20 ނޮވެމްބަރ 2020 - 07:53
ޖޫން މަހު އަމިއްލަ އަށް ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅުވައިގެން އެޅުވި ތުހުމަތުތަކެއްގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް 500 ކްރޯޑް ރުޕީސް (67.4 މިލިއަން ޑޮލަރު) ހޯދަން، ޔޫޓިއުބް ޗެނެލެއް ހިންގާ މީހަކަށް އަކްޝޭ ކުމާރު ދައުވާކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަކްޝޭ ދައުވާކުރި މީހާ އަކީ ބިހާރަށް ނިސްބަތްވާ ރާޝިދު ސިއްދީގީ ކިޔާ މީހެކެވެ. މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދަވް ތާކްރީ އާއި އޭނާގެ ދަރިފުޅު އަދި ކެބިނެޓް މިނިސްޓަރު އަދިތިޔާ ތާކްރީއާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކި މައްސަލައެއްގައި ދާދި ފަހުން ރާޝިދު ހައްޔަރު ކުރި ނަމަވެސް މިހާރު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.
އޭނާގެ މައްޗަށް އަކްޝޭ ދައުވާކުރީ "އެފްއެފް ނިއުސް" ގެ ނަމުގައި ހިންގަމުން ދިޔަ ޔޫޓިއުބް ޗެނެލްގައި އާންމުކުރި ސާބިތު ނުހިފޭ ދޮގު ވާހަކަތަކަކާ ގުޅިގެންނެވެ. ރާޝިދު ބުނެފައިވާ ގޮތުގައި އަކްޝޭ ވަނީ ސުޝާންތު މަރުވި އިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އަކްޝޭގެ ރަށްވެހިކަން އޮންނަ ކެނެޑާ އަށް ވަރަށް ސިއްރިޔާތުން ރިއާ ފޮނުވަން މަސައްކަތްކޮށްފަ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި އިންޑިއާގެ ކްރިކެޓް ތަރި އެމްއެސް ދޯނީގެ ވާހަކަ ކިޔައިދިން 2016 ގެ ބައޮގްރަފިކަލް ޑްރާމާ "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ކުޅެން ސުޝާންތަށް ލިބުމުން އަކްޝޭ އެކަމާ ވަރަށް ހިތްހަމަނުޖެހިގެން ސުޝާންތުގެ ކެރިއަރު ހަލާކުކުރަން އެކި ކަހަލަ ކަންކަން ވެސް ކޮށްފައިވެ އެވެ.
ސުޝާންތާއި ރިއާ.
ރާޝިދަށް ދައުވާކުރަން ނިންމައި އަކްޝޭ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ސާބިތު ނުހިފޭ ދޮގު ވާހަކްތައް ފަތުރައި، އޭނާގެ އަބުރަށް އަރައިގެންފައިވާ ކަމަށެވެ. އަދި ރާޝިދަކީ ދޮގު ޚަބަރު ޔޫޓިއުބް މެދުވެރިކޮށް ފަތުރައި، އެ ޕްލެޓްފޯމްގެ އެހީގައި އެތައް ލައްކަ ރުޕީސްއެއް ހޯދަމުންދާ މީހެއް ކަމަށް ބުނެފައިވެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުޝާންތު މަރާއި އަކްޝޭއާ ގުޅުވައިގެން ރާޝިދު އާންމުކުރި ވީޑިއޯ އިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ 15 ލައްކަ ރުޕީސްގެ އާމްދަނީއެއް ހޯދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy