19 ފެބުރުއަރީ 2021 - 08:30
މިދިޔަ މަހުގެ ފަހުކޮޅު ކައިވެނިކުރި ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން ކައިވެންޏަށް ފަހު ކުޅޭ ފުރަތަމަ ފިލްމު "ބޭޅިޔާ" އަށް ތައްޔާރުވާން ފަށައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ އަދަދެއްގެ ވޯކްޝޮޕްތަކެއްގައި ވެސް ބައިވެރިވާން ޖެހޭ އިރު، ފިލްމުގެ ޝޫޓިން އަށް އޭގެ ކާސްޓާއި ކްރޫ ވަރަށް އަންނަ ހަފުތާފައި އަރުނަޗަލް ޕްރަދޭޝް އަށް ދާނެ އެވެ. އަދި އެތަނުގައި ދޮޅު މަސް ދުވަހަށް "ބޭޅިޔާ" ގެ މަސައްކަތް ކުރިއަށް ދާނެ އެވެ. އެކަން ފިލްމުގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ.
"ބޭޅިޔާ" އަކީ އަމަރު ކޯޝިކް ލިޔެ ޑައިރެކްޓްކުރާ މޯންސްޓާ ކޮމެޑީއެކެވެ. އޭނާ އަކީ 2018 ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ-ކޮމެޑީ "އިސްތިރީ" ގެނެސްދިން ޑައިރެކްޓަރެވެ. އަމަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2019 ގެ "ބާލާ" އެވެ.
ރިޕޯޓްތައް ބުނާގޮތުން ވަރުންއާ އެކު "ބޭޅިޔާ" ގެ ބަތަލާގެ ރޯލު ކުޅޭނީ ކްރިތީ ސެނަން އެވެ. ދެ ތަރިން ކުރިން ވަނީ އެކީގައި ރޯހިތު ޝެޓީގެ 2015 ގެ ފިލްމު "ދިލްވާލޭ" ގައި މަސައްކަތްކޮށްފަ އެވެ. "ބޭޅިޔާ" އަކީ އަމަރުއާ އެކު ވަރުން އާއި ކްރިތީ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
މީގެ ޝޫޓިން އަށް ވަރުން ތައްޔާރުވާ އިރު ކައިވެނީގެ ކުރިން އޭނާ ވަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ރޮމޭންޓިކް ކޮމެޑީ "ޖުގް ޖުގް ޖިއޯ" ގެ ޝޫޓިން ނިންމާލައިފަ އެވެ. ރާޖް މެހެތާގެ އެ ފިލްމުގެ ކާސްޓްގައި ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރާއި ނީޓޫ ކަޕޫރް ވެސް ހިމެނެ އެވެ.
ބެލެވޭ ގޮތުން ދެން އެންމެ އަވަހަށް ރިލީޒްވާނެ ވަރުންގެ ފިލްމަކީ ވެސް "ޖުގް ޖުގް ޖިއޯ" އެވެ.
އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސްރީރާމް ރަގްވަންގެ "އެއްކީސް" އާއި ސާޖިދު ނަދިއަދުވާލާގެ "ސާންކީ" ހިމެނެ އެވެ. ވަރުންގެ އެންމެ ފަހުގެ ފިލްމަކީ ޑިސެމްބަރުގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި "ކޫލީ ނަމްބަރު 1" އެވެ.
ވަރުން އާއި ނަތާޝާ ދަލާލް ކައިވެނިކުރީ މިދިޔަ މަހުގެ 24 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy