21 ނޮވެމްބަރ 2020 - 09:07
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ފިލްމެއްގެ މަސައްކަތްކުރަން ބޭނުން ނުވެގެން ބަތަލާ ޑިމްޕަލް ކަޕާޑިއާ ދޫކޮށްލި ފިލްމަކަށް ރަތުނާ ޕަތަކް ޝާހް ސޮއިކޮށްފި އެވެ.
މީގެ ކުރިން ވެސް އެތައް ފިލްމެއްގައި ސަޕޯޓިން ރޯލުތަކެއް ކުޅެފައިވާ ރަތުނާ، 63، އަކީ މަޝްހޫރު އެކްޓަރު ނަސީރުއްދީން ޝާހްގެ އަންހެނުންނެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ރަތުނާ އެއްބަސްވި ފިލްމަކީ ޑިމްޕަލް ސޮއިކޮށްފައި އޮތް ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ ރޮމޭންޓިކް ކޮމެޑީ "ހަމް ދޯ ހަމާރޭ ދޯ" އެވެ.
މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ފެށި އެ ފިލްމުގެ ލީޑް ތަރިންނަކީ ރާޖްކުމާރު ރާއޯ އާއި ކްރިތީ ސެނަން އެވެ. އަދި ކާސްޓްގައި ޕަރޭޝް ރާވަލް ވެސް ހިމެނެ އެވެ. "ހަމް ދޯ ހަމާރޭ ދޯ" ގެ ޝޫޓިން މިހާރު ވެސް ޗަންދީގަޅްގައި ކުރިއަށް އެބަދެ އެވެ.
މީޑިއާތަކުން ބުނީ ޑިމްޕަލް ފިލްމު ދޫކޮށްލީ ކޮވިޑް-19 އަށް ވެކްސިނެއް ލިބުނު އިރަކުން ނޫނީ އެއްވެސް ފިލްމެއް ނުކުޅެން ނިންމާފައިވާތީ އެވެ. މި އަހަރު ނިމުމުގެ ކުރިން ވެކްސިނެއް ލިބޭނެ ކަމުގެ އުންމީދު ބޮޑުވެފައިވާ އިރު، އަހަރުގެ ފަހުކޮޅަށް ފިލްމުގެ ޝޫޓިން ފަސްކޮށްދޭން ވެސް ޑިމްޕަލް ޕްރޮޑިއުސަރުގެ ގާތުގައި އެދުނު ކަމަށް މީޑިއާތަކުން ބުންޏެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ލަސްކޮށްފި ނަމަ ކާސްޓުންނަށް ވަގުތު ދޭން ދަތިވުމާއި އިތުރު ހަރަދުތަކެއް ވެސް ހިނގާނެ ކަމަށް ބެލެވޭތީ ޑިމްޕަލް އެދުނު ގޮތަށް ފިލްމު ފަސްކޮށްދެވެން ދިނޭޝް އަށް ނެތުމުން އޭނާ ފިލްމުން ވަކިވީ އެވެ.
ޑިމްޕަލް، 63، އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ ވެސް ދިނޭޝް ޕްރޮޑިއުސްކުރި ފިލްމެކެވެ. އެއީ މާޗްގައި ރިލީޒްކުރި ކުރީގެ އެކްޓަރު އިރުފާން ޚާންގެ "އަނގްރޭޒީ މީޑިއަމް" އިންނެވެ. ޑިމްޕަލްގެ ކުރިއަށް އޮތް ފިލްމަކީ ޝޫޓިން ނިމިފައި އޮތް ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ބުރައްމަސްތުރާ" އެވެ.
އަކްޝޭ ކުމާރުގެ މައިދައިތަ ޑިމްޕަލް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ އޮގަސްޓް މަހު ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ޓެނެޓް" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy