މުނިފޫހިފިލުވުން / ބޮލީވުޑް ފިލްމު

އާދާރް ޖެއިން އެދެނީ ބެލުންތެރިންގެ ލޯތްބަށް

އާދާރަކީ 2017 ގެ "ގައިދީ ބޭންޑް" އިން ބޮލީވުޑަށް ނުކުތް އެކްޓަރެއް

އާދާރް.

ކުޅުނު ދެވަނަ ފިލްމު "ހެލޯ ޗާލީ" އަކީ ވަރަށް މަޖާ ފިލްމަކަށް ވާނެ ކަމަށާއި އުންމީދަކީ މި ފިލްމު ބަލާފައި ބެލުންތެރިން އޭނާ އެކްޓަރެއްގެ ގޮތުގައި ބަލައިގަނެ، ލޯބި ދިނުން ކަމަށް އާދާރް ޖެއިން ބުނެފި އެވެ.

ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ އާއިލާ ކަމަށްވާ ކަޕޫރް އާއިލާ އަށް ނިސްބަތްވާ އާދާރުގެ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނި އަންނަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ ޕްރީމިއާކުރާ "ހެލޯ ޗާލީ" އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރި ފިލްމެއް ކަމަށެވެ. ހާއްސަކޮށް މިއީ ކޮމެޑީއަކަށް ވާތީ ކޮމިކް ޓައިމިން އަށް ވަރަށް މަސައްކަތްކޮށްފައި ހުންނާނެ ކަމަށާއި ކުރެވުނު މަސައްކަތްތަކާ ދޭތެރޭ އަމިއްލަ އަށް ވެސް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

"ފިލްމުގެ ޓްރެއިލާ ބެލި ވަރަށް ގިނަ މީހުންގެ ފަރާތުން ވެސް އަހަރެންގެ ކޮމިކް ޓައިމިން ރަނގަޅުކަން ފާހަގަކޮށްފައި ހުރީމަ ފިލްމާ ދޭތެރޭ ކުރެވޭ އުންމީދުތައް ވަރަށް ބޮޑު. އަހަރެން ވަރަށް ބޭނުން ބެލުންތެރިން މި ފިިލްމު ބަލާފައި އަހަންނަކީ އެ މީހުން ލޯބިވާ އެކްޓަރަކަށް ވާން،" ބަތަލާ ތާރާ ސުތާރިއާއާ ރައްޓެހިވެގެން އުޅޭ އާދާރް ބުންޏެވެ. "ތެދަށް ބުނަންޏާ އަހަރެން ވަރަށް ބުރަ މަސައްކަތްކުރި ފިލްމެއް މިއީ."

ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ކަރީނާ ކަޕޫރްގެ ކަޒިން ބުނި ގޮތުގައި "ހެލޯ ޗާލީ" އަކީ ކޮވިޑް-19 ކަހަލަ އުނދަގޫ، ހާސްކަން ބޮޑު ދުވަސްވަރެއްގެ ތެރޭގައި ހިތް އުފާކޮށްލައި، ހިތްހަމަޖެހުން ހޯދަން ބަަލައިލަން އެއް ވަނައިގެ ފިލްމަކަށް ވާނެ އެވެ.

"މިއީ އާއިލާގެ އެންމެން އެއްކޮށް ތިބެގެން ބަލާލެވޭނެ ފިލްމެއް. ހެލޯ ޗާލީ އަކީ ހާއްސަ ފިލްމެއް. މިއީ ބެލުންތެރިން ހެއްވާލައި އެ މީހުންގެ މޫޑް ރަނގަޅުކޮށް ދޭނެ ފިލްމެއް. އަދި މިއީ ބެލުންތެރިންނާ ކަނެކްޓްވާނެ ކަހަލަ ފިލްމެއް،" މިދިޔަ އަހަރު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި އެކްޓަރު ބުންޏެވެ. "އަހަންނަށް އަދި ވަރަށް ޔަގީން މި ފިލްމަކީ ވަކިން ހާއްސަކޮށް ކުދިން ވަރަށް ގަޔާވާނެ ފިލްމަކަށް ވާނެ."

ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ގެނެސްދޭ "ހެލޯ ޗާލީ" އަކީ ޕަންކަޖް ސަރަސްވަތު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި ކިޔައިދޭނީ ގޮރިއްލާއެއް ވައިގެ މަގުން އުފުލަނިކޮށް، އޭތި އޮންނަ ބޯޓް ވެއްޓި، ގޮރިއްލާ އާންމުންގެ ތެރެއަށް ދޫވުމުން އޭތި ހިފައި ހައްޔަރުކުރަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކެވެ.

"ހެލޯ ޗާލީ"ގެ ކާސްޓްގައި ޖެކީ ޝްރޮފާއި ޝްލޮކާ ޕަންޑިތާއި އެލްނާޒް ނޮރޯޒީ އާއި ރާޖްޕަލް ޔާދަވް ވެސް ހިމެނެ އެވެ.

އާދަރްގެ ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2017 ގައި ގެނެސްދިން "ގައިދީ ބޭންޑް" އެވެ.

އާދާރް، 26، އަކީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރާއި ކަރީނާ އާއި ކަރިޝްމާގެ ބައްޕަ ރަންދީރް ކަޕޫރާ އެއްބަނޑު އެއްބަފާ ރީމާ ކަޕޫރްގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. އާދާރްގެ ބޭބެ އަރުމާން ޖެއިން އަކީ ވެސް ފިލްމެއް ކުޅުނު ފަންނާނެކެވެ. އެއީ 2014 ގެ "ލޭކަރް ހަމް ދީވާނާ ދިލް" އެވެ. އެ ފިލްމަށް ފަހު އޭނާ އިތުރު ފިލްމެއް ނުކުޅެ އެވެ.

ބޮލީވުޑަށް ނުކުތް ނަމަވެސް އަރުމާނާއި އާދާރާ އަކީ ރަންބީރާއި ކަރީނާ އަދި ކަރިޝްމާ ފަދައިން އާންމުންގެ މެދުގައި މާ މަގުބޫލުވި ބައެއް ނޫނެވެ. އަދި އެ މީހުންނަށް މިހާތަނަށް މާ ރަނގަޅު ފުރުސަތުތަކެއް ވެސް ފިލްމީ ދާއިރާ އިން ނުލިބެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454