15 ޑިސެމްބަރ 2020 - 19:16
ސްޓާ ޕްލަސް އިން ގެނެސްދޭ އެންމެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން އެކްޓިން އަށް ނުކުމެ އެ ސިލްސިލާގެ އަކްޝަރާގެ ރޯލުން ވިދައިލި ބަތަލާ ހީނާ ޚާން އަލުން އެ ކެރެކްޓާ އިން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
މި ވާހަކަ އިންސްޓަގްރާމްގަިއ ވެސް ހިއްސާކޮށް ހީނާ ބުނީ "އެނބުރި އަންނަނީ އަނެއްކާ ވެސް ބެލުންތެރިންގެ ހިތްތައް އަތުލަން" ކަމަށެވެ. ހީނާ އަލުން "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގުޅެނީ އާ އަހަރާ ދިމާކޮށް ގެނެސްދޭ އެޕިސޯޑްތަކަކުން ކަމަށް ބެލެވެ އެވެ.
އޭނާ އަލުން ސިލްސިލާ އަށް އަކްޝަރާގެ ގޮތުގައި އަންނަނީ އެ ދޫކޮށްލިތާ ހަތަރު އަހަރު ފަހުންނެވެ. ހީނާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ދޫކޮށްލަން 2016 ގައި ނިންމުމާ ގުޅިގެން އޭނާގެ ކެރެކްޓާ މަރުވެއްޖެ ކަމަށް ގެނެސްދީފައިވެ އެވެ. އޭގެ ފަހުން އެ ސިލްސިލާގެ މައިގަނޑު ވާހަކަ އެނބުރެނީ އަކްޝަރާގެ އަންހެން ދަރިފުޅު ނައިރާ އާއި އޭނާގެ ފިރިމީހާ ކާތިކްގެ ވަށައިގެންނެވެ.
"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަށް އެނބުރި އައުމާ ބެހޭ ގޮތުން ހީނާ ބުނީ އަކްޝާގެ ރޯލަކީ އޭނާގެ ހިތާއި ފުރާނަ އާއި މުޅި ޖިސްމު އެ ރޯލަކަށް ގުރުބާންކުރި ކެރެކްޓާއެއް ކަމަށާއި އަކްޝަރާގެ ގޮތުގައި އަލުން އެނބުރި އައުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ފުރުސަތު އަލުން ދިނީތީ އޭގެ ޓީމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ބުންޏެވެ.
"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ހީނާ ކުޅުނު އަކްޝަރާގެ ރޯލަކީ ވަރަށް ގެވެހި މަޑުމައިތިރި އާއިލާ ދެކެ ލޯބިވާ އަންބެއްގެ ރޯލެވެ. ނަމަވެސް އެ ސިލްސިލާ ދޫކޮށްލި ފަހުން އޭނާގެ އިމޭޖް ވަނީ މުޅިން އޭގެ އިދިކޮޅަށް ބަދަލުވެފަ އެވެ. މިހާރު ހީނާ މަޝްހޫރީ ވަރަށް "ހޮޓް" ބަތަލާއެއްގެ ގޮތުގަ އެވެ. އެގޮތުން ސިލްސިލާ އިން ވަކިވެ 2017 ގައި "ބިގް ބޮސް" ގެ 11 ވަނަ ސީޒަނުގައި ހީނާ ވާދަކުރުންވެގެން ދިޔައީ ބެލުންތެރިންނަށް އަކްޝަރާއާ މުޅިން ތަފާތު ހީނާއެއް ފެނިގެން ދިޔަ އެއްޗަކަށެވެ. އެގޮތުން ހީނާ އަކީ ވަރަށް ސްޓައިލިޝް އަދި އެހާމަ ގޮތުގައި ހުންނަ ބަތަލާއެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔަ އެވެ.
އެއާ އެކު ކަލާޒްގެ ސިލްސިލާގެ "ކަސޯޓީ" ގެ އާ ސީޒަންގެ ވިލަންގެ ރޯލް ކުޅެން އޭނާ އަށް ލިބުނެވެ. އެކަމަކު އެ ސިލްސިލާ ކުޅެން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ ހީނާ އަށް ފިލްމުތަކާއި ވެބް ސީރީޒްތަކުން ފުރުސަތު ލިބެން ފެށުމުން އޭނާ "ކަސޯޓީ" ދޫކޮށްލި އެވެ.
އޭގެ ފަހުން ހީނާ ބޮޑު ސްކްރީނަށް ނުކުތީ މި އަހަރުގެ ކުރީކޮޅު ޑައިރެކްޓަރު ވިކްރަމް ބަޓް ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އިންނެވެ. ހީނާ މިހާތަނަށް ގިނަ ވެބް ސީރީޒްތަކެއް ކުޅެފައިވާ އިރު އޭނާގެ އެންމެ ފަހުގެ މަސައްކަތަކީ މިދިޔަ ހުކުރު ދުވަހު އެމްއެކްސް ޕްލެޔާ އިން ސްޓްރީމްކުރި ފިލްމު "ވިޝްލިސްޓް" އެވެ.
އިންޑިއާގެ އެންމެ ކާމިޔާބު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަކީ 2009 ގައި ދައްކަން ފެށި އެއްޗެކެވެ. އޭގެ 3،290 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަޑް ގެނެސްދީފައިވެ އެވެ.
މި ސިލްސިލާގެ ކާމިޔާބީގެ ސަބަބުން ސްޓާ ޕްލަސް އިން އޭގެ ވާހަކައިން ކުރިފަޅުވައިގެން "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ ނަމުގައި ވެސް ސިލްސިލާއެއް ގެނެސް ދީފައިވެ އެވެ. މިދިޔަ އަހަރު ދައްކަން ފެށި އެ ސިލްސިލާ ނިންމައިލީ މިދިޔަ އޮކްޓޯބަރު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy