16 މާޗް 2021 - 08:16
ލޯބީގައި އޭނާ އަކީ ބަދުނަސީބު މީހެއް ކަމަށާއި ތިން ފަހަރެއްގެ މަތިން އޭނާގެ ހުށަހެޅުންތަކަށް ދެކޮޅުހެދި ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން ބުނެފި އެވެ.
އާދީއްތަ ދުވަހު 56 އަހަރު ފުރުނު ބަތަލު މަޝްހޫރު ފިލްމު ކްރިޓިކް ކޯމަލް ނަޙަޓާގެ ޝޯ "ސްޓާރީ ނައިޓްސް" ގައި ދެއްކި ވާހަކަތަކުގެ ތެރޭގައި އޭނާ އަށް އެންމެ ފުރަތަމަ އަންހެން ކުއްޖަކު ދެކެ ލޯބިވެވުނީ އުމުރުން އެންމެ 10 ނުވަތަ 11 އަހަރުގައި ކަމަށް ބުންޏެވެ.
"ލޯބީގައި އޭރު މޮޔަވެފައި ހުރި މީހެއް އަހަންނަކީ. އެކަމަކު އެއީ އެއް ފަރާތުން ވި ލޯތްބެއް. އަދި އަހަންނަކަށް އެ ވާހަކަ ބުނަން ވެސް ނުކުރިފައި ހުރީ،" ދެ ކައިވެންޏަކަށް ތިން ކުދިން ތިބި އެކްޓަރު ބުންޏެވެ.
އާމިރު ބުނި ގޮތުގައި ފުރާވަރުން ފެށިގެން އޭނާ އަބަދު ވެސް އުޅުނީ އަންހެން ކުދިންގެ ހިތް އަތުލެވޭތޯ އެވެ. އެގޮތުން ދެތިން ކުއްޖަކު ދެކެ ވަރށް ލޯބިވެވުނު ނަމަވެސް އެއިން އެއްވެސް ކުއްޖަކު ހާސިލުކުރުމުގެ ނަސީބެއް ނުލިބޭ ކަމަށް ބުންޏެވެ.
"އެހެންވެ ބުނެވިދާނެ އަހަންނަކީ ލޯބީގައި ވަރަށް ބަދުނަސީބު މީހެކޭ،" އާމިރު ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި އަންހެން ކުއްޖެއްގެ ފަރާތުން ރުހުމުގެ އިޝާރާތެއް ފުރަތަމަ ލިބުނީ އުމުރުން 16 އަހަރުގަ އެވެ. އަދި އެއީ އޭނާ ދެކެ ވަރަށް ލޯބިވި ކުއްޖެއް ކަމަށް ބުންޏެވެ. އެއީ ފަހުން އާމިރު ކައިވެނިކުރި ރީނާ ދައްތާ އެވެ.
ފިލްމު "ގަޔާމަތު ސޭ ގަޔާމަތު ތަކް" އިން 1988 ގައި ބޮލީވުޑަށް އާމިރު 23 އަހަރުގައި ނުކުތް އިރު ވެސް އުޅުނީ ރީނާއާ ކައިވެނިކޮށްގެންނެވެ. އޭނާ ކައިވެނިކޮށްގެން އުޅޭކަން ފަޅާއެރީ ފިލްމު ރިލީޒްވެ، ބޮޑު ހިޓަކަށްވި ފަހުންނެވެ. ޖޫހީ ޗާވްލާއާ އެކު ކުޅުނު އެ ފިލްމުގެ މަޝްހޫރު ލަވަ "ޕާޕާ ކެހެތޭ ހޭ ބަޅާ ނާމް ކަރޭގާ" ގެ ތަންކޮޅަކުން އާމިރާ އެކު ރީނާ ފެނިފައިވެ އެވެ.
އާމިރާއި ރީނާ 1986 ގައި ކުރި ކައިވެނި 2002 ގައި ރޫޅުނު އިރު ދެ ކުދިން ލިބިފައިވެ އެވެ. އެއީ ޖުނައިދު ޚާން، 28، އިރާ ޚާން، 24، އެވެ.
އާމިރު ފަހުން 2005 ގައި ކައިވެނިކުރީ އޭނާ 2001 ގައި ކުޅުނު ފިލްމު "ލަގާން" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ކިރަން ރާއޯ އެވެ. އެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު އާޒާދު ރާއޯ ޚާން، 9، އަކީ ސަރޮގޭޓްކޮށްގެން ހޯދި ދަރިއެކެވެ.
އާމިރާއި ރީނާގެ ކައިވެނި ރޫޅި، ފަހުން ކިރަންއާ ކައިވެނިކުރުމުގެ ކުރިން އާމިރާއި ބަތަލާ ޕްރިތީ ޒިންތާ ލޯބީގެ ގުޅުމެއް ބޭއްވިކަމުގެ އަޑުތަކެއް ވެސް އެރި އެވެ. ދެ ތަރިން އެކީގައި 2001 ގެ "ދިލް ޗާތާ ހޭ" ގައި މަސައްކަތްކޮށްފައިވެ އެވެ. ޕްރިތީ 2016 ގައި ކައިވެނިކުރީ ޖީން ގުޑްއިނަފް ކިޔާ އެމެރިކާ މީހަކާ އެވެ.
ލޯބީގައި މާ ކާމިޔާބު މީހެއް ކަމަށް އާމިރު ގަބޫލުނުކުރިޔަސް ފިލްމީ ކެރިއަރުގައި އޭނާ އަކީ ވަރަށް ކާމިޔާބު އެކްޓަރެކެވެ. އާމިރުގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރުގައި ރިލީޒްކުރާ "ލާލް ސިންގް ޗައްޑާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަންތް
16 March 2021
އެކި މީހުނަށް ދިމާވާނީ އެކި ގޮތް ދޮގޭ. މަދެކެ ލޯބިވާ މީހުން ތިއްބަސް އުޅެ އުޅެވެއް އެއިން މީހަކު ދެކެ މަށަށް ލޯތްބެއް ނުވެވުނު.
ލަވް
16 March 2021
އަހަރެން ވެސް ހަމަ މިހުރީނުން ޔޫ އާ އެކީ... އަހަންނަކީ ވެސް ހަމަ ލޯބީގަ ނާކާމިޔާބުވެފައިވާ މީހެކޭ...
ގަދަހަސަނު
16 March 2021
އަމީރު ހާނު ލޯބީގާ ބަދުނަސީބުނަމަ ދެން މިދުނިޔޭގާ ލޯބީގާ ނަސީބުވެރިއަކީ ފަހެ ކާކު؟