އިމްރާން.
10 އެޕްރީލް 2021 - 08:10
ފިލްމަކަށް ސޮއިކުރާ އިރު އެ ފިލްމަކުން ލިބޭ އަގާ މެދު މާ ބޮޑު އިސްކަމެއް ދީގެން ނުވިސްނާ ކަމަށާއި އަބަދު ވެސް އިސްކަން ދެނީ ސްކްރީންޕްލޭ ރަނގަޅު ފިލްމުތަކަށް ކަމަށް އެކްޓަރު އިމްރާން ހާޝިމީ ބުނެފި އެވެ.
ދެހާސް ހަތަރެއްގެ ފިލްމު "މާޑާ" އިން އާންމުންގެ ސަމާލުކަން ހޯދި އެކްޓަރު ބުނީ ފިލްމެއްގެ ހުރިހާ ވެސް އެއްވެސް އެއްޗަކީ އޭގެ ސްކްރީންޕްލޭ ކަމަށާއި ކޮންޓެންޓްގެ ގޮތުން ރަނގަޅު ފިލްމެއް ނަމަ އެ ފިލްމަކަށް އޭނާ އަބަދު ވެސް ރުހުން ދޭނެ ކަމަށެވެ.
"އެހެންވެ ފިލްމަކަށް ސޮއިކުރާ އިރު އެއިން ލިބޭ އަގަކާ މެދު މާ ސީރިއަސްކޮށެއް ނުވިސްނަން. ވެދާނެ އަހަންނަކީ ފިލްމީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހިތްޖެހިފައި ހުންނަ މީހަކަށްވާތީ ކަމަށް ވެސް." އިންޑޯ-އޭޝިއަން ނިއުސް ސާވިސް (އިއަންސް) އަށް އިމްރާން ބުންޏެވެ.
"މާޑާ" ގެ އިތުރުން "ރާޒް" އާއި "ޖަންނަތު" ސީރީޒްގެ އިތުރުން ވެސް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ބުނީ ފިލްމީ މަސައްކަތަކީ ފުރަތަމަ ލޯބި ކަމަށާއި އެކަމަކު "ހިލޭ ފިލްމު ނުކުޅޭ" ކަމަށް ބުންޏެވެ.
މިދިޔަ މަހު "މުމްބާއީ ސާގާ" އިން ފެނިގެން ދިޔަ އިމްރާން ބުނީ އަބަދު ވެސް އެންމެ އިސް ކަމަކަށް ބަލަނީ ބެލުންތެރިން ގަޔާވާ ކަހަލަ ވާހަކަ ކިޔައިދޭ ފިލްމުތަކަށް ކަމަށެވެ. ފިލްމުގެ ވާހަކަ ރަނގަޅުވެއްޖެ ނަމަ އެ ފިލްމެއް ހިނގާނެ ކަމަށާއި ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ވެސް ބުންޏެވެ.
ސަލްމާން ޚާންގެ "ޓައިގާ 3" ގެ ވިލަންގެ ރޯލު ކުޅެން ލިބުނު އިމްރާން ބުނީ އޭނާ ފިލްމު ކުޅޭތާ ގިނަ ދުވަސްތަކެއްވި ނަމަވެސް ކޮންމެ ފިލްމެއްގެ ޝޫޓިން ފަށާ ފުރަތަމަ ދުވަހަކީ ޖެހިލުންވެ ހިތްބިރު ގަނެފައި ހުންނަ ދުވަހެއް ކަމެއް ކަމަށެވެ.
"ކެރެކްޓާ އަށް ނުވަދެވިދާނެތީ އާއި ދެން އެހެން ވެސް އެކި ކަންކަމުގެ ހާސްކަން ބޮޑުވެ މިހާރު ވެސް އަހަންނަކީ ކޮންމެ ފިލްމެއްގެ ޝޫޓީން ފަށާ ފުރަތަމަ ދުވަހު ވަރަށް ބިރުން އުޅޭ މީހެއް،" އިމްރާން ބުންޏެވެ. "އެ ބިރާއި ޖެހިލުންވުން ކެނޑެން ދުވަސްކޮޅެއް ނަގާނެ. އެކަމަކު ދެން މަސައްކަތް ކުރިއަށްދާ ވަރަކުން ހަމައަކަށް އެޅެން ފަށާނެ."
އިމްރާން، 42، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަމީތާބް ބައްޗަންގެ ޗެހެރޭ" އާއި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އަދި ބުޝަން ކުމާރުގެ "އެޒްރާ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުއިއުެއކީކޭ
10 April 2021
ހާޝިމީ އޭ؟؟؟ ހަޝްމީ ކިޔަނީ ހަޝްމީ!!!