އަންމޯލް.
29 ޖެނުއަރީ 2021 - 07:26
ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ފިރިހެން ދަރިފުޅު އަންމޯލް ތަކޭރިއާ ދިލަން ބޮލީވުޑަށް ތައާރަފުވާ ފިލްމު ޓިއުޒްޑޭސް އެންޑް ފްރައިޑޭސް (ޓީއެންޑްއެފް) އަންނަ މަހުގެ 19 ގައި ސިނަމާތަކަށް ގެންނަން ނިންމައި، އޭގެ ޕޯސްޓަރު ދައްކާލައިފި އެވެ.
މި ފިލްމަކީ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށް، ބުޝަން ކުމާރުގެ ޓީ ސީރީޒާ ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. ލޯބީގެ ވާހަކައަކަށް ހަދާފައިވާ ޓީއެންޑްއެފްގެ ޑައިރެކްޓަރަކީ ތަންވީރު ސިންގް އެވެ.
އަންމޯލްއާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ އާ މީހެކެވެ. އެއީ ޖަތަލޭކާ މަލްއުތުރާ އެވެ.
ބަންސާލީގެ ފިލްމަކުން އަންމޯލް ބޮލީވުޑަށް ނެރެން އުޅޭ ވާހަކަ އިއުލާންކުރީ 2019 ގަ އެވެ. އޭނާގެ އަލަތު ފިލްމު އަންނަ މަހު ސިނަމާތަކަށް ގެންނަކަން މިހާރު ކަށަވަރުވެފައިވާ އިރު، ގިނަ ބަޔަކު އިންތިޒާކުރާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އަންމޯލް އަކީ ކާމިޔާބު އެތައް ފިލްމެއް ކުޅުނު ޕޫނަމް، 58، ގެ ދަރިއަކަށްވެފައި އޭނާގެ އެކްޓިން ހުނަރު ބަލައިލަން ފޭނުން ވެސް ބޭނުންވުމެވެ.
އަންމޯލް، 25، އަކީ ޕޫނަމް އާއި ޕްރޮޑިއުސަރު އަޝޯކް ތަކޭރިއާގެ ދެ ދަރިންގެ ތެރެއިން ހަގު ދަރިފުޅެވެ. ދޮއްޓަށް ހުންނަނީ ޕަލޯމާ ތަކޭރިއާ ކިޔާ، 26 އަހަރުގެ އަންހެން ކުއްޖެކެވެ.
އަންމޯލް އަކީ ބޮލީވުޑްގެ ތަރިއެއްގެ ދަރިންގެ ދަރިންގެ ތެރެއިން މި އަހަރު ތައާރަފުވާ ފުރަތަމަ ބަތަލެވެ.
މި އަހަރު ތައާރަފުވާނެ ކަމަށް ބެލެވޭ އެކްޓަރުންގެ ތެރޭގައި ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ވެސް ހިމެނެ އެވެ. އޭނާގެ ފިލްމަކީ ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމެކް "ތަޅަޕް" އެވެ. މިލަން ލުތުރިއާ ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާ އަކީ 2019 ގައި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން އެކްޓިން އަށް ނުކުތް ތާރާ ސުތާރިއާ އެވެ.
ބަންސާލީ އަކީ އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާން ޖެފްރީ ބޮލީވުޑަށް ނެރުނު ޕްރޮޑިއުސަރެވެ. އެއީ 2018 ގެ "މަލާލް" އިންނެވެ. އެ ފިލްމުގެ ބަތަލާ އަކީ އޭނާ އަށް ބޮޑުބޭބެ ކިޔާ ޝަރުމިން ސޭގަލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy