މުނިފޫހިފިލުވުން / ބޮލީވުޑް

"ރާމް ތޭރީ ގަންގާ މެއިލީ" ނުކުޅެވުމަކީ ޕަދުމިނީ އަށް ދެރައެއް

ޕަދުމިނީ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކުރީގެ ފިލްމު "ރާމް ތޭރީ ގަންގާ މެއިލީ" ދޫކޮށްލި ސަބަބު އެ ފިލްމުގެ ބަތަލާގެ ރޯލު ކުޅެން ފުރަތަމަ ލިބުނު ޕަދުމިނީ ކޯލަޕޫރީ ފުރަތަމަ ފަހަރަށް މީޑިއާއަކަށް ކިޔައިދީފި އެވެ.

އޭނާ ބުނީ މަންދާކިނީއާ އެކު ރާޖް ކަޕޫރް ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު ދޫކޮށްލީ ފިލްމުގެ ބަތަލުގެ ރާޖިވް ކަޕޫރާ އެކު ވަރަށް ގައިގޯޅި ލޯބީގެ މަންޒަރެއް ކުޅެން ޖެހި، ތުންފަތްް ގުޅުވަން ޖެހޭ މަންޒަރެއް އިނުމުން އެކަމާ އެއްބަސްނުވެވިގެން ކަމަށެވެ. "ރާމް ރޭތީ ގަންގާ މެއިލީ" ގެ ބަތަލުގެ ރޯލު ކުޅުނު ރާޖިވް އަކީ ރާޖް ކަޕޫރްގެ ދަރިއެކެވެ. އޭނާ މިދިޔަ މަހު 59 އަހަރުގައި ވަނީ ހާޓްއެޓޭކެއްގައި މަރުވެފަ އެވެ.

މި މަހުގެ ކުރީކޮޅު ފިރިހެން ދަރިފުޅު ޕްރިޔާންކް ޝަރުމާގެ ކައިވެނި ޕާޓީ ރާއްޖޭގެ ރިސޯޓެއްގައި ބޭއްވި ޕަދުނިމީ، 55، ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ 1985 ގެ "ރާމް ތޭރީ ގަންގާ މެއިލީ" ދޫކޮށްލަން ޖެހުމުން ދެރަވި ކަމަށެވެ. އަދި އެ ފިލްމު ރިލީޒްކޮށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުމުން ފިލްމު ދޫކޮށްލެވުނީތީ އެކަމާ ފަހުން ވަރަށް މާޔޫސްވި ކަމަށް ބުންޏެވެ.

"އަހަންނަށް ވަރަށް ރީތި ފިލްމެއް އެއީ. އޭގެ ލަވަތައް ވެސް އެހާ ޗާލު. އަނެއްކާ އެއަށްކޮށްފައި މަސައްކަތް ވެސް ވަރަށް ފުރިހަމަ." 1980 ގެ އަހަރުތަކުގައި ވަރަށް ވިދައިލި ބަތަލާ ބުންޏެވެ.

ޕަދުމިނީ ބުނީ "ރާމް ތޭރީ ގަންގާ މެއިލީީ" ތުންގުޅުވާ މަންޒަރެއް ނެތް ނަމަ އެ ފިލްމު ކުޅުނީސް ކަމަށެވެ. އަދި އޭގައި ބަތަލާ ދަރިފުޅަށް ބުއްދޭން އިންނަ މަންޒަރެއް ދައްކައިދޭތީ އެ މަންޒަރާ މެދު އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ބުންޏެވެ.

"އެއީ ވާހަކައިގެ ވަރަށް މުހިއްމު ތަންކޮޅެއް. އެ ކަހަލަ މަންޒަރެއް ކުޅެން އަހަންނަށް މައްސަލައެއް ވެސް ނެތް އޭރަކު. މައްސަލަ އަކީ ކުރިން ބުނިހެން އޭގައި އިން ކިސިން ސީން." ބަތަލާ ޝްރަދާ ކަޕޫރްގެ ބޮޑުދައިތަ ބުންޏެވެ.

ޕަދުމިނީ ކިޔައިދިން ގޮތުގައި "ރާމް ތޭރީ ގަންގާ މެއިލީ" ޝޫޓިން ފެށި ފަހުން ވެސް ރާޖް ކަޕޫރް ހުރީ ހިޔާލު ބަދަލުވެގެން އޭނާ ފިލްމު ކުޅެން އެއްބަސްވާ ނަމަ ފުރުސަތުދޭން ތައްޔާރަށެވެ.

"މަންދާކިނީ ބަތަލާއަކަށް ނަގައިގެން ފިލްމުގެ ސާޅީސް ފަސް ދުވަހުގެ ޝޫޓިން ނިންމައިލި އިރު ވެސް ރާޖް ކަޕޫރް ސާ ހުރީ އަހަރެން އެއްބަސްވާ ނަމަ ފިލްމުން ފުރުސަތުދޭން ތައްޔާރަށް." އޭނާ ބުންޏެވެ.

ފަސް ފިލްމުފެއާ އެވޯޑް ވެސް ހޯދި "ރާމް ތޭރީ ގަންގާ މެއިލީ" ގައި ރާޖް ކަޕޫރާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ނުލިބުނަސް އޭނާ 1982 ގައި ދަރިފުޅު ރިޝީ ކަޕޫރާ އެކު ޑައިރެކްޓްކުރި "ޕްރޭމް ރޯގް" އަކީ ޕަދުމިނީ ބަތަލާގެ ރޯލު ކުޅުނު ފިލްމެކެވެ.

ކެރިއަރުގައި ދޫކޮށްލަން ޖެހުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ވާހަކަ ވެސް ޕަދުމިނީ ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރޭގައި 1981 ގެ "ސިލްސިލާ" ގައި ރޭކާ ކުޅުނު ރޯލާއި 1984 ގެ "ތޮހޮފާ" ގައި ސްރީދޭވީ ކުޅުނު ރޯލާއި 1981 ގެ "އޭކް ދޫޖޭ ކޭ ލިޔޭ" ގައި ރާޓީ އަގްނިހޯތުރީ ކުޅުނު ރޯލު ހިމެނެ އެވެ. މި ފިލްމުތަކަކީ ހިންދީ ސިނަމާގެ ވަރަށް އައިކޮނިކް ފިލްމުތަކެކެވެ.

"ލިބޭ ކޮންމެ ފުރުސަތަކީ ބޭނުން ހިފޭނެ އެއްޗެއް ވެސް ނޫން. އެހެން ފިލްމަކަށް ވަގުތު ދޭން ކޮންމެވެސް އެހެން ފިލްމެއް ދޫކޮށްލަން ވެސް ޖެހޭ،" ޕަދުމިނީ ބުންޏެވެ. "އެގޮތަށް ދޫކޮށްލަން ޖެހުނު ފިލްމުތަކުގެ ތެރެއިން ރާމް ތޭރީ ގަންގާ މެއިލީ އަކީ ކުޅެވުނު ނަމައޭ ފަހުން އަބަދު ވެސް ހިތަށް އަރާ ފިލްމެއް."

މިހާރު ވަރަށް މަދުމަދުން ފިލްމުތަކުން ފެންނަ ޕަދުމިނީގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ 2019 ގެ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަތު" އެވެ. އޭގެ ކާސްޓްގައި ހިމެނެނީ އަރުޖުން ކަޕޫރާއި ސަންޖޭ ދަތާއި ކްރިތީ ސެނަން އެވެ.

މިދިޔަ އަހަރު މަރާޓީ ފިލްމު "ޕްރަވާސް" އިން ވެސް ޕަދުމިނީ ފެނިފައިވެ އެވެ.

އޭނާ އަކީ ކެރިއަރުގެ އެންމެ ރަންޒަމާނުގައި އޭރުގެ އެންމެ މަޝްހޫރު ހުރިހާ އެކްޓަރުންނަކީ އެކީހެން ރީތި އަދި ކާމިޔާބު އެތައް ފިލްމެއް ކުޅުނު ބަތަލާއެކެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑީ

31 March 2021

ތަރުހީބުލިބޭނެއެއްނުން. އެޒަމާނަށް ބަލާއިރު ވަރަށް ނުފެންނާނެ މަންޒަރެއް އިންނަ ފިލްމެއްވިއްޔާ.

The name is already taken The name is available. Register?

ކަބުލޮ

31 March 2021

އައިޕެޑްމިނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454