18 މާޗް 2021 - 08:05
ބޮލީވުޑްގައި ސަސްޕެންސް ތުރިލާތައް ގެނެސްދޭން ކުޅާދާނަ ދެ ޑައިރެކްޓަރުން ކަމަށްވާ އައްބަސް-މަސްތާން "ޕެންޓްހައުސް" ކިޔާ ވަރުގަދަ ތުރިލާއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
މިއީ ނެޓްފްލިކްސް އިން މި އަހަރު ގެނެސްދޭން އިއުލާންކުރި އިންޑިއާގެ 41 ކޮންޓެންޓްގެ ތެރެއިން ފިލްމެކެވެ. "ޕެންޓްހައުސް" ގެ މައިގަނޑު ރޯލުތަކުން ފެންނަނީ އައްބާސް-މަސްތާންއާ އެކު "އަޖްނަބީ" އާއި "ހަމްރާޒް" ފަދަ ފިލްމުތަކުގައި ކުރިން ވެސް މަސައްކަތްކޮށްފައިވާ ބޮބީ ޑިއޯލްގެ އިތުރުން އަރުޖުން ރާމްޕާލާއި މޯނީ ރޯއި އާއި ޝަރުމަން ޖޯޝީ އާއި ސައިރަސް ބްރޯޝާ އާއި ޓިސްކާ ޗޯޕްޅާގެ އިތުރުން އަބްރާރު ޒަހޫރެވެ.
"ޕެންޓްހައުސް" ގައި ކިޔައިދޭނީ ވަރަށް ޕޮޝް ލައިފްސްޓައިލެއްގެ ތެރޭގައި އުޅޭ ފަސް އެކުވެރިއެއްގެ ޕެންޓްހައުސްގެ ތެރޭގައި މަރާލާފައި އޮތް މީހަކު ފެނިގެން އެކަމުގެ ހަގީގަތް ހޯދަން ކުރާ މަސައްކަތާއި އެކަމާ ގުޅިގެން ދިމާވާ، ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ސިއްރުން ފުރިގެންވާ ހާދިސާތަކެވެ.
"ބާޒީގަރް" އާއި "ރޭސް" އާއި "ކިލާޅީ" އަދި "އެއިތުރާޒް" ފަދަ ކާމިޔާބު އެތައް ސަސްޕެންސް ތުރިލާއެއް ގެނެސްދިން އައްބާސް-މަސްތާން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ 2017 ގެ "މެޝިން" އެވެ. އެ ފިލްމަކީ އައްބާސްގެ ދަރިފުޅު މުސްތަފާ ބުރުމާވާލާ ބޮލީވުޑަށް ތައާރަފުކުރި ފިލްމެވެ.
"ޕެންޓްހައުސް" ނެޓްފްލިކްސް އިން ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy