ޖަަޔާ ޕްރަދާ.
03 މެއި 2021 - 08:24
މިހާރު ފިލްމުތަކުން ނުފެނުނަސް ކުރީގެ ބަތަލާ ޖަޔާ ޕްރަދާ އަކީ އޭނާގެ ރަންޒަމާނުގައި ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދި ބަތަލާއެކެވެ. އޭނާގެ ކެރިއަރުގައި 300 އެއްހާ ފިލްމު ކުޅެފައިވާ އިރު، އޭގެ ތެރޭގައި ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގެ އެހެން ބަހުރުވަތަކުން ކުޅުނު ފިލްމުތައް ވެސް ގިނަ އެވެ.
ޖަޔާ އެންމެ ގިނައިން ކުޅުނީ ތެލެގޫ ފިލްމުތަކެވެ. އެންމެ ފަހުން 2018 ގައި ސިނަމާތަކުގައި ދެއްކި އޭނާގެ ފިލްމަކީ ވެސް ތެލެގޫ ފިލްމެކެވެ. އަދި ޖަޔާ އެކްޓިން އަށް ނުކުތީ ވެސް 1974 ގެ ތެލެގޫ ފިލްމު "ބޫމީ ކޮސަމް" އިންނެވެ.
އުމުރުން 59 އަހަރުގެ ޖަޔާ އަކީ އޭނާ ފިލްމު ކުޅުނު ޒަމާނުގައި އިންޑިއާގެ އެންމެ ރީތި ބަތަލާއިންގެ ތެރޭގައި ގުނައިލެވުނު ބަތަލާއެކެވެ. އަންދުރަ ޕްރަދޭޝް އުފަން ބަތަލާގެ ކެރިއަރުގައި ވަރަށް ރީތި އަދި އެހާމެ ކާމިޔާބު ހިންދީ ފިލްމުތަކެއް ކުޅުނެވެ.
އޭގެ ތެރޭގައި 1979 ގެ "ސަރުގަމް" އާއި "ލޯކް ޕާލޯކް" އާއި 1983 ގެ "ގަޔާމަތު" އާއި 1984 ގެ "ތޯފާ" އާއި "މަގުސަދު" އާއި 1985 ގެ "މޭރާ ސާތީ" އާއި 1986 ގެ "ޕިޔާރު ކެ ދޯ ޕަލް" އަދި 1994 ގެ "އިންސާނިއްޔަތު" ފަދަ ފިލްމުތައް ހިމެނެ އެވެ. ރަންޒަމާނުގައި ޖަޔާ ވަނީ ހިންދީ ސިނަމާގެ އޭރުގެ އެންމެ މަޝްހޫރު ހުރިހާ އެކްޓަރުންނާ އެކީހެން ފިލްމު ކުޅެފަ އެވެ.
ނުވަދިހައިގެ ކުރީކޮޅާ ހަމައަށް ޖަޔާ އަކީ ވަރަށް ބިޒީ ބަތަލާއެކެވެ. އެކަމަކު އޭނާ ކެރިއަރުގެ އެންމެ އުހުގައި އުޅެނިކޮށް 1994 ގައި ތެލެގޫ ދެސަމް ޕާޓީ (ޓީޑީޕީ) އާ ގުޅި ސިޔާސީ ދާއިރާ އަށް ނުކުތެވެ. އެގޮތުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާ އާއި މަތިގެ ރާޖިއާ ސަބާގެ މެމްބަރުކަން ވެސް ޖަޔާކޮށްފައިވެ އެވެ.
ޖަޔާގެ ފިލްމީ ކެރިއަރާއި ސިޔާސީ ކެރިއަރު ވެސް ކާމިޔާބެވެ. މިހާރު ސިޔާސީ މަގާމެއްގައި ނެތަސް ޖަޔާ އަކީ ވެރިކަންކުރާ ބީޖޭޕީގެ މެމްބަރެކެވެ.
ޖަޔާގެ ޒާތީ ދިރިއުޅުމަށް ބަލާ އިރު އޭނާ ކައިވެނިކުރީ ޕްރޮޑިއުސަރު ސްރީކާންތު ނަހާޓާއާ އެވެ. އެއީ 1989 ގަ އެވެ. އޭރު ވެސް ނަހާޓާ އަކީ ކައިވެންޏެއްކޮށް ތިން ދަރިން ތިބި މީހެކެވެ. ފުރަތަމަ އަންހެނުން ވަރިނުކޮށް ޖަޔާއާ ނަހާޓާ ކައިވެނިކުރުންވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ޖަޔާ އަށް އަމާޒުވި ކަމަކަށެވެ. އެ ކައިވެންޏަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.
ޖަޔާ އަމިއްލަ ދަރިއެއްގެ ގޮތުގައި ބެލީ އޭނާގެ ދައްތައެއްގެ ފިރިހެން ދަރިއަކު އެޑޮޕްޓްކޮށްގެންނެވެ.
ދާދި ފަހުން ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް 12" ގެ އެޕިސޯޑެއްގައި ވެސް ޖަޔާ ބައިވެރިވެ، އޭނާގެ ފިލްމީ ކެރިއަރުގެ ބައެއް ހަނދާންތައް އާކޮށްފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ކުރީގެ ބަތަލާ ސްރީދޭވީއާ ބެހޭ ގޮތުން ދެއްި ވާހަކަ އެވެ.
ޖަޔާ ބުނި ގޮތުގައި އެ ދެ މީހުންނަށް އެކީގައި މަސައްކަތްކުރަން ގިނަ ފުރުސަތުތަކެއް ލިބުނަސް، ދެ މީހުންގެ މެދަކު އެއް އިރެއްގައި ވެސް ހާއްސަ ގުޅުމެއް ނެތެވެ. އެކަކު އަނެކަކަށް ވާހަކަ ވެސް ދައްކައެއް ނޫޅެ އެވެ. އެހެންވެ އެކަމާ ކަންބޮޑުވެގެން 1984 ގެ ފިލްމު "މަގުސަދު" ގެ މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު އެ ފިލްމުގެ ދެ އެކްޓަރުން ކަމަށްވާ ރާޖޭޝް ކަންނާ އާއި ޖީތެންދުރާ ޖަޔާ އާއި ސްރީދޭވީ އަނގައިން ބުނޭތޯ އެއް މޭކަޕް ރޫމެއްގައި ބަންދުކޮށްގެން ވެސް އުޅުނެވެ. އެކަމަކު އެ ފަހަރު ވެސް އެކަން ކާމިޔާބުވާ ގޮތް ނުވި ކްމަށް ޖަޔާ ބުންޏެވެ.
އެކަމަކު މިހާރު ސްރީދޭވީއާ ގާތް ގުޅުމެއް ބޭއްވުނު ނަމައޭ ހިތަށް އަރާ ކަމަށް ޖަޔާ ބުނެފައިވެ އެވެ. ސްރީދޭވީ މަރުވީ 2018 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮސްކަލޯ
03 May 2021
ބީޖޭޕީ މެމބަރެއް ވިއްޔާ ބަލާނެ ކަމެއް ނެތް. ތީ މުސްލިމުންނާ އިދިކޮޅު މީހެއް. ތި ކަހަލަ މީހެއް ޕްރޮމޯޓް ކުރާނެ ކަމެއް ނެތް. ބަލާބަލަ މިހާރު އެ އުޅޭ ކައްގަނޑާ ގެ ޓްވީޓް ތައް. ސިޔާސީ ޓްވީޓް އެއް ވިއްޔާ ހުސް ހުންނާނީ މުސްލިމުންނާ އިދިކޮޅަށް
ބާބާ
03 May 2021
ފުރަތަމަ ރިޕޯޓް ފެނިފައި އަހަރެން ރުޅިއައީ، އަހަރެން ހީތަށްއެރީ ޝީލާ ނަޖީބްވެސް އުޅޭގޮތެއްދޯއޭ.