ކާތިކް.
18 ނޮވެމްބަރ 2020 - 08:13
ޑައިރެކްޓަރު ރާމް މަދްވާނީ އެކު ކާތިކް އާރިޔަން މަސައްކަތްކުރާ ފިލްމުގައި އޭނާ ކުޅޭނީ ތަހުގީގީ ނޫސްވެރިއެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، ކާތިކް އަންނަނީ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން އިންވެސްޓިގޭޓްވި ޖާނަލިސްޓުންނާ އެކު މަސައްކަތްކޮށް، އެ މީހުންގެ ކަންކަން ހުންނަ ގޮތް ވަރަށް ގާތުން ބަލަމުންނެވެ.
ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2016 ގައި ސޯނަމް ކަޕޫރް އެކު "ނީރްޖާ" ގެނެސްދިން ޑައިރެކްޓަރުގެ އާ ފިލްމަކީ ކޮރެއާގެ ފިލްމެއްގެ ރިމެކެކެވެ. އެކަމަކު އެކަން ކަށަވަރެއް ނުވެ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ނަން އަދި އިއުލާންނުކުރާ މި ފިލްމަކީ ވަރަށް ކުޑަ ބަޖެޓަކުން ހަދާނެ، ކާސްޓް ވެސް ވަރަށް ކުޑަވާނެ ފިލްމެކެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ކާތިކް ފިލްމަށް އެއްބަސްވީ "ނީރްޖާ" ބަލާފައި މަދަވާނީއާ ދޭތެރޭ ކުރެވޭ އުންމީދުތައް ބޮޑުކަމުންނެވެ. އެ ފިލްމުގައި ކިޔައިދިނީ ޓެރަރިސްޓުންގެ ބަޔަކު މަތިންދާ ބޯޓެއް ހައިޖެކްކުރުމުން އޭގެ ކެބިން ކްރޫންގެ ތެރެއިން ނީރްޖާ ކިޔާ ހިތްވަރު ގަދަ އަންހެން ކެބިން ކްރޫއަކު އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރަން ކުރަން ކުރާ ހިތްވަރެވެ. "ނީރްޖާ" ހެދީ ހަގީގީ ހާދިސާއަކަށެވެ.
އެ ފިލްމަކީ ދެ ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމެކެވެ. އެއީ އެންމެ މޮޅު ހިންދީ ފިލްމުގެ އެވޯޑާއި ސޯނަމް ކުޅުނު ރޯލަށް ލިބުނު ސްޕެޝަލް މެންޝަން އެވޯޑެވެ.
ކާތިކް ބުނެފައިވާ ގޮތުގައި "ނީރްޖާ" ސޯނަމަށް ލިބުނު ސަމާލުކަން މަދަވާނީގެ އާ ފިލްމުން އޭނާ އަށް ވެސް ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑެވެ. ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު ކުރިން ވެސް ވަނީ މީޑިއާގައި މަސައްކަތްކުރާ މީހެއްގެ ރޯލު ކުޅެފަ އެވެ. އެއީ މިދިޔަ އަހަރުގެ "ލުކާ ޗުއްޕީ" ގަ އެވެ.
ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2" އާއި "ދޯސްތާނާ 2" ގެ އިތުރުން ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ އަދި ނަން އިއުލާންނުކުރާ ފިލްމެއް ހިމެނެ އެވެ.
މަދްވާނީ އެންމެ ފަހުން ގެނެސްދިނީ ސުޝްމިތާ ސެންއާ އެކު ޖޫން މަހު ހޮޓްސްޓާ އިން ސްޓްރީމްކުރި ވެބް ސީރީޒް "އާރިއާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy