މި ވަގުތު އަހަންނަކަށް ނެތް އެއްވެސް ތަފުސީލަކަށް ދެވޭކަށް. އެހެންވެ އެދެން ސިލްސިލާ އިން ވާން އުޅޭ ގޮތަށް ބަލަން އިންތިޒާރުގައި ކެތްތެރިކަމާ އެކު ތިބުމަށް
09 ޖެނުއަރީ 2021 - 09:40
ސްޓާ ޕްލަސް އިން ގެނެސްދޭ އެންމެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ވާހަކަ މިހާރު އޮތީ ވަރަށް ނާޒުކު ހިސާބެއްގަ އެވެ. އެއީ އޭގެ ލީޑް އަންހެން ކެރެކްޓާ ނައިރާގެ މަރާ ސިލްސިލާގެ ވާހަކަ ގުޅިފައިވާތީ އެވެ. އާ ޕްރޮމޯއަކުން ވެސް އެކަން ވަނީ ދައްކާލައިފަ އެވެ.
އެހެންވެ މިހާރު އެންމެ ބޮޑަށް ދެކެވެނީ ނައިރާގެ ކެރެކްޓާ ކުޅޭ ޝިވާންގީީ ޖޯޝީ ވަރަށް އަވަހަށް "ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ" އިން ގެއްލެން އުޅޭ ވާހަކަ އެވެ. އެ ސިލްސިލާ ބަލާ ގިނަ ބަޔަކު މިހާރު ތިބީ ހަގީގަތުގައި ވާން އުޅޭ ގޮތެއް ނޭނގި ބޮޑު މާޔޫސްކަމެއްގެ ތެރޭގަ އެވެ. ސަބަބަކީ 2016 އިން ފެށިގެން އެ ސިލްސިލާ ހިފަހައްޓައި ދެނީ ޝިވާންގީގެ ކެރެކްޓާ އާއި މުހުސިން ޚާން (ކާތިކް) ގެ ކެރެކްޓާ ކަމަށްވުމެވެ.
އަނެއްކޮޅުން މި ދެ ތަރިންގެ ކެމިސްޓްރީ އާއި އެ މީހުންގެ ކެރެކްޓާތައް ދެކެ ބެލުންތެރިން ވަރަށް ލޯބިވެ އެވެ. ޝިވާންގީ އާއި މުހުސިން ދެމަފިރިންގެ ރޯލު ކުޅެމުން އަންނަ އިރު، އެ ދެ މީހުންނަކީ ހަގީގީ ދިރިއުޅުމުގައި ވެސް ދެ ލޯބިވެރިންނެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ނައިރާގެ ކެރެކްޓާ މަރުނުވާނެ ކަމަށާއި ވާން އުޅޭ ގޮތެއް ކުރިއަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި ސާފުވެގެން ދާނެ ކަމަށެވެ. އެހެންވެ ތުންތުންމަތިން "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ވާހަކަ އެނބުރިގެން އަންނަ އުޅޭ ގޮތާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގަބޫލުނުކުރަން ޝިވާންގީ ވަނީ ފޭނުންގެ ކިބައިން އެދިފަ އެވެ.
"މި ވަގުތު އަހަންނަކަށް ނެތް އެއްވެސް ތަފުސީލަކަށް ދެވޭކަށް. އެހެންވެ އެދެން ސިލްސިލާ އިން ވާން އުޅޭ ގޮތަށް ބަލަން އިންތިޒާރުގައި ކެތްތެރިކަމާ އެކު ތިބުމަށް. ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ވާހަކަ އަށް އަންނަ ޓްވިސްޓަކީ ކޮބައިކަން އެނގޭނެ." ޝިވާންގީ ބުންޏެވެ.
އޭނާ ބުނީ ސިލްސިލާގެ ވާހަކަ މިހާރު އެނބުރިފައި އޮތް ގޮތުން ނައިރާ މަރުގެ ތުންފަތްމައްޗަށްދާ ގޮތަށް ގެނެސްދޭން ނިންމި ނިންމުމަކީ އަމިއްލަ އަށް ވެސް ލިބުނު ބޮޑު ޝޮކެއް ކަމަށެވެ.
"އެ ވާހަކަ ކްރިއޭޓިވް ޓީމުން ދެއްކީމަ ހިތްދަތިވެގެން ގޮސް ރުއިން ނޫން ކަމެއް އަހަންނަކަށް ނުކުރެވޭ. ސަބަބަކީ ނައިރާގެ ކެރެކްޓާއާ ނުލައި އަހަންނަށް މިހާރު އަސްލު ދިރިއުޅުން އުޅެން ވެސް ނޭނގޭތީ،" ޝިވާންގީ ބުންޏެވެ. "އެއީ އަހަރެންގެ އެ ރޯލަކަށް ފުރާނަ އާއި މުޅި ޖިސްމު ގުރުބާންކޮށްފައިވާ ހަޔާތުގެ ވަރަށް މުހިއްމު ބާބެއް."
ޝިވާންގީ އާއި މުހިސިންގެ ކެރެކްޓާތަކަށް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ވާހަކަ އަނބުރާލަން ޖެހުނީ ކުރިން އޭގައި ލީޑް ރޯލް ކުޅުނު ހީނާ ޚާން (އަކްޝަރާ) އާއި ކަރަން މެހެރާ (ނައިތިކް) ސިލްސިލާ ދޫކޮށްލަން ނިންމުމާ އެކީގަ އެވެ. އެ ދެ ކެރެކްޓާ އަކީ ނައިރާގެ މައިންބަފައިންނެވެ.
މިހާރު ވެސް އިންޑިއާގެ އެންމެ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ދައްކަން ފެށީ 2009 ގަ އެވެ. އޭގެ 3،330 އަށް ވުރެ ގިނަ އެޕިސޯޑް ގެނެސްދީފައިވެ އެވެ.
ދާދި ފަހުން ހީނާ ވަނީ އޭނާ އަލުން ސިލްސިލާ އަށް އެނބުރި އަންނަން އުޅޭ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy