ނަވާޒުއްދީންގެ ލަވައިގެ ޕޯސްޓަރެއް.
30 މާޗް 2021 - 08:13
މި ފަހަކަށް އައިސް ބޮލީވުޑްގެ ޒުވާން ބަތަލާއިންނާ އެކު ފިލްމުތަކުގައި ލީޑް ރޯލު ކުޅެން ފުރުސަތު ލިބެމުން އަންނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ އަލަތު ވީޑިއޯ ލަވަ އާންމުކޮށްފި އެވެ.
"ބާރިޝް ކީ ޖާޔޭ" ގެ ނަން ދީފައިވާ މި ލަވައިގައި ނަވާޒުއްދީނާ އެކު ފެނިގެން ދަނީ ސުނަންދާ ޝަރުމާ އެވެ. މި އަހަރު އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ ނެޝަނަލް އެވޯޑް ކަށަވަރުކުރި ބީ ޕްރާކްގެ މިއުޒިކަށް އޭނާ ކިޔާފައިވާ ލަވައިގެ ޅެން ހެދީ ޖާނީ އެވެ. އަދި ލަވައިގެ ވީޑިއޯ ޑައިރެކްޓްކުރީ އަރުވިންދަރު ޚައިރާ އެވެ.
މީގެ ކުރިން މުޅިން ވެސް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެންނަ ނަވާޒުއްދީން، 46، މި ފަހުން ޒުވާން ބަތަލާއިންނާ އެކު ލީޑް ކުޅުނު ފިލްމުތަކުގެ ތެރޭގައި ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީއާ އެކު ކުޅުނު 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އާއި އެ އަހަރު އަމްރިތާ ރާއޯއާ އެކު ކުޅުނު "ތާކްރީ" އާއި ރާދިކާ އަޕްޓޭއާ އެކު މިދިޔަ އަހަރު ފެނިގެން ދިޔަ "ރާތު އަކޭލީ ހޭ" ހިމެނެ އެވެ.
އޭނާ ލީޑް ރޯލުން ފެންނަން ހުރި ފިލްމުތަކުގެ ތެރޭގައި ތަމަންނާ ބާޓިއާއާ އެކު ކުޅެފައިވާ "ބޯލެ ޗޫޅިޔާ" އާއި ނޭހާ ޝަރުމާއާ އެކު ކުޅެމުން އަންނަ "ޖޮގީރާ ސަރަ ރާ ރާ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy