05 ޖެނުއަރީ 2021 - 08:34
އެކީގައި މަސައްކަތްކުރަން ހަތަރު ޕްރޮޖެކްޓެއް ހުށަހެޅި ކަމަށާއި އެއިން އެއްވެސް އެއްޗެއް، މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ގަބޫލުނުކޮށް ބޮލާލައި ޖަހާފައިވާ ކަމަށް ބުނެ ކަޕިލްގެ ގާތުގައި އަނިލް ޝަކުވާކޮށްފި އެވެ.
ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އެޕިސޯޑެއްގައި އަނިލްގެ އެންމެ ފަހުގެ ފިލްމު ނެޓްފްލިކްސްގެ "އޭކޭ ވާސަސް އޭކޭ" ޕްރޮމޯޓްކުރަން މި ހަފުތާގައި ގޮސް އަނިލް ވަނީ ކަޕިލް އޭނާގެ ސިލްސިލާ "24" އާއި ފިލްމު "ތޭޒް" އާއި "މުބާރަކަން" އިން ވެސް ރޯލެއް ހުށަހެޅި ކަމަށް ބުނެފަ އެވެ.
އަނިލްގެ "24" އަކީ އޭނާ ރޯލެއް ކުޅުނު އެމެރިކާގެ ޓީވީ ސިލްސިލާ "24" ގެ ހިންދީ ވާޝަނެވެ. ކަލާޒް ޗެނަލުން ވަރަށް ބޮޑު ކާސްޓަކާ އެކު އެ ގެނެސްދިނީ 2013-2016 އަށެވެ. "ތޭޒް" އަކީ އަނިލް އާއި އަޖޭ ދޭވްގަންއާ އެކު ޑައިރެކްޓަރު ޕްރިޔާދަރުޝަން 2012 ގައި އުފެއްދި ފިލްމެކެވެ.
ދެހާސް ސަތާރައިގެ "މުބާރަކަން" އަކީ އަނިލް އާއި އަރުޖުން ކަޕޫރާ އެކު، ޑައިރެކްޓަރު އަނީސް ބަޒްމީ ގެނެސްދިން ފިލްމެކެވެ.
އެއިން އެއްވެސް އެއްޗެއް ގަބޫލުނުކުރުމުން އަނިލް ކުރި ޝަކުވާތަކާ ގުޅިގެން ކަޕިލް ބުނީ "24" އަށް އެއްބަސްނުވެވުނީ އޭރު އޭނާގެ ޝޯ ފަށަން ތައްޔާރުވާތީ އެކަމާ ވެފައި ހުރި އުފަލުން އެހެން އެއްޗެއްގައި މަސައްކަތްކުރަން ބޭނުން ނުވީ ކަމަށެވެ.
އެއާ ގުޅުވައިގެން ކަޕިލް ވަނީ އަނިލްގެ 1983ގެ ފިލްމު "ވޯ ސާތު ދިން" ގެ ރިމޭކެއް ހަދަން އަނިލް އެދުނު ކަމަށް ވެސް ބުނެފަ އެވެ. އެއާ އެކު އަނިލް ބުނީ އޭނާ ހުށަހެޅި އެއްވެސް އެއްޗެއް ކަޕިލް ގަބޫލުކޮށްފައި ނުވާ ކަމަށެވެ.
"އެކަމަކު އަހަރެން އަދިވެސް އެދެން އަނިލް އަހަންނަށް ޕްރޮޖެކްޓްތަައް އޮފާކުރަން. އެކަމުގައި ދެމިހުންނާތި،" ކަޕިލް ބުންޏެވެ.
އަނިލް ބުނީ އޭނާ މިހާރު ފިލްމުތަކުގައި ކުޅެނީ ސަޕޯޓިން ކެރެކްޓާ ރޯލްތައް ކަމަށެވެ.
"އެހެންވީމާ ކަޕިލްގެ ބައްޕަ ނުވަތަ ބޭބެއެއްގެ ރޯލު ކުޅެން އޮތް ނަމަ އެކަން އަންގާލަދޭތި،" އަނިލް ބުންޏެވެ.
އެއަށް ރައްދު ދެމުން ކަޕިލް ބުނީ އޭނާގެ ބައްޕަގެ ރޯލް އަނިލް ކުޅެފި ނަމަ އެ ފިލްމެއް ބަލާ ބަޔަކަށް ހީވާނީ ބައްޕަ އަކީ އޭނާހެން ކަމަށެވެ.
"ބައްޕައަކާ ވައްތަރު ވާނީ ހަމަ ޔަގީނުން ވެސް އަހަރެން،" އަނިލްގެ ޒުވާންކަން ފާހަގަކޮށް ކަޕިލް ބުންޏެވެ.
އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ މަގުބޫލު ކޮމީޑިއަންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ކަޕިލް މިހާތަނަށް ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ އައްބާސް-މަސްތާންގެ 2015 ގެ "ކިސް ކިސް ކޯ ޕިޔާރު ކަރޫ" އާއި ކަޕިލް އަމިއްލަ އަށް ޕްރޮޑިއުސްކުރި 2017 ގެ "ފިރަންގީ" އެވެ. އޭނާ މިހާރު އަންނަނީ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަން ތައްޔާރުވަމުންނެވެ.
ސޮނީ ޓީވީން ގެނެސްދޭ ކަޕިލްގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ އިންޑިއާގެ އެންމެ މަގުބޫލު އެއް ޓީވީ ޝޯ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސޫ
05 January 2021
ކަޕީލް ޝަރުމާ ޝޯގައި އުޅެނީ މޮޅު ކޮމެޑިއަނުން. ވަރަށް ހިނިއާދޭ. ކަޕީލު ޝަރުމާވެސް ވަރަށް މޮޅު. އެކަމަކު ފިލްމު ކުޅެން ކަމުދާ މީހެއްހެން ހީނުވޭ. ހިންދީ ބަސް އެނގިގެން ބޮޑަށް ހެވޭނީ.