"ހަންގާމާ 2" އަކީ އަކްޝޭ 2003 ގައި ކުޅުނު "ހަންގާމާ" ގެ ސީކްއެލް
އަކްޝޭ.
15 ފެބުރުއަރީ 2021 - 07:04
ޑައިރެކްޓަރު ޕްރިޔާދަރުޝަން މީގެ 18 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ކޮމެޑީ ފިލްމު "ހަންގާމާ" ގެ ސީކްއެލް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމުގެ އެކްސްޓެންޑް ކެމިއޯކުން ފުރަތަމަ ބައިގެ ލީޑް އެކްޓަރު އަކްޝޭ ކަންނާ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ނިންމައިލި ފިލްމުގައި މި ފަހަރު ޕަރޭޝް ރާވަލް ފިޔަވައި ލީޑް ކާސްޓް އެއްކޮށް ވަނީ ބަދަލުވެފަ އެވެ. އެގޮތުން "ހަންގާމާ 2" ގެ މައިގަނޑު ރޯލުތަކުން ފެންނާނީ ޕަރޭޝް އާއި ޝިލްޕާ ޝެޓީ އާއި މީޒާން ޖެފްރީގެ އިތުރުން ޕްރަނީތާ ސުބާޝް އެވެ.
މި ތަރިންނާ އެކު ކުރީގެ ފިލްމުގައި ރޯލެއް ކުޅުނު ރާޖްޕަލް ޔާދަވް "ހަންގާމާ 2" އިން ފެންނާނެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަކްޝޭ ކެރެކްޓާ އެކްސްޓެންޑް ކެމިއޯއެއްގެ ގޮތުގައި ގެނެސްދޭ އިރު، އޭނާގެ ރޯލަކީ ފިލްމުގެ ޕްލޮޓްގައި ވަރަށް މުހިއްމު ކެރެކްޓާއެކެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ޕްރިޔަދަރުޝަން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އޭނާ 2003 ގައި ގެނެސްދިން "ހަންގާމާ" ގެ މުހިއްމު ރޯލުތައް ކުޅުނީ އަކްޝޭ އާއި ރިމީ ސެން އާއި އަފްތާބް ޝިވްދަސާނީގެ އިތުރުން ޕަރޭޝް އެވެ.
މި ފިލްމުގެ އިތުރުން ވެސް އަކްޝޭ އަކީ ޕްރިޔަދަރުޝަންގެ އެހެން ހަތަރު ފިލްމެއްގައި މަސައްކަތްކުރި އެކްޓަރަކެވެ. އޭގެ ތެރޭގައި އާކްރޯޝް (2010) އާއި މޭރޭ ބާޕް ޕެހެލޭ އާޕް (2008) އާއި ހަލްޗަލް (2004) އަދި ޑޯލީ ސަޖާ ސެ ރަކްނާ (1998) ހިމެނެ އެވެ.
ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދު ކަންނާގެ ދަރިފުޅު އަކްޝޭ، 45، އަކީ މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އެކްޓަރެކެވެ. މިހާރު ދޭތެރެ ދޭތެރެ ސަޕޯޓިން ރޯލުތަކުން ފެންނަ އަކްޝޭގެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސަބް ކުޝަލް މަންގަލް" އެވެ.
"ހަންގާމާ 2" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy