03 ޖެނުއަރީ 2021 - 08:07
ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ކަމަށް ބުނެ، މިދިޔަ އަހަރު މަސްތުވާތަކެތީގެ ތުހުމަތުތަކަށް އިންކާރުކުރި ބޮލީވުޑްގެ އެކްޓަރު އަަރުޖުން ރާމްޕާލް މިދިޔަ އަހަރު އޭނާ އަށް ލިބުނު ފިލާވަޅުތަކުގެ ވާހަކަ "މަޒުމޫނެއް" ގެ ގެ ސިފައިގައި ސޯޝަލް މީޑިއާގައި އާންމުކޮށްފި އެވެ.
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ދަންޖެހިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މަރުވި ހާދިސާގެ ފަހުން ބޮލީވުޑްގައި ހިލުނު މަސްތުވާތަކެތީގެ މައްސަލަގަނޑުގެ ތެރެއިން އިނގިލި ދިއްކުރެވުނު އެކަކީ އަރުޖުން އެވެ. އޭނާ މަސްތުވާތަކެތި ބޭނުންކޮށް އެ ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
މިދިޔަ އަހަރަކީ އުނދަގޫ އަހަރެއްގެ ގޮތުގައި ސިފަކޮށް އަރުޖުން ވަނީ އޭނާގެ "މަޒުމޫނު" ގައި ވަކިވަކިން އެކި ކަންކަމަށް ވާހަކަ ދައްކައިފަ އެވެ. އާއިލާއެއްގެ މުހިއްމުކަމާއި އަބަދު ވެސް އެންމެ ގާތުގައި އާއިލާގެ މީހުން ތިބުމަކީ އެންމެ ބޮޑު ހިތްވަރު ކަމަށް އޭގައި ބުނެފައިވެ އެވެ.
ކެރިއަރާ ބެހޭ ގޮތުން ބުނެފައިވަނީ މިދިޔަ އަހަރަކީ އޭނާ އެންމެ ބިޒީވާން އޮތް އަހަރު ކަމަށެވެ. ނަމަވެސް މިހާރު ވަރަށް މަދުން ފެންނަ އެކްޓަރު ބުނީ މިދިޔަ އަހަރު ކަންތައްތައް ދިމާވި ގޮތުން ކެރިއަރުގެ ކަންކަން ވެސް ދިޔައީ ޕްލޭންކުރި ގޮތަށް އަދި އުންމީދު ވެސް ކުރި ގޮތަށް ނޫން ކަމަށެވެ. އުމުރުން 48 އަހަރުގެ އެކްޓަރު ބުނީ އޭނާގެ ފިލްމީ ކެރިއަރު 20 ވަނަ އަހަރަށް އަޅާފައިވާ އިރު، އުންމީދަކީ މި އަހަރު ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރުން ކަމަށެވެ.
އަރުޖުން ބޮލީވުޑަށް ނުކުތީ 2001 ގެ "ޕިޔާރު އިޝްގް އޯރް މުހައްބަތު" އިންނެވެ. ފިލްމު "ރޮކް އޯން" އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފައިވާ އެކްޓަރުގެ ކުރިއަށް އޮތް ފީޗާ ފިލްމަކީ "ދަ ބެޓްލް އޮފް ބީމާ ކޮރެގާއޯ" އެވެ. ފިލްމުތަކަށް ވުރެ ބޮޑަށް އަރުޖުން މި ފަހުން މަސައްކަތްކޮށްފައި ވަނީ ވެބް ސީރީޒްތަކުންނެވެ. އޭނާ އެންމެ ފަހުން ފެނިފައިވާ ފީޗާ ފިލްމަކީ 2018 ގެ "ޕަލްޓާން" އެވެ.
އަރުޖުންގެ "މަޒުމޫނު" ގައި ފޭނުންނާއި ރައްޓެހިންނާއި މީޑިއާ އާއި ފިލްމީ ދާއިރާ އާއި ގައުމާ ދޭތެރޭ ކުރެވޭ އުންމީދުތަކުގެ ވާހަކަތައް ވެސް ހިއްސާކޮށްފައިވެ އެވެ. އޭނާގެ "މަޒުމޫން" ނިންމާލާފައި ވަނީ 2020 އަކީ ހަނދާން ނައްތައިނުލެވޭނެ އަހަރެއް ކަމަށް ބުނެ އާ އަހަރުގެ ހެޔޮއެދުން ވެސް ފޮނުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy