26 މާޗް 2021 - 09:47
އިންޑިއާގެ ހިންދޫން ކިޔައިއުޅޭ ޚުރާފީ ވާހަކަ މަހާބާރާތާގައި ހިމެނޭ ކެރެކްޓާ ކަރްނާ އަށް ބިނާކޮށް ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓުން މިދިޔަ މަހު އިއުލާންކުރި ފިލްމު "ސޫރިޔަޕުތުރާ މަހާވީރް ކަރްނާ" އެކްޓަރު ރަންވީރު ސިންގް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕީޕިންމޫން އިން ބުނިގޮތުގައި ވާޝޫ އާއި ދަރިފުޅު ޖެކީ ބަގްނާނީ މިހާރު އަންނަނީ ފިލްމަށް ރަންވީރު ގެންނަން އޭނާއާ ވާހަކަ ދައްކަމުންނެވެ. އަދި ރަންވީރުގެ ފަރާތުން ފިލްމަށް އެއްބަސްވާނެކަމުގެ ސިގްނަލް ލިބުނު ނަމަވެސް އަދި ރަސްމީކޮށް ފިލްމަށް ސޮއިނުކުރާ ކަމަށް ބުންޏެވެ.
ރަންވީރަކީ މީގެ ކުރިން ވެސް ކުރީގެ ތާރީހީ ކެރެކްޓާތަކެއް ކުޅެގެން ބެލުންތެރިންގެ ލޯބި ހޯދާފައިވާ އެކްޓަރެކެވެ. އެއީ ސަންޖޭ ލީލާ ބަންސާލީގެ 2015 ގެ "ބަޖިރާއޯ މަސްތާނީ" އާއި 2018 ގެ "ޕަދުމާވަތު" ހިމެނެ އެވެ. އެހެންވެ ކަރްނާގެ ރޯލަކީ ވެސް އޭނާ ފެންޕޮދެއް ބޯލުންހާ ފަސޭހައިން ކުޅެލާނެ ކެރެކްޓާއެކެވެ.
ޕޫޖާ އިން "ކަރްނާ" އިއުލާންކުރީ ބޮޑު ބަޖެޓަކުން ހަދާ ވަރަށް ބިޔަ ފިލްމެއްގެ ގޮތުގަ އެވެ. ފިލްމު ގެނެސްދޭން ނިންމާފައި ވަނީ އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހަކުންނެވެ. މި ފިލްމު އިއުލާންކޮށް މޯޝަން ޕޯސްޓަރު އާންމުކުރި ނަމަވެސް އެ ޑައިރެކްޓްކުރާނެ މީހަކާއި ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.
އެ ސްޓޫޑިއޯ އިން އެންމެ އަވަހަށް ސިނަމާތަކަށް ގެންނަން އޮތް ފިލްމަކީ މެއި 28 ގައި ރިލީޒްކުރާ އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" އެވެ.
ރަންވީރުގެ ދެ ފިލްމެއް މި އަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވެ އެވެ. އެއީ ޖޫން 4 ގައި ގެނެސްދޭ ކްރިކެޓް ފިލްމު "83" އާއި އޮގަސްޓް 27 ގައި ގެނެސްދޭ ކޮމެޑީ ފިލްމު "ޖަޔޭޝްބާއީ ޖޯރުދާރު" އެވެ.
ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރު މިހާރު އަންނަނީ ރޯހިތު ޝެޓީގެ ކޮމެޑީ ފިލްމު "ސާކަސް" ގެ މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy