކުރިން ރިލީޒްކުރި ޑައިރެކްޓަރު މަދޫރް ބަންޑާރްކަރްގެ ފިލްމު "ޖެއިލް" ކުޅެން ލިބުމަކީ ކެރިއަރުގެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށާއި އޭގެ ދެވަނަ ބަޔަކަށް އުންމީދުކުރެވޭ ކަމަށް ފިލްމުގެ ލީޑް ބަތަކު ނީލް ނިތިން މުކޭޝް ބުނެފި އެވެ.
ޕްރިޒަމް ޑްރާމާއެއްގެ ގޮތުގައި 2009 ގައި ގެނެސްދިން ފިލްމު ރިލީޒްކުރިތާ ހުކުރު ދުވަހު 11 އަހަރުވުމާ ގުޅިގެން ފިލްމުގެ ހަނދާންތައް އާކޮށް އިންސްޓަގްރާމްގައި ނީލް އާންމުކުރި ޕޯސްޓެއްގައި ބުނީ މަދޫރާ އެކު މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި "ޖެއިލް" އަކީ ކެރިއަރުގައި މިހާތަނަށް މެތަޑް އެކްޓިން ތަޖުރިބާކުރަން ލިބުނު ފިލްމު ވެސް ކަމަށެވެ.
"މިއީ އަހަރެންގެ ކެރިއަރުގެ އެންމެ ހާއްސަ އެއް ފިލްމު. އަދި އެންމެ ވަރުގަދަ އެއް ފިލްމު. މި ފިލްމާ އެކު ވަރަށް އުފާވެރި ހަނދާންތަކެއް ގުޅިފައިވޭ،" ނީލް ބުންޏެވެ.
އޭނާ ވަނީ "ޖެއިލް" އިން ފުރުސަތު ދިން ކަމަށްޓަކައި ޕްރޮޑިއުސަރު ޝައިލެންދަރު ސިންގް އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އަދި ޕޯސްޓްގައި އޭނާ ޓެގްކޮށް "ޖެއިލް 2" ވެސް ހަދަން ޖެހޭ ކަމަށް ބުންޏެވެ.
ނޮވެމްބަރު 6، 2009 ގައި ރިލީޒްކުރި "ޖެއިލް" ގައި ކިޔައި ދިނީ ޖަލުގެ ގައިދީންނަށް ފުލުހުން ކުރާ އަނިޔާތަކުގެ ވާހަކަ އެވެ. މި ފިލްމުގައި ނީލްއާ އެކު މުހިއްމު ރޯލްތައް ކުޅުނީ މުގްދާ ގޮޑްސޭ އާއި އަރިއާ ބައްބަރް އަދި މަނޯޖް ބަޖްޕާއީ އެވެ.
"ޖެއިލް" ގެނެސްދިން މަދޫރަކީ އާންމުކޮށް ހަގީގީ ހާދިސާތަކަށް ފިލްމު ހަދާ ޑައިރެކްޓަރެކެވެ. އޭނާ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ފެޝަން" އާއި "ޕޭޖް 3" އާއި "ޗާންދުނީ ބާ" އަދި "ހެރޮއިން" ފަދަ ފިލްމުތަކަކީ ވަރަށް ކާމިޔާބު ފިލްމުތަކެވެ.
"ޖެއިލް" އަށް ފަހު ވެސް ނީލް ވަނީ މަދޫރާ އެކު އެހެން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2017 ގައި ގެނެސްދިން ޕީރިއަޑް ޕޮލިޓިކަލް ތުރިލާ "އިންދޫ ސަރުކާރު" އެވެ.
ނީލް، 38، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު އޭނާގެ ކޮއްކޮ ނަމަން ނިތިން މުކޭޝް ޑައިރެކްޝަނަށް ނުކުތް ތުރިލާ "ބައިޕާސް ރޯޑް" އިންނެވެ. ނީލް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ނިއު ޔޯކް" އާއި "ޕްރޭމް ރަތަން ދަން ޕާޔޯ" އާއި "ގޯލްމާލް އެގެއިން" އާއި "ސާތު ހޫ މާފް" އަދި "ސާހޯ" ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy