18 މާޗް 2021 - 08:04
އެކްޓިން އަށް ލޯބި ޖެހި، އެ ދާއިރާ އިން ކުރިއަށް ދާން ޝައުގުވެރިކަން އުފެދުނީ ދައްތަ ކެޓްރީނާ ކެއިފްގެ ބޮލީވުޑް ދަތުރު ފެނިފައި ކަމަށް ކޮއްކޮ އީޒަބެލް ކައިފް ބުނެފި އެވެ.
މި މަހުގެ 12 ގައި ރިލީޒްކުރި ޑާންސް ފިލްމު "ޓައިމް ޓު ޑާންސް" އިން ބޮލީވުޑަށް ތައާރަފުވި 30 އަހަރުގެ ބަތަލާ ބުނީ ކެޓްރީނާ ފިލްމު ކުޅެން ފެށީއްސުރެ އޭނާގެ މަސައްކަތްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
"ބޮލީވުޑަށް ނުކުންނަން އެންމެ ބޮޑު ނުފޫޒަކަށްވީ ދައްތަ. އަހަންނަކީ ވަރަށް ކުޑައިރުއްސުރެ ވެސް ނަށަން ލޯބިކުރި މީހެއް. އަދި ފަހުން ދައްތަގެ ފިލްމުތަކުން އޭނަގެ ނެށުން ފެންނަން ފެށީމަ އެކަމަށް ވަކިން ބޮޑަށް ހިތްޖެހި ފިލްމުތަކުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން އުފެދެން ފެށި،" އީޓައިމްސް އަށް އީޒަބެލް ބުންޏެވެ. "ހަގީގަތުގައި ދައްތަގެ ބޮލީވުޑް ދަތުރުވީ އަހަންނަށް ވަރަށް ބޮޑު އިންސްޕިރޭޝަނަކަށް. އަދި އޭނަ އަބަދު ވެސް ވަރަށް ހިތްވަރުދޭ."
އޭނާ ބުނީ ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަން ނިންމުމުގެ ކުރިން އެމެރިކާގެ ބައެއް ޕްރޮޖެކްޓްތަކުގައި އެސިސްޓަންޓް ޑައިރެކްޓަރު/ލައިން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަތަކާއި އިޝްތިހާރުތަކާއި ވެބް ޝޯ ފަދަ އެއްޗެހި ހިމެނެ އެވެ. އެ ދުވަސްވަރު އީޒަބެލް ވަނީ 2014 ގައި "ޑރ. ކެބީ" ކިޔާ އިންޑޯ-ކެނޭޑިއަން ފިލްމެއްގެ ރޯލެއް ވެސް ކުޅެފައިވެ އެވެ. އެ ފިލްމަކީ ދައްތަ ކެޓްރީނާ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި ސަލްމާން ޚާން ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ފިލްމެކެވެ.
އީޒަބެލް ބުނީ ބޮލީވުޑްގެ ފިލްމުތަކަކީ އަބަދު ވެސް ވަރަށް ގަޔާވާ އެއްޗެހި ކަމަށާއި ވަރަށް ކުރިއްސުރެ ވެސް އެ އިންޑަސްޓްރީ އަށް ނުކުތުމަކީ ދެކެމުން ދިޔަ ހުވަފަނެއް ކަމަށެވެ. އަދި މުމްބާއީ އަށް ބަދަލުވި ފަހުން ކެރިއަރު ބިނާކޮށް ކުރިއަށް ދާން އެންމެ ބޮޑަށް ހިތްވަރާއި ނަސޭހަތް ލިބެނީ ކެޓްރީނާގެ ފަރާތުން ކަމަށް ބުންޏެވެ.
"ސަލްމާނަކީ ވެސް ވަރަށް ހިތްވަރުދޭ މީހެއް. ޓައިމް ޓު ޑާންސަށް ސޮއިކުރި ހިސާބުން ފެށިގެން ސަލްމާން އަބަދު ވެސް ބުނާނެ ބުރަކޮށް މަސައްކަތްކުރާށޭ. ކާމިޔާބުވާނޭ." އީޒަބެލް ބުންޏެވެ.
ކެޓްރީނާ އާއި އީޒަބެލް އަކީ އިންޑިއާގެ ބައްޕައަކާއި އިނގިރޭސި މަޔަކަށް ލިބުނު ހަތް ކުދިންގެ ތެރެއިން ދެ ކުދިންނެވެ. އެ އާއިލާގައި ހުންނަނީ އެންމެ ފިރިހެން ކުއްޖެކެވެ.
އޭނާ ބުނީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ކަމުދަނީ ކާޖޮލް ކަމަށާއި އޭނާގެ ފިލްމުތައް ބަލަން އަބަދު ވެސް ވަރަށް ބޮޑު ފޯރިއެއް ހުންނަ ކަމަށެވެ.
އީޒަބެލްގެ އަތުގައި މިހާރު ވެސް ދެ ފިލްމެއް އެބައޮތެވެ. އެއީ ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރުމާއާ އެކު ކުޅޭ "ކުވާތާ" އާއި ޕުލްކިތު ސަމްރާޓާ އެކު ކުޅޭ "ސަސްވަގަތަމް ޚުޝާމަދީދް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy