މަނީޝް.
10 ނޮވެމްބަރ 2020 - 07:28
ވަރުން ދަވަން މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ރޯލަކަށް މަޝްހޫރު ހޯސްޓް މަނީޝް ޕޯލް ސޮއިކޮށްފި އެވެ.
މަނީޝް އަކީ "އިންޑިއަން އައިޑޮލް" ފަދަ ޝޯތައް ހޯސްޓްކޮށްފައިވާ ފަންނާނެކެވެ. އޭނާ އެންމެ ފަހުން ހޯސްޓްކުރި ޝޯ އަކީ ޒީޓީވީން ދާދި ފަހުން ނިންމައިލި "ސާރެގާމާޕާ ލިލް ޗެމްޕްސް" ގެ އަށް ވަނަ ސީޒަނެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ ރޮމޭންޓިކް ކޮމެޑީ "ޖުޖް ޖުގް ޖިއޯ" އިން މަނީޝް އަށް ފުރުސަތު ލިބުނު އިރު، އޭނާ ވަނީ ކުރިން ވެސް ފިލްމުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި 2013 ގެ "މިކީ ވައިރަސް" އާއި 2016 ގެ "ތެރެ ބިން ލާދިން 2" ހިމެނެ އެވެ.
"ޖުގް ޖުގް ޖިއޯ" އަކީ މިދިޔަ އަހަރު "ގުޑް ނިއުސް" ގެނެސްދިން ޑައިރެކްޓަރު ރާޖް މެހެތާގެ ދެވަނަ ފިލްމެވެ. މީގެ ކާސްޓްގައި ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރާއި ނީޓޫ ސިންގް ވެސް ހިމެނެ އެވެ. ފިލްމުން މަނީޝް އަށް ލިބުނު ރޯލަކީ ވަރަށް ހާއްސަ ބޮޑު ރޯލެއް ކަމަށާއި މީގެ ކުރިން އޭނާ ނުފެންނަހާ ތަފާތު ގޮތަކަށް ފިލްމުން ފެނިގެން ދާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.
"ޖުގް ޖުގް ޖިއޯ" ގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ޗަންދީގަޅްގަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް