ކިއާރާ އަށް މުރާދު ހުށަހެޅި ތިން ވަނަ ފިލްމަކީ ކުޑަ ބަޖެޓަކުން ހަދާ "އަޕޫރްވާ"
ކިއާރާ.
28 މާޗް 2021 - 07:51
ކުރިއަރަމުން އަންނަ ބޮލީވުޑްގެ ޒުވާން ބަތަލާ ކިއާރާ އަދުވާނީ އަށް ޕްރޮޑިއުސަރު މުރާދު ކެތާނީ ހުށަހެޅި ތިން ވަނަ ފިލްމު ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.
ކިއާރާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި އޮތް 2019 ގެ "ކަބީރް ސިންގް"ގެ ޓީމުން ދިން ފުރުސަތު ގަބޫލުނުކުރި ނަމަވެސް އޭނާ އަންނަނީ މުރާތުގެ ދެވަނަ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ މި އަހަރުގެ ނޮވެމްބަރު 13 އަށް ތާވަލުކޮށްފައިވާ "ބޫލް ބުލައްޔާ 2" އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ކިއާރާ ގަބޫލުނުކުރި ފިލްމަކީ ކުޑަ ބަޖެޓަކުން ހަދާ ވުމަން-ސެންޓްރިކް ފިލްމު "އަޕޫރްވާ" ކަމަށެވެ. މިއީ އަންހެނަކަށް ދިމާވާ ނުރައްކާތެރި ހާދިސާއަކާ އެއް ދުވަހު ކުރިމަތިލައިގެން ކާމިޔާބު ހޯދާ ގޮތް ދައްކުވައިދޭ ފިލްމެކެވެ.
ހަންގާމާ އިން ބުނި ގޮތުގައި "އަޕޫރްވާ" ނެރޭޓްކޮށް ދިނުމުން ކިއާރާ އަށް ވަރަށް ކަމުދިޔަ އެވެ. އެކަމަކު މި ދަނޑިވަޅުގައި ކުޑަ ބަޖެޓަކުން ހަދާ އާދައިގެ ފިލްމަކަށް ވަގުތު ހުސްނުކުރަން އޭނާގެ ޓީމުން ލަފާ ދީފައިވާތީ ފިލްމު ދޫކޮށްލީ އެވެ. އަނެއްކޮޅުން ކިއާރާގެ އަތުގައި މިހާރު ވެސް "ކައްރަމް ކުއްރަމް" ކިޔާ ވުމަން-ސެންޓްރިކް ފިލްމެއް އެބަ އޮތެވެ. އެ ފިލްމު ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރަނީ އަޝުތޯޝް ގޮވަރިކާ އެވެ.
ކިއާރާގެ އަތުގައި ހުރި ބޮޑެތި ފިލްމުތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2" އާއި "ޖުގް ޖުގް ޖިއޯ" އަދި "މިސްޓަ ލޭލޭ" ހިމެނެ އެވެ. މީގެ އިތުރުން ތަމަޅަ ޑައިރެކްޓަރު ޝަންކަރްގެ ދެ ފިލްމެއް ވެސް އޭނާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ ތެލެގޫ އެކްޓަރު ރާމް ޗަރަންއާ އެކު ހަދާ ފިލްމަކާއި ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ހަދާ ފިލްމެކެވެ.
މި އަހަރު ރިލީޒްވާނެ ކިއާރާގެ ފުރަތަމަ ފިލްމު "ޝޭރު ޝާހް" ރިލީޒްކުރާނީ ޖުލައި 2 ގަ އެވެ.
މިދިޔަ އަހަރު ކިއާރާ ފެނުނު ފިލްމުތަކުގެ ތެރޭގައި "ގިލްޓީ" އާއި "ލަކްޝްމީ" އަދި "އިންދޫ ކީ ޖަވާނީ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy