21 މާޗް 2021 - 08:08
ބޮލީވުޑްގެ ފިރިހެން ލަވަކިޔުންތެރެއިންގެ ތެރެއިން މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް އަޑަކީ ޖާވިދު އަލީ އެވެ. އޭނާ މިހާތަނަށް އެތައް ފިލްމަކަށް ރީތި އެތައް ލަވައެއް ކިޔައި ދީފައިވެ އެވެ. އޭގެ ތެރެއިން ބައެއް ލަވަތައް ވަރަށް މަޝްހޫރެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބައެއް ލަވަތަކުގެ ތެރޭގައި 2005 ގެ ފިލްމު "ބަންޓީ އޯރް ބަބްލީ" ގެ "ކަޖުރާ ރޭ" އާއި 2006 ގެ "ޖަބް ވީ މެޓް" ގެ "ނަގާޅާ ނަގާޅާ ބަޖާ"/ތޫ ޖޯ މިލާ" އާއި 2008 ގެ "ޖޯދާ އަކްބަރު" ގެ "ޖަޝްނެ ބާހާރާ" އަދި 2011 ގެ "ރޮކްސްޓާ" ގެ "ކުން ފަޔަކުން" ފަދަ އެތައް ލަވައެކެވެ.
ޖާވިދު، 39، ފިލްމުތަކަށް ލަވަ ކިޔައި ދޭން ފެށީ 2000 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާގެ މަގުބޫލުކަމާއި މަޝްހޫރުކަމް ބޮޑުވެފައިވާ އިރު، މިހާރު އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދޭ ލަވަ ޝޯތަކުގެ ޖަޖުންގެ ގޮތުގައި އެންމެ އާންމުކޮށް ފެންނަ އެއް މޫނަކީ ވެސް ޖާވިދެވެ. އޭނާ ޖަޖްކަންކޮށްފައިވާ ޝޯތަކުގެ ތެރޭގައި ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" އާއި "ސުޕަސްޓާ ސިންގާ" އާއި ޒީޓީވީގެ "ސާރޭގާމާ ލިޓްލް ޗޭމްޕްސް" ހިމެނެ އެވެ.
މިހާރު ޖާވިދު ފެންނާނީ ޒީޓީވީން ގެނެސްދޭ އިންޑިއަން ޕްރޯ މިއުޒިކް ލީގްގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ޓީމެއްގެ ކެޕްޓަންގެ ގޮތުގަ އެވެ.
ވަރަށް މަޑުމައިތިިރި މިޒާޖެއްގެ ޖާވިދު ނިސްބަތްވަނީ ނިއު ދިއްލީގެ މުސްލިމު އާއިލާއަކަށެވެ. އޭނާ މިއުޒިކްގެ ދާއިރާ އިން ދަރިވަރުވާން ފެށީ ވަރަށް ކުޑައިރު އެވެ. އޭރު އެދުރަކީ ބައްޕަ އުސްތާޒް ހާމިދު ހުސައިނެވެ. އޭނާ އަކީ ގައްވާލީ މިއުޒިކަށް ހާއްސަ ފަންނާނެކެވެ. ޖާވިދަކީ ވެސް އެ ޖޯންރާގެ ލަވަތަކަށް ވަރަށް ހާއްސަ ފަންނާނަކަށް ވިޔަސް އޭނާ އަކީ ހުރިހާ ވައްތަރެއްގެ ލަވަތަކެއް ކިޔާ މީހެކެވެ.
މިއުޒިކް ދާއިރާ އިން ބިންގާ އަޅަމުން ދިޔަ ދުވަސްރު ޖާވިދު ދެން ދަރިވަރުވީ އޭނާ އަބަދު ވެސް މެންޓޯއެއްގެ ގޮތުގައި ދެކޭ ގަޒަލް އަށް ހާއްސަ ފަންނާނު ގުލާމް އަލީ އެވެ. ޖާވިދުގެ ނަމުގެ ފަހަތަށް އަލީ އައީ ގުލާމް އަލީ އޮތް ލޯތްބާއި ގަދަރަށްޓަކަ އެވެ. އެގޮތުން ޖާވިދުގެ ނަން ޖާވިދު ހުސައިން އިން ޖާވިދު އަލީ އަށް ބަދަލުކުރި އެވެ.
ބޮޑެތި ކާމިތާބީތަކެއް މިއުޒިކީ ދާއިރާ އިން ހޯދަމުންނަ އަންނަ ޖާވިދަކީ މިއުޒިކްގެ އެންމެ އަސާސީ ކަންކަން ވަރަށް ރަނގަޅަށް ދަންނަ ފަންނާނެކެވެ. އޭނާ ރެކޯޑްކޮށްފައި ދޫކޮށްލާ ލަވައެއްގައި ގޯހެއް އޮތުމަކީ ވަރަށް ނާދިރު ކަމެކެވެ. ސަބަބަކީ ކޮންމެ ލަވައަކަށް ވެސް އޭނާ ސަތޭކަ ޕަސެންޓްދޭތީ އެވެ.
ޅެމުގައި އެކުލެވޭ ބަސްތައް އޭގެ އަސްލު އަސަރުގައި ކިޔުމާއި މިއުޒިކްގެ ބަނޑިތަކާ އެއްގޮތަށް ލަފުޒުތައް ކިޔުމާއި ޅެމުގެ ކަޑިތައް މިއުޒިކާ ގުޅުވައިގެން ވަރަށް ވެސް ފުރިހަމަ އަށް ކިޔުމަކީ ޖާވިދުގެ ވަރަށް ހާއްސަ ސިފައެކެވެ.
ދެން ޖާވިދުގެ އެންމެ ހާއްސަ އެއް ސިފަ އަކީ މިއުޒިކުން އޭނާ އަށް ދަސްވެފައި ހުރި އެއްޗެއް އޭގެ ފުންމިނުގައި އުނގަންނައި ދިނުމެވެ. ޖާވިދު ޖަޖްކަން ކޮށްފައިވާ ޝޯތަކުގެ ބައިވެރިން ލަވަ ހުށަހެޅުމުން އޭނާ އެ ލަވައަކަށް ކުރާ ކޮމެންޓްތަކުން އެކަން އެނގޭނެ އެވެ. އެއީ ކޮންމެ ބައިވެރިޔަކަށް ވެސް ފިލާވެޅެކެވެ. ލަވައިގައި ރީތިކަން ގެންނަން ބައިވެރިން ކުރި ކަންތައްތަކާއި ލަވައިގައި ގޯސްވީ ކޮން ކަންތައްތަކެއްކަން ޖާވިދު އަބަދު ވެސް ވަރަށް ތަފުސީލުކޮށް ކިޔައިދޭނެ އެވެ.
ޖާވިދު އަބަދު ވެސް ބުނާ ވާހަކައެއް އޮވެ އެވެ؛ ކަމެއް ރަނގަޅަށް ކުރެވޭނީ އެކަމެއްގެ ތެރެއަށް ވަރަށް ބޮޑަށް ވަދެގެންނެވެ. އެހެންވެ އަބަދު ވެސް އޭނާ މަސައްކަތްކުރަނީ އެ އުސޫލަށް ކަމަށް ބުންޏެވެ. އެހެންވެ މިއުޒިކްގެ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ފަންނާނުނަށް ވެސް އޭނާ ދޭން އޮތް ނަސޭހަތަކީ އެއީ އެވެ.
ކައިވެނިކޮށް އަންހެން ދަރިޔަކު ވެސް ހުރި ޖާވިދު ފިލްމުތަކަށް ލަވަކިޔުމުގެ އިތުރުން މިހާތަނަށް ގިނަ އަލްބަމްތަކެއް ވެސް ނެރެފައިވެ އެވެ. އޭގެ ތެރޭގައި އަލަތު އަލްބަމް 2006 ގެ "ޝާން އުންކީ ހާ ބަޅީ" އާއި 2011 ގެ "ދިލް ކީ ބާތޭ" އާއި 2014 ގެ "ވިތު ލަވް...ޖާވިދު އަލީ" އަދި 2016 ގެ "ސައްޔާން" ހިމެނެ އެވެ. އޭނާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2017 ގެ "މޯރު ރައިޕޫރް" އެވެ.
ހިންދީ ބަހުގެ އިތުރުން އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހަކުން ޖާވިދު މިހާތަނަށް އެތައް ލަވައެއް ކިޔާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy