21 ފެބުރުއަރީ 2021 - 07:27
ބަތަލާ އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކުރާ ފިލްމެއް އަދިތިޔާ ރޯއި ކަޕޫރަށް ހުށަހަޅައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމަކީ އަނުޝްކާ އާއި އޭނާގެ ކޮއްކޮ ކަރްނޭޝް ޝަރުމާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން "އަފްޣާން" ގެ ނަމުގައި ގެނެސްދޭ ވަރަށް ވަރުގަދަ އެކްޝަން ފިލްމެކެވެ. އަދި ފިލްމު އަދިތިޔާ އަށް ހުށަހެޅީ އޭނާ މިހާރު ކުޅެމުން އަންނަ ފިލްމު "އޯމް: ދަ ބެޓްލް ވިތިން" އަށް ހަށިގަނޑު ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާތީ އަނުޝްކާގެ ފިލްމުގެ ކެރެކްޓާ އަށް އޭނާ ވަރަށް ބޮޑަށް ފިޓްވާތީ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ""އަފްޣާން" ޑައިރެކްޓްކުރާނީ އަނުޝްކާ ޕްރޮޑިއުސްކޮށް، ކުޅުނު 2017 ގެ ފިލްމު "ފިލޯރީ" ގެ ޑައިރެކްޓަރު އަންޝާއީ ލާލް އެވެ. އަދި ފިލްމުގެ ޝޫޓިން އަންނަ މެއި މަހުގެ ތެރޭގައި ފަށާނެ އެވެ.
އަދިތިޔާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ސިނަމާތަކުގައި ރިލީޒްކުރި "މަލަންގް" އާއި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ސަޅަކް 2" ގެ އިތުރުން ނެޓްފްލިކްސް އިން ނޮވެމްބަރުގައި ޕްރިމިއާކުރި އެންތޮލޮޖީ ފިލްމު "ލޫޑޯ" އިންނެވެ.
މިދިޔަ މަހު ދަރިޔަކު ލިބުނު އަނުޝްކާގެ ފިލްމު ކުންފުނިން ނެރުނު ފިލްމުތަކުގެ ތެރޭގައި 2015 ގެ "އެންއެޗް 10" އާއި 2017 ގެ "ފިލޯރީ" އާއި 2018 ގެ "ޕަރީ" ހިމެނެ އެވެ. އަދި މިދިޔަ އަހަރު އެ ސްޓޫޑިއޯ އިން ނެޓްފްލިކްސްއާ ގުޅިގެން "ބުލްބުލް" އަދި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ވެބް ސީރީޒް "ޕާޓަލް ލޯކް" ގެނެސްދީފައިވެ އެވެ.
ކްލީން ސްލޭޓް އިން ފުރަތަމަ ހެދި ތިން ފިލްމުގެ ބަތަލާ އަކީ ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން އަނުޝްކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy