ސްޓާ ޕްލަަސް އިން ގެނެސްދިން ސިލްސިލާގެ ދެވަނަ ސީޒަން ދައްކާނީ ސްޓާ ބާރަތު އިން
28 ފެބުރުއަރީ 2021 - 07:46
ސްޓާ ޕްލަސް އިން ގެނެސްދިން ކާމިޔާބު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "މަން ކީ އާވާޒް: ޕްރިތިގިއާ" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ނިންމައި އޭގެ ޝޫޓިން ވެސް ފަށައިފި އެވެ.
މީގެ ޕްރޮޑިއުސަރަކީ ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ އެންމެ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "އަނޫޕަމާ" އާއި "ޔޭ ރިޝްތާ ކިތާ ކެހެލެތާ ހޭ" ގެ ޕްރޮޑިއުސަރު ރަޖަން ޝާހީ އެވެ. "ޕްރިތިގިއާ" ސީޒަން ދޭއްގެ ޝޫޓިން މި ވަގުތު ކުރިއަށް ދަނީ ޕްރިއަގްރާޖްގަ އެވެ.
ރަޖަން ބުނީ ސިލްސިލާގެ ދެވަނަ ސީޒަނާ އެކު އަންނަ އިރު ކުރީގެ ބައެއް ކާސްޓުންނާ އެކު އާ ކާސްޓުންތަކެއް ވެސް ފެންނާނެ ކަމަށާއި މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެ ކަމަށެވެ.
"ފުރަތަމަ ސީޒަނަކީ ވަރަށް ބޮޑު ތަރުހީބެއް ލިބުނު އެއްޗެއް. އަދި އެއީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ވެސް ގެނުވި އެއްޗެއް. އެހެންވީމަ ދެވަނަ ސީޒަނަކީ ވަރަށް ކަމުދާ ޝައުގުވެރި އެއްޗަކަށް ހަދަން މަސައްކަތްކުރާނަން." އޭނާ ބުންޏެވެ.
"ޕްރިތިއާ" ގެ މައިގަނޑު ޕްލޮޓަކީ އަންހެނުންނަށް ލިބެންވާ ހައްގުތަކާއި އެ މީހުންގެ ހަގީގީ ހައިސިއްޔަތު ލިބެން ޖެހޭކަން އާއިލާތަކާއި މުޅި މުޖުތަމައަށް އަންގައި ދިނުމެވެ.
ސްޓާ ޕްލަސް އިން ޑިސެމްބަރު 7، 2009 އިން އޮކްޓޯބަރު 27، 2012 އަށް ގެނެސްދިން ސިލްސިލާގެ ލީޑް ރޯލް ކުޅުނީ އަރުހާން ބޭލް އާއި ޕޫޖާ ގޯރް އެވެ. އެ މުއްދަތުގެ ތެރޭގައި "ޕްރިތިގިއާ" ގެ 767 އެޕިސޯޑް ގެނެސްދިނެވެ.
އަރުހާނަކީ ސްޓާ ޕްލަސް އިން މިދިޔަ އަހަރު ނިންމައިލި "ޔޭ ޖާދޫ ހޭ ޖިން ކާ" އިން ވެސް ފެނިގެން ދިޔަ އެކްޓަރެކެވެ. އޭނާ ކުޅުނު އިތުރު ސިލްސިލާތަކުގެ ތެރޭގައި "ވިޝް ޔާ އަމްރިތު: ސިތާރާ" އާއި "ޑަރް ސަބްކޯ ލަގްތާ ހޭ" އަދި "ދޯ ދިލް ބަންދޭ އޭކް ޑޯރީ ސޭ" ހިމެނެ އެވެ.
ސާރާ އަލީ ޚާން ބޮލީވުޑަށް ތައާރަފުވި 2018 ގެ ފިލްމު "ކޭދަރުނާތު" ގައި އޭނާގެ ދައްތަގެ ރޯލު ކުޅުނު ޕޫޖާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "އޭކް ނައީ އުންމީދު: ރޯޝްނީ" އާއި "ޒިންދަގީ ކައްޓީ މީޓީ" އަދި "ކަލާޝް: އޭކް ވިޝްވާސް" ހިމެނެ އެވެ.
"ޕްރިތިގިއާ" ގެ ދެވަނަ ސީޒަންގެ ލީޑް ތަރިންނަކީ ވެސް އަރުހާނާއި ޕޫޖާ އެވެ.
"ޕްރިތިގިއާ" ގެ ދެވަނަ ސީޒަނާ ބެހޭ ގޮތުން ރަޖަން ބުނީ މިހާރު ކުރިިއަށްދާ ފުރަތަމަ ޝެޑިއުލް ނިންމައިލުމަށް ފަހު ކާސްޓާއި ކްރޫ ދެން މިސްރާބު ޖަހާނީ މުމްބާއީގައި ޝޫޓްކުރާ މަންޒަރުތަކަށެވެ. ސިލްސިލާ ދައްކަން ފަށާނެ އިރެއް އަދި އިއުލާން ނުކުރި ނަމަވެސް މި ފަހަރު ގެނެސްދޭނީ ސްޓާ ޕްލަސްގެ ބަދަލުގައި ސްޓާ ބާރަތު" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy