ކްރިތީ.
10 ފެބުރުއަރީ 2021 - 07:24
ޓައިގާ ޝްރޮފް ހިމަނައިގެން ޑައިރެކްޓަރު ވިކާސް ބާލް މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާންކުރި ފިލްމު "ގަންޕަތު" ގެ ބަތަލާއަކަށް ކްރިތީ ސެނަން ހަމަޖައްސައިފި އެވެ.
ފިލްމުގެ ޓީމުން ބަތަލާގެ މޯޝަން ޕޯސްޓަރެއް ދައްކައިލި ނަމަވެސް އެ ގެނެސްދީފައި އޮތީ ސީދާ ކާކުކަން ނޭނގޭ ގޮތަށެވެ. އެކަމަކު ސައިކަލެއްގެ މަތީގައި "ވަރަށް ސްޓައިލިޝް" ޒަމާނީ ލުކެއްގައި ފެންނަނީ ކްރިތީ ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަން ފިލްމުގެ ޓީމުން މިއަދު ރަސްމީކޮށް ކަށަވަރުކޮށް ދޭނެ އެވެ.
ކުރިއަރަމުން އަންނަ ޒުވާން ބަތަލާ އަށް ޓައިގާގެ "ގަންޕަތު" އިން ފުރުސަތު ލިބުނު އިރު އެ ދެ ތަރިން ބޮލީވުޑަށް ތައާރަފުވީ ވެސް އެކީގަ އެވެ. އެއީ 2014 ގެ "ހީރޯޕަންތީ" އެވެ. އެ ފިލްމުގެ ސީކްއެލްގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު ކުރިން އަޑުއެރި ގޮތުން "ހީރޯޕަންތީ 2" އިން ވެސް ކްރިތީ ފެންނާނެ އެވެ. ނަމަވެސް އެހުމަދު ޚާން ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާއަކަށް ތާރާ ސުތާރިއާ ވަނީ ނަގައިފަ އެވެ.
ކަންގަނާ ރަނާވަތުގެ "ކްއީން" އާއި ރިތިކް ރޯޝަންގެ "ސުޕަ 30" ގެނެސްދިން ވިކާސްގެ "ގަންޕަތު" އަކީ ދެ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ ފިލްމެކެވެ. މީގައި ޓައިގާ ކުޅޭނީ ބޮކްސިންތެޅުންތެރިއެއްގެ ރޯލެވެ. ފިލްމުގެ ބަތަލާގެ ޕޯސްޓަރުން ވެސް ފެންނަ ގޮތުގައި މިއީ ވަރަށް ވަރުގަދަ އެކްޝަންތަކެއް ވެސް ފެންނާނެ އެކްޝަން ތުރިލާއެކެވެ.
ކްރިތީ މި ވަގުތު އަންނަނީ އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" ގެ މަސައްކަތްކުރަމުންނެވެ.
"ގަންޕަތު" ގެ ޝޫޓިން ފަށާނީ މި އަހަރުގެ މެދުތެރޭގަ އެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy