ކާތިކް.
24 ނޮވެމްބަރ 2020 - 08:25
ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން ނޫސްވެރިއެއްގެ ރޯލް ކުޅޭ ފިލްމުގެ ނަމާ އެކު، އޭގެ ދެ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.
މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިން ވިދައިލި އެކްޓަރު، ޑައިރެކްޓަރު ރާމް މަދްވާނީއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ނަމަކީ "ދަމާކާ" އެވެ. މީގެ ސްޓިލް އަދި މޯޝަން ޕޯސްޓަރު ވެސް ދައްކާލާފައިވާ އިރު، އޭގައި ފެންނަނީ ބްރިޖެއްގެ މަތީގައި ރޯވެފައިވާ އަލިފާންގަނޑަކާ ދިމާއަށް ކާތިކް އިމާރާތެއްގެ ތެރޭގައި ބަލަހައްޓައިގެން ހުންނަ ތަނެވެ.
ފިލްމުގެ ޕޯސްޓަރުތައް ދައްކައިލީ އާދީއްތަ ދުވަހު ފާހަގަކުރި ކާތިކްގެ 30 ވަނަ އުފަން ދުވަހާ ދިމާކޮށެވެ.
ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމު "ނީރްޖާ" ގެނެސްދިން މަދްވާނީގެ "ދަމާކާ" އަކީ ކޮރެއާގެ 2013 ގެ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ކިމް ބިއަންގް-ވޫ ޑައިރެކްޓްކުރި އެ އެކްޝަން ތުރިލާގެ ލީޑް ރޯލް ކުޅުނީ ހާ ޖަންގް-ވޫ އެވެ. މި ފިލްމުގައި ކިޔައި ދެނީ ބްރިޖެއް ރޯވެގެން ހިނގާ ނުރައްކާތެރި ބިރުވެރި ހާދިސާއެއް ލައިވްކުރަން ނޫސްވެރިޔަކު ކުރާ މަސައްކަތެވެ.
މަދްވާނީގެ "ދަމާކާ" އިން ފުރުސަތު ލިބުމުން ކާތިކް ބުނީ ފިލްމަށް އޭނާ އެއްބަސްވީ ސްކްރިޕްޓް ފުރިހަމަކަމުން ކަމަށެވެ. ފިލްމުގެ ސްކްރީންޕްލޭ "މުއުޖިޒާތެއް" ގޮތަށް ސިފަކޮށް އަރަމުން އަންނަ ހުނަރުވެރި އެކްޓަރު ބުނީ ފިލްމުގެ މަސައްކަތް ފަށަން މިހާރު ކެތްމަދުވެފައިވާ ކަމަށެވެ.
"އަހަރެން ވަރަށް މަސައްކަތްކުރާނަން މަދްވާނީ ސާ އެންމެ ބޭނުންވާ ފެންރަށް މަސައްކަތްކުރަން." މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ލަވް އާޖް ކަލް" ގެ ބަތަލު ބުންޏެވެ. "މިއީ އަހަންނަށް ވަރަށް ހާއްސަ ފިލްމެއް. ކުރިން ތަޖުރިބާކޮށްލަން ނުލިބޭ ޖޯންރާއެއްގެ ފިލްމެއް."
"ދަމާކާ" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، ޕްލޭންކޮށްފައި އޮތް ގޮތުން 45-50 ދުވަހުގެ ތެރޭގައި ޝޫޓި ނިންމާނެ އެވެ.
އަންނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ރިލީޒްކުރަން އަމާޒު ހިފާފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އާއި "ދަ ސްކައި އިޒް ޕިންކް" ފަދަ ފިލްމުތައް ގެނެސްދިން ރޯނީ ސްކްރޫވާލާ އެވެ.
"ދަމާކާ" ގެ ޝޫޓިން އަންނަ މަހު ފަށާ އިރު، ކާތިކްގެ އަތުގައި މިހާރު ވެސް ޝޫޓިން ފަށާފައި އޮތް ދެ ފިލްމެއް އެބައޮތެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސްގެ ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ 2" އާއި ޑައިރެކްޓަރު އަނީސް ބަޒްމީގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އެވެ.
މަދްވާނީ އެންމެ ފަހުން ގެނެސްދިނީ ސުޝްމިތާ ސެންއާ އެކު ޖޫން މަހު ހޮޓްސްޓާ އިން ޕްރިމިއާކުރި ވެބް ސީރީޒް "އާރިއާ" އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް