"ދުރިޝަމް 2" ގެ މަންޒަރެއްގައި މޯހަންލާލް.
10 މެއި 2021 - 10:20
މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި މަލަޔާޅަމް ފިލްމު "ދުރިޝަމް 2" ގެ ރައިޓްސް ގަތް ވާހަކަ ޕެނޮރާމާ ސްޓޫޑިއޯސް އިން އިއުލާންކުރުމާ އެކު އޭގެ ރައިޓްސްއާ މެދު ސުވާލު އުފެދި، ކޯޅުންގަނޑަކަށްވެއްޖެ އެވެ.
ޕްރޮޑިއުސަރުން ކަމަށްވާ ކުމާރު މަންގަތު ޕަތަކް އާއި އޭނާ ދަރިފުޅު އަބީޝެކް ޕަތަކްގެ ޕެނޮރޯމާ އަށް ފިލްމުގެ ރައިޓްސް ލިބުނު ވާހަކަ އިއުލާންކުރީ މި މަހުގެ 4 ގަ އެވެ. އެކަމާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނީ ބެލުންތެރިންނާއި ކްރިޓިކުންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް ލިބުނު "ދުރިޝަމް 2" ހިންދީ ރިމެކަށް ވަރަށް ރަނގަޅަށް އިންސާފުކޮށްދޭން މަސައްކަތްކުރާނެ ކަމަށާއި އެ ފިލްމު ހަދަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ދުރިޝަމް" އަކީ 2013 ގައި މޯހަންލާލާ އެކު ގެނެސްދިން ތުރިލާއެކެވެ. އޭގެ ހިންދީ ރިމޭކް ހަމަ އެ ނަމުގައި އަޖޭ ދޭވްގަނާ އެކު ގެނެސްދިނީ 2015 ގަ އެވެ. މޯހަންލާލާ އެކު ފިލްމުގެ ދެވަނަ ބައި "ދުރިޝަމް 2: ދަ ރިޒަމްޕްޝަން" ރިލީޒްކުރީ މި އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.
އޭގެ ރައިޓްސް ހޯދި ޕެނޮރާމާ އަކީ އަޖޭގެ "ދުރިޝަމް" ގެ ވެސް ޕްރޮޑިއުސަރުންނެވެ. އަދި ދެވަނަ ބައި ވެސް ހަމަ އަޖޭއާ އެކު ހަދަން ނިންމާފައިވާ އިރު، ކުރީގެ ފިލްމުގެ ޑައިރެކްޓަރު ނިޝިކަންތު ކަމަތު މިދިޔަ އަހަރު ވަނީ މަރުވެފަ އެވެ.
"ދުރިޝަމް 2" ގެ ރައިޓްސްއާ މެދު މައްސަލަ އުފެދުނީ އެ ފިލްމަކީ ކުރީގެ ފިލްމުގެ ފޮލޯއަޕަކަށްވާތީ އޭގެ ރައިޓްސް އޮންނާނެ ކަމަށް ވަޔަކޮމް 18 އިން ބުނެ، އެ މައްސަލަ ބޮމްބޭ ހައި ކޯޓަށް ވެސް ވެއްދުމާ ގުޅިގެންނެވެ. އެ ކުންފުނިން ވަނީ އެ ފިލްމުގައި އެ މީހުންނަށް ހިއްސާވެވެން ޖެހޭނެ ކަމަށާއި އެތަނުގެ އެއްވެސް ބައިވެރިވުމެއް ނެތި ފިލްމު ނެހެދޭނެ ކަމަށް ބުނެފަ އެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅީ އެ ފުރުސަތު ނުދޭ ނަމަ "ދުރިޝަމް 2" ގެ ހިންދީ ރިމޭކް ޕެނޮރާމާ އިން ހެދުން ހުއްޓުވައި ދިނުމަށެވެ.
ވަޔަކޮމް 18 އަކީ އަޖޭގެ "ދުރިޝަމް" ގެ އިންޑިއާގެ ޑިސްޓްރިބިއުޝަނާ ހަވާލުވި ކުންފުންޏެވެ.
އެހެންވެ ކޯޓުން މިހާރު އަންގާފައި ވަނީ މައްސަލަ ކޮޅެއްގައި ޖެހެންދެން "ދުރިޝަމް 2" ގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އަންގައިފަ އެވެ. އަދި ފިލްމުގެ މަސައްކަތް ފަށައިފި ނަމަ އެއީ ޕެނޮރާމާ އަށް ލިބިދާނެ ބޮޑު ގެއްލުމަކަށް ވެދާނެ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އެހެންވެ އެ ކުންފުނިން ވެސް މިހާރު ވަނީ ކޯޓްގައި މައްސަލަ ކޮޅެއްގައި ޖެހެންދެން "ދުރިޝަމް" ގެ އެއްވެސް މަސައްކަތެއް ނުކުރަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy