15 އެޕްރީލް 2021 - 08:43
ބޭނުންވަނީ އަންހެނުންނާ މެދު މީހުން ދެކޭ ގޮތް ބަދަލުވާ ކަހަލަ ވަރުގަދަ ރޯލުތައް ކުޅެން ކަމަށް ބަތަލާ ޕަރިނީތީ ޗޯޕްރާ ބުނެފި އެވެ.
ދާދި ފަހުން ރިލީޒްކުރި "ދަ ގާލް އޮން ދަ ޓްރެއިން" އާއި "ސަންދީޕް އޯރް ޕިންކީ ފަރާރު" ގެ އިތުރުން "ސައިނާ" ގެ ބަތަލާ ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކުރިން ބަތަލާއިން ކުޅެފައި ހުންނަ ކަހަލަ ގަސްތަކުގެ ވަށައިގެން ނަށާފައި ލަވަކިޔާ ހުންނަ "ޓިޕިކަލް ބޮލީވުޑް ހިރޮއިން" ގެ ރޯލުތަކަށް މާ ބޮޑު ޝައުގުވެރި ކަމެއް ނުހުންނަ ކަމަށެވެ.
"އެހާ އެހާ އާދައިގެ އަދި މާ ބޮޑު ކަމެއް ނުހުންނަ ކެރެކްޓާތަކަކަށް އަހަރެން އެހާ ޝައުގުވެރިކަމެއް ނުދެން. ފިލްމު ކުޅެން ފެށި ހިސާބުން ވެސް އަހަރެން އަބަދު ވެސް ވަރަށް ބަލަން ސްޓްރޯންގް ކެރެކްޓާތަކަށް،" 2011 ގައި ފިލްމު "ލޭޑީސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ނުކުތް ޕަރިނީތީ ބުންޏެވެ. "އެންމެ ފަހުން ރިލީޒްވި އަހަރެންގެ ފިލްމުތަކަށް ބެލިޔަސް އެހާ އާދައިގެ ފަސޭހަ ރޯލުތަކެއް ނޫން ކުޅެފައި ހުންނާނީ."
އޭނާ ބުނި ގޮތުގައި ބަތަލާއިން ތަފާތު ރޯލުތަކަށް ޑިމާންޑްކުރާ މިންވަރަކުން އެފަދަ ރޯލުތައް އެ މީހުންނާ ހަމައަށް އަންނާނެ އެވެ. މިހާރު ކުރިއާ ހިލާފަށް ބޮލީވުޑްގެ ބަތަލާއިންނަށް އެ މީހުންގެ އަސްލު ހުނަރާއި ގާބިލްކަން ދައްކުވައި ދެވޭ ކަހަލަ ރޯލުތައް ކުޅެން ލިބޭ ކަމަށް ބުންޏެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ސްކްރީނުގައި އަންހެނުން ވަރުގަދަކަން ދައްކާ ކަމަށް ވަންޏާ މުޖުތަމައުގެ ތެރޭގައި އަންހެނުންނާ ދޭތެރޭ ދެކޭ ގޮތް ވެސް ބަދަލުވާން ފަށާނެ." ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ ދެބޭންގެ ދެދަރި ޕަރިނީތީ ބުންޏެވެ. "އެކަމަކު އެކަން ކުރެވޭނީ ހުރިހާ ބަތަލާއިން ވެސް ފިލްމުތައް ހޮވުމުގައި އިސްކަންދޭ މިންވަރަކުން."
ޕަރިނީތީ، 32، ބުނީ އަބަދު ވެސް އާ ފިލްމަކަށް އެއްބަސްވާ އިރު ކުރިން އޭނާ ކުޅެފައި ނެތް ކަހަލަ ރޯލުތަކެއް ކުޅެން ލިބޭ ކަހަލަ ފިލްމުތަކަށް އިސްކަންދޭ ކަމަށެވެ. އަދި އެ ރޯލަކީ ކުރިން ކުޅުނު ކެރެކްޓާ އަށް ވުރެ ހުރިހާ ގޮތަކުން ވެސް އޮއްޓަރު ހުރި ރޯލަކަށް ވާން ޖެހޭނެ ކަމަށް ބުންޏެވެ.
"އިޝަގްޒާދޭ" އާއި "ހަސީ ތޯ ޕަސީ" އަދި "ޝުދު ދޭސީ ރޮމޭންސް" ފަދަ ފިލްމުތައް ކުޅުނު ޕަރިނީތީގެ ކުރިއަށް ހުރި ފިލްމުތަކަކީ ރަންބީރް ކަޕޫރާ އެކު ކުޅޭ "އެނިމަލް" އާއި ވަރުން ދަވަނާ އެކު ކުޅޭ "ސާންކީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy