12 ފެބުރުއަރީ 2021 - 09:16
މިދިޔަ އަހަރު ޖާންވީ ކަޕޫރްގެ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެނެސްދިން ޑައިރެކްޓަރު ޝަރަން ޝަރުމާގެ ދެވަނަ ފިލްމުގެ ލީޑް ރޯލް އާލިއާ ބަޓާއި ކާތިކް އާރިޔަނަށް ހުށަހަޅައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ދެ ތަރިންނާ ފިލްމުގެ ސްކްރިޕްޓް ވެސް ހިއްސާކޮށްފައިވާ އިރު، މިކަމާ ގުޅޭ އިތުރު މަޝްވަރާތައް އަންނަނީ ކުރަމުން ކަމަށެވެ. މި ފިލްމަށް އާލިއާ އާއި ކާތިކް ސޮއިކޮށްފި ނަމަ މިއީ މި ޒުވާން ދެ ތަރިންގެ ޖޯޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށް ވާނެ އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ގުންޖަން ސަކްސޭނާ" އިން ޑައިރެކްޝަނަށް ނުކުތުމުގެ ކުރިން ޝަރަން އަކީ ކަރަންގެ 2016 ގެ ފިލްމު "އޭ ދިލް ހެ މިޝްކިލް" އާއި އެ ކުންފުނީގެ 2013 ގެ "ޔެ ޖަވާނީ ހެ ދީވާނީ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ވަރަށް އުންމީދީ ޑައިރެކްޓަރެކެވެ.
އޭނާ ދެ ވަނަ ފިލްމަށް ތައްޔާރުވަމުން އަންނަ އިރު އޭގެ ޝޫޓިން ފަށަން ވިސްނާފައި އޮތީ މި އަހަރުގެ ފަހުކޮޅު ކަމަށް ޕިންކްވިލާ އިން ބުންޏެވެ. އެކަމަކު މި ފިލްމަކީ ކަރަން ޕްރޮޑިއުސްކުރާ ފިލްމެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ކާތިކަށް ކުރިން ވެސް އާލިއާގެ ފިލްމަކުން ފުރުސަތު ލިބުނެވެ. އެއީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މިހާރު ހަދަމުން އަންނަ "ގަންގްބާއީ ކަތިއަވާޅީ" އިންނެވެ. ނަމަވެސް އެ ފިލްމުން ލިބުނު ރޯލާ ދޭތެރޭ ކާތިކް އެހާ ހިތްހަމަނުޖެހޭތީ އެ ފުރުސަތު ދޫކޮށްލީ އެވެ.
ރިޕޯޓްތައް މިހާރު ބުނާގޮތުން އާލިއާ ވެސް ކާސްޓްގައި ހިމެނޭ ގޮތަށް ބަންސާލީ ޕްރޮޑިއުސްކޮށް، ވިބޫ ޕޫރީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ވެބް ސީރީޒް "ހީރާ މަންޑީ" ގެ ބަތަލުގެ ރޯލް ވަނީ ކާތިކަށް ދީފަ އެވެ.
ދާދި ފަހުން "ދަމާކާ" ގެ ޝޫޓިން ނިންމައިލި އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ 2" އާއި "ބޫލް ބުލައްޔާ 2" އާއި "ފްރެޑީ" "ފާހަގަކޮށްލެވެ އެވެ.
އާލިއާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ގަންގްބާއީ" ގެ އިތުރުން "ބުރައްމަސްތުރާ" އާއި "އާރްއާރްއާރް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy