ޝާހްރުކް ޕްރޮޑިއުސްކުރާ ފިލްމެއް ކާތިކަށް ހުށަހަޅައިފި

އާލިއާ ބަޓާއި އަރުޖުން ކަޕޫރަށް ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ފިލްމުތަކެއް ހުށަަހަޅާފައި ވަނިކޮށް، ވިދަމުން އަންނަ ޒުވާން އެކްޓަރު ކާތިކް އާރިޔަނަށް ވެސް ފިލްމެއް ހުށަހަޅައިފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ވަކި ނަމެއް އަދި ހަމަނުޖައްސާ މި ފިލްމަކީ އަޖޭ ބާލް ޑައިރެކްޓްކުރާނެ ރޮމޭންޓިކް ކޮމެޑީއެއް ކަމަށާއި ފިލްމަށް ކާތިކް ފެހި ސިގްނަލް ވެސް ދީފައިވާ ކަމަށެވެ. އަޖޭ އަކީ "ބީއޭ ޕާސް" އާއި "ސެކްޝަން 375" ގެނެސްދިން ޑައިރެކްޓަރެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޝާހްރުކް ހުށަހެޅި ފިލްމުގެ މަސައްކަތް ކާތިކް ފަށާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ލަވް އާޖް ކަލް" ގެ ބަތަލު ދާދި ފަހުން ވަނީ "ނީރްޖާ" ގެ ޑައިރެކްޓަރު ރާމް މަދަވާނީގެ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. ކާތިކް ޝޫޓިން ފަށާފައި ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ "ދޯސްތާނާ 2" އާއި އަނީސް ބަޒްމީގެ "ބޫލް ބުލައްޔާ 2" ހިމެނެ އެވެ.

ކާތިކް ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ވަރުން ދަވަންގެ ބޭބެ ޑައިރެކްޓްކުރާ ތެލެގޫ ފިލްމެއްގެ ރިމެކް ވެސް ހިމެނެ އެވެ.

ޝާހްރުކް ޕްރޮޑިއުސްކޮށް ގެނެސްދޭން ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ދެން ބެލުންތެރިންނާ ހަމައަށް އަންނާނީ އަބީޝެކް ބައްޗަކާ އެކު ގެނެސްދޭ "ބޮބް ބިސްވާސް" އެވެ.