އަނިލް.
20 ޑިސެމްބަރ 2020 - 11:34
މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއްގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ ބަތަލާ ސީޕާ ޕަހްވާގެ އަލަތު ޑައިރެކްޝަން "ރާމް ޕްރަސާދު ކީ ތެހްރީ" އަންނަ މަހުގެ 1 ގައި ސިނަމާތަކަށް ގެންނަން ނިންމައި، ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.
މި ފިލްމުގެ ހާއްސަ ސްކްރީނިންއެއް މި މަހުގެ 31 ގައި ބާއްވަން ހަމަޖެހިފައިވާ އިރު ފިލްމުގެ ކާސްޓްގައި ނަސީރުއްދީން ޝާހާއި ކޮންކޮނާ ސެން ޝަރުމާ އާއި ސުޕްރިޔާ ޕަތަކާއި ވިކްރަންތު މަސީ އާއި ވިނޭ ޕަތަކާއި ސީމާގެ ފިރިމީހާ މަނޯޖް ޕަހްވާގެ އިތުރުން ޕްރަމްބްރަޓާ ޗެޓަޖީ ވެސް ހިމެނެ އެވެ.
ސީމާ، 58، ޑައިރެކްޝަނަށް ނުކުތް އިރު މި ފަހުން އޭނާ ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ބާލާ" އާއި "ބެރީލީ ކީ ބަރްފީ" އާއި "ސޫރަޖް ޕޭ މަންގަލް ބާރީ" ފަދަ ފިލްމުތައް ހިމެނެ އެވެ.
މި އަހަރު ބޮލީވުޑުން ޑައިރެކްޝަނަށް ނުކުތް ބަތަލާއިންގެ ތެރޭގައި ޝެފާލީ ޝާހާއި ޓިސްކާ ޗޯޕްރާ ވެސް ހިމެނެ އެވެ.
ޗަންދީގަޅްގައި ޝޫޓިން ކުރިއަށް ދަނިކޮށް ބައެއް ކާސްޓުންނަށް ކޮވިޑް-19 ޖެހިގެން ހުއްޓުމަކަށް އައި ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ޝޫޓިން އަލުން ފަށައިފި އެވެ.
ފިލްމުގެ ކާސްޓުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ ވަރުން ދަވަން އާއި ނީޓޫ ސިންގްގެ އިތުރުން މަނީޝް ޕޯލެވެ. "ޖުގް ޖުގް ޖިއާ" ގެ ލީޑް ކާސްޓްގައި ދެން ހިމެނެނީ ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރެވެ. ޝޫޓިން އަލުން ފެށި ވާހަކަ ވަރުން ވަނީ މާސްކް އަޅައިގެން ކިއާރާއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ހިއްސާކޮށްފަ އެވެ.
މި ފިލްމަކީ މިދިޔަ އަހަރު "ގުޑް ނިއުސް" ގެނެސްދިން ރާޖް މެހެތާގެ ދެވަނަ ފިލްމެވެ. އަންނަ އަހަރު ރިލީޒްކުރާ "ޖުގް ޖުގް ޖިއޯ" އަކީ ކަރަން ޖޯހަރްގެ ދަރުމާ އިން ހަދާ ރޮމޭންޓިކް ކޮމެޑީއެކެވެ.
ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
މިދިޔަ ހަފުތާގައި ޝޫޓިން ފެށި ކާތިކް އާރިޔަންގެ އާ ފިލްމު "ދަމާކާ" ގެ ޝޫޓިން އެއްކޮށް އެންމެ 20 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ރާވައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ފިލްމުގެ ޝޫޓިންގެ ބޮޑުބައި ކުރިއަށް ގެންދާނީ މުމްބާއީގެ ހޮޓަލެއްގަ އެވެ. އަދި އެތަނުގައި ޝޫޓިން ކުރިއަށް ގެންދަން ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެ އެވެ. "ދަމާކާ" ގެ ޝޫޓިން 20 ދުވަހުގެ ތެރޭގައި ނިންމައިފި ނަމަ ބޮލީވުޑްގެ ފީޗާ ފިލްމެއް އެންމެ އަވަހަށް ނިންމުމުގެ ރެކޯޑް ލިބޭނެ އެވެ.
މި ފިލްމަކީ 2013 ގައި ރިލީޒްކުރި ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން 2016 ގެ "ނީރްޖާ" ގެނެސްދިން ރާމް މަދްވާނީ ހަދާ ފިލްމެކެވެ.
ކާތިކް ނޫސްވެރިއެއްގެ ރޯލް ކުޅޭ "ދަމާކާ" އަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި މަހުގެ 11 ވަނަ ދުވަހު ހާޓްއެޓޭކެއް ޖެހިގެން އޮޕަރޭޝަނެއް ކުރަން ޖެހުނު ބޮލީވުޑްގެ ޑައިރެކްޓަރު/ކޮރިއޮގްރާފަރު ރެމީ ޑި ސޫޒާ ހުކުރު ދުވަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއަކާ އެކު، އޭނާ އަށް ހެޔޮ ދުއާކޮށް ދިން އެންމެންނަށް ޝުކުރު އަދާކޮށް، ހާލު މިހާރު ރަނގަޅު ކަމަށް ބުނެފައިވެ އެވެ.
ރެމޯ އަށް ފަރުވާދިނީ މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލްގަ އެވެ.
ބޮލީވުޑްގެ އެތައް ފިލްމެއް ނެށުންތައް ތައްޔާރުކޮށް ދީފައިވާ ރެމޯ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ސްޓްރީޓް ޑާންސާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy