މުނިފޫހިފިލުވުން / ބޮލީވުޑް ފިލްމު

"ނާގިން" ލިބުމުން ޝްރަދާ ކަޕޫރް އުފަލުން

12 ނޮވެމްބަރ 2020 - 09:54

ހަރުފައަކަށް ބަދަލުވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ ކެރެކްޓާއެއް ކުޅެން ލިބުމުން ބަތަލާ ޝްރަދާ ކަޕޫރަށް ލިބުނު އުފާ، އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯތަކަކުން ހިއްސާކޮށްފި އެވެ.

އެކްޓަރު/ޕްރޮޑިއުސަރު ނިކިލް ދިވެދީ ޓްރިލޮޖީއެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ "ނާގިން" ގެ ޓައިޓްލް ރޯލް ކުޅެން ޝްރަދާ އަށް ލިބުމުން އޭނާގެ ފޭނުން ވެސް ވަނީ ޝްރަދާ ނާގިންގެ ގޮތުގައި ފެންނާނެ ކަމަށް ލަފާކުރާ ލުކްތަކެއް ހަދައި ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. މި އެއްޗެހި ކޮމްޕައިލްކޮށް ޝްރަދާ ވަނީ ފޭނުންގެ 10 މަސައްކަތެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

"މި މަސައްކަތްތައް ފެނިފައި އަހަރެންގެ ހިތް ފުރިގެން ބަންޑުންވެއްޖެ. ތި ދޭ ލޯތްބާއި ސަޕޯޓަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ." ޝްރަދާ ބުންޏެވެ.

ނިކިލްގެ "ނާގިން" ޓްރިލޮޖީން ފުރުސަތު ލިބުމުން އޭނާ ވަނީ އެ ރޯލު ކުޅެން ލިބުމަކީ ޝަރަފެއް ކަމަށް ވެސް ބުނެފަ އެވެ. ޝްރަދާ ބުނެފައިވާ ގޮތުގައި ހިންދީ ސިނަމާ އަށް ކުރިން ގެނެސްދީފައި ހުރި ނާގިންގެ ވާހަކަ ކިޔައިދިން ފިލްމުތަކަކީ އޭނާ ވަރަށް ގަޔާވި ފިލްމުތަކަކަށްވެފައި، އެފަދަ ކެރެކްޓާއެއް ކުޅެން ލިބޭނެ ކަމަށް އުންމީދުކޮށްގެން ހުއްޓައި އެކަން ވުމަކީ ވަރަށް ބޮޑު އުފަލެކެވެ.

ތިން ފިލްމަކަށް ގެނެސްދޭނެ "ނާގިން" ގެ ޑައިރެކްޓަރަކީ ވިޝާލް ފޫރިއާ އެވެ.

މި ޕްރޮޖެކްޓާ ބެހޭ އެންމެ ފަހުގެ ވާހަކަތައް ޕިންކްވިލާއާ ހިއްސާކުރަމުން ނިކިލް ބުނީ "ނާގިން" ހަދަން ވިސްނި ހިސާބުން ވެސް އެ ރޯލަށް ޝްރަދާ ނޫން ބަތަލާއަކު ގެންނަން ހިޔާލަށް ވެސް ނާންނަ ކަމަށެވެ.

"އަހަންނަށް ފާހަގަކުރެވުނީ ޝްރަދާ އަކީ ވަރަށް މައުސޫމު އަންހެން ކުއްޖެއްގެ ރޯލުން ވަރަށް ވެސް ސެންޝުއަސް ކެރެކްޓާއަކަށް ވެސް ހަމަ އެއް ވަނައިގެ ބަތަލާއެކޭ. އެހެންވެ ފުރަތަމަ ޗޮއިސް އަކީ ވެސް އޭނަ." ނިކިލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ނާގިން" ކެރެކްޓާ ކުޅުމުގެ ޝައުގުވެރިކަމުގެ ތެރޭގައި ޝްރަދާ އުޅެނިކޮށް، އެ ފުރުސަތު އޭނާ އަށް ދެވުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ.

"ކުރިއަކުން އެކަން އެނގިފައެއް ނެތް. އަދި ޝްރަދާގެ ޓީމުގެ ފަރާތުން އެކަހަލަ އިޝާރާތެއް އަހަންނަކާ ހަމައަށް އައިސްފައެއް ވެސް ނެތް. އެކަމަކު އޭނާ އަށް އޮފާ ހުށަހެޅީމަ އެ ވާހަކަތައް ކިޔައިދން،" ނިކިލް ބުންޏެވެ. "އެއްވެސް މީހަކު މެދުވެރި ނުކޮށް ސީދާ އަހަރެން އަމިއްލަ އަށް ޝްރަދާ އަށް ނާގިން އޮފާކުރީ ވެސް."

އޭނާ ބުނީ "ނާގިން" ޓްރިލޮޖީގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. އޭގެ ކުރިން ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެއް ޝްރަދާ ނިންމާނެ އެވެ. އެއީ ރަންބީރް ކަޕޫރާ އެކު ކުޅޭ އަދި ނަން އިއުލާން ނުކުރާ ފިލްމެކެވެ.

"ނާގިން" ޓްރިލޮޖީގެ ޝޫޓިން އަންނަ އަހަރު ފެށި ނަމަވެސް ބެލުންތެރިންނަށް ފިލްމުގެ ފުރަތަމަ ބައި ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު "ވީރޭ ދީ ވެޑިން" ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވި ނިކިލް ދޭ ޔަގީން ކަމަކީ ވަރަށް ޝައުގުވެރި ނާގިންއެއް ގެނެސްދޭނެ ކަމެވެ.

ހިންދީ ސިނަމާގައި ހަރުފައެއްގެ ކުޅުނު ބަތަލާއިންގެ ތެރޭގައި ސްރީދޭވީ އާއި ރޭކާ އާއި ރީނާ ރޯއި އަދި ވިޖަންތިމާލާ ހިމެނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454