ކާތިކް.
06 ފެބުރުއަރީ 2021 - 08:49
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު ކާތިކް އާރިޔަން އަށް ގިނަ ހުށަހެޅުންތަކެއް ލިބި، ފުލުފުލުގައި ފިލްމުތަކަށް ސޮއިކުރަން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑިސެމްބަރު މަހު 10 ދުވަހުން "ދަމާކާ" ނިންމާލި އެކްޓަރަށް ޑައިރެކްޓަރު ހަންސެލް މެހެތާގެ ފިލްމެއް ވަނީ ހުށަހަޅައިފަ އެވެ. "ސިޓީ ލައިޓް" އާއި "ޝާހިދު" ފަދަ ފިލްމުތައް ގެނެސްދިން ކާމިޔާބު ޑައިރެކްޓަރު އެންމެ ފަހުން ރިލީޒްކުރި ފީޗާ ފިލްމަކީ މިދިޔަ އަހަރު ޑިޖިޓަލްކޮށް ދެއްކި "ޗަލާންގް" އެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ވެބް ސީރީޒް "ސްކޭމް 1992" ވެސް ޑައިރެކްޓްރި ހެންސަލް، ކާތިކަށް ހުށަހަޅާފައި ވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފިލްމުފެއާ އިން ބޮތުގައި މި ފިލްމަކީ "ދަމާކާ" ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާއާ ގުޅިގެން ހެންސަލް ހަދަން ނިންމާފައިވާ ފިލްމެކެވެ.
އެ ނޫހުން ބުނި ގޮތުގައި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ކާތިކާއި ހެންސަލް ވަރަށް ގިނައިން ބައްދަލުކޮށް މަޝްވަރާކޮށްފައިވެ އެވެ. އެކަމަކު އަދި މުޅިން އެއްބަސްވުމަކަށް ނާދެވުނަސް ފިލްމަށް އެއްބަސްވާނެކަމުގެ އިޝާރާތެއް ކާތިކް ދީފައިވާތީ ވަރަށް އަވަހަށް ފިލްމު އިއުލާންކުރާނެ އެވެ. އެކަމަކު ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
ކާތިކް މި ފަހުން ސޮއިކުރި ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ފްރެޑީީ" ގެ އިތުރުން ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު ހިމެނެ އެވެ. ރޯހިތުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ތެލެގޫ ފިލްމު "އަލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމެކެކެވެ.
ޝޫޓިން ފަށާފައި ހުރި ނަމަވެސް މަސައްކަތް ދިގުލައިގެން ގޮސްފައިވާ ކާތިކްގެ ފިލްމުތަކުގެ ތެރޭގައި 2019 ގައި ޝޫޓިން ފެށި "ބޫލް ބުލައްޔާ 2" އާއި "ދޯސްތާނާ 2" ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ވެބް ސީރީޒް "ހީރާ މަންޑީ" ގެ ބަތަލުގެ ރޯލު ވެސް ވަނީ ކާތިކަށް ހުށަހަޅައިފަ އެވެ. އަދި މިހާރު ޕްރަބާސް އާއި ސައިފް އަލީ ޚާންގެ "އަދިޕުރުޝް" ގެ މަސައްކަތްކުރަމުން އަންނަ ޑައިރެކްޓަރު އޯމް ރައުތުގެ ފިލްމެއް ވެސް ކާތިކަށް ލިބިފައިވެ އެވެ.
އުންމީދީ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ލަވް އާޖް ކަލް" އިންނެވެ.
ކާތިކް ބޮލީވުޑަށް ނުކުތީ 2011 ގެ "ޕިޔާރު ކާ ޕަންޗްނާމާ" އިން ކަމަށް ވިޔަސް އޭނާ އަށް ކުއްލި ބޮޑު މަޝްހޫރުކަމެއް ލިބުނީ 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޯބިރު
06 February 2021
ތިހެން އުޅޭއިރު ނިކަން އަމުޖޭގެ ފިލުމަކަށް ސޮއިކޮލަބަށް ، ވަރަށް އަވަހަށް ފިލުމު ނިމާލާނެ . 14 ދުވަހުން ނިމާލާނެ