14 ނޮވެމްބަރ 2020 - 08:35
ކުޅޭ ކޮންމެ ފިލްމެއް ވެސް ކުޅެނީ އެއީ ކެރިއަރުގެ ފުރަތަމަ ފިލްމު ކަމަށް ވިސްނުން ބަހައްޓައިގެން ކަމަށާއި ބޭނުންވަނީ ކޮންމެ ފިލްމަކުން ވެސް އެކްޓިން ހުނަރަށް އަންނަ ކުރިއެރުންތައް ދައްކުވައިދޭން ކަމަށް ރިތިކް ރޯޝަން ބުނެފި އެވެ.
މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމުގެ މަގާމު އޮތް "ވޯ" ގެ ބަތަލު ބުނީ ކުރީގެ ފިލްމުތަކުގައި ހެދިފައި ހުންނަ ގޯސްތައް، ފަހުން ކުޅޭ ފިލްމުތަކުން ފެނުމަކީ އޭނާ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.
"އެހެންވެ އަހަންނަކީ ދަސްކުރާ މީހެއް. ކުޅޭ ކޮންމެ ފިލްމަކުން ވެސް އެކްޓިން އިމްޕްރޫވްކުރެވޭނެ އާ ގޮތްތަކެއް އަހަރެން ހޯދަން،" ފިލްމު "ކަހޯ ނާ ޕިޔާރު ހޭ" އިން 2000 ވަނަ އަހަރު ބޮލީވުޑަށް ނުކުތް އެކްޓަރު ބުންޏެވެ.
ރިތިކް ބުނި ގޮތުގައި އެކްޓަރުންނަކީ އަބަދު ވެސް ރިފްރެޝްވާން ޖެހޭނެ ބައެކެވެ. އެ ސަބަބާ ހުރެ ދަސްކުރަން ޖެހޭ އެއްޗެހި ދުވަހަކު ވެސް ހުސްނުވާނެ ކަމަށް ބުންޏެވެ.
"އަހަރެން ފިލްމެއް ޝޫޓްކުރާ އިރު އަބަދު ވެސް ސިކުނޑީގައި ބައިންދައިން މިއީ އަހަރެންގެ އަލަތު ފިލްމޭ. އެ ވިސްނުން ބަހައްޓައިގެން މަސައްކަތްކުރީމަ އަސްލު އިމްޕުރޫވްކުރަން ވަރަށް ބޮޑު ހިތްވަރަކަށްވޭ،" މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅުނު އެކްޓަރު ބުންޏެވެ.
"ވޯ" އަށް ފަހު ރިތިކް ކުޅޭނެ ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާގެ ކުރިއަށް އޮތް އެންމެ ބޮޑު އެއް ފިލްމަކީ ބައްޕަ ރާކޭޝް ރޯޝަން ގެނެސްދޭ "ކްރިޝް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމެވެ. ރިޕޯޓްތައް ބުނާގޮތުން ރިތިކް ދާދި ފަހުން ވަނީ ހޮލީވުޑްގެ ސްޕައި ތުރިލާއަކަށް އޮޑިޝަން ވެސް ހަދައިފަ އެވެ. އަދި އޭނާ ވެބް ސީރީޒްތަކަކަށް ވެސް ސޮއިކޮށްފައިވާ ކަމަށްވެ އެވެ.
"ވޯ" ގެ އިތުރުން މިދިޔަ އަހަރުގެ "ސުޕަ 30" އަކީ ވެސް ރިތިކްގެ މޮޅު އެކްޓިންއެއް ފެނިގެން ދިޔަ ފިލްމެކެވެ. ރިތިކްގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "މިޝަން ކަޝްމީރު" އާއި "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އާއި "ދޫމް 2" އާއި "ޖޯދާ އަކްބަރު" އަދި "ބޭންގް ބޭންގް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy