ބަތަލާ މެގަން މާކަލް އިނގިރޭސި ޝާހީ އާއިލާއާ އެކަށީގެންވޭ: އެލިޒަބަތު ހާލީ

އިނގިރޭސީ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ހެރީ އާއި ބަތަލާ މެގަން މާކަލްގެ ލޯބީގެ ވާހަކައަކީ މިހާރު ސިއްރުން ދައްކާ ކަހަލަ ވާހަކައެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް މިހާރު އެ ގުޅުން ބަދަހިވެފައި، މާ ސީރިއަސް އެވެ.


ދެ މީހުންގެ ގުޅުން މިހާރު ވަނީ ކައިވެންޏަކާ ދިމާއަށް ވެސް މިސްރާބު ޖަހައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެގަން ވަނީ ދާދި ފަހުން ބަކިމްހަމް ޕެލަސްގައި ހެރީގެ ބައްޕާފުޅު، ޕްރިންސް ޗާލްސްއާ ވެސް ބައްދަލުކޮށްފަ އެވެ. އަދި ހެރީ އާއި މެގަންގެ ގުޅުމާ ދޭތެރޭ ރާނީ ވެސް ވެސް ވަރަށް ގަބޫލެވެ.

އަނެއްކޮޅުން އެމެރިކާ އަށް ވަޑައިގެން ޕްރިންސް ހެރީ ވަނީ މެގަންގެ އާއިލާއާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެހެންވެ ދެ ފަރާތުގެ އާއިލާ އިން ވެސް މި ގުޅުމާ ވަރަށް ރުހޭކަން މިހާރު މި ވަނީ ކަށަވަރުވެފަ އެވެ.

ނަމަވެސް މުޅި ދުނިޔެ ވަގުތުން ބެލި ޕްރިންސް ވިލިއަމާއި ކޭޓްގެ ޝާހީ ކައިވެންޏަށް ފަހު، ޕްރިންސް ހެރީ އާއި މެގަންގެ ޝާހީ ކައިވެނި ފެނިގެން ދާނީ ކޮން އިރަކުން ހެއްޔެވެ؟

މިކަމާ ބެހޭ ގޮތުން ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެލިޒަބަތު ހާލީ މިހާރު ވަނީ ވާހަކަ ދައްކައިފަ އެވެ.

މެގަން އާއި އެލިޒަބަތަކީ އެއް ދާއިރާއެއްގައި މަސައްކަތްކުރާ ދެ މީހުންނަށްވާތީ، އެލިޒަބަތު ވަނީ ވަރަށް އަވަހަށް ޝާހީ ކައިވެންޏެއް ފެނިގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ. އަދި އޭނާ ހުރީ މެގަން އަށްޓަކައި ވަރަށް އުފަލުން ކަމަށް ބުންޏެވެ.

ޕްރިންސް ހެރީ އާއި ބަތަލާ މެގަން: ދެ މީހުންގެ ގުޅުން މިހާރު ވަރަށް ސީރިއަސް.

"އަހަންނަކާ ޕްރިންސް ހެރީއަކާ މިހާތަނަށް ދިމާވެފައެއް ނެތް. އެކަމަކު މެގަން އާ ދިމާވި. އޭނައަކީ ޝާހީ އާއިލާ އާ ގުޅެން ވަރަށް އެކަށީގެންވާ ކަހަލަ ސިފަތަކެއް ލިބިފައިވާ ރީތި، ވިސްނުން ތޫނު ޖާދުވީ އަންހެން ކުއްޖެއް،" އޮސްޓިން ޕަވާ ފަދަ ފިލްމްތައް ކުޅެފައިވާ އެލިޒަބަތު، 51، ބުންޏެވެ.

އޭނާ ބުނީ ޕްރިންސް ހެރީ، 32، އާއި މެގަން، 35، ގެ ގުޅުމަށް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށެވެ.

"އަހަރެން އެ ދެ މީހުންނަށް ބާއްޖަވެރި ހަޔާތަކަށް އެދެން،" އެލިޒަބަތު ބުންޏެވެ. "އެ ދެ މީހުންގެ ޝާހީ ކައިވެންޏަށް ވަރަށް ބޮޑަށް އެބަ އުންމީދު ކުރެވޭ." އެލިޒަބަތު ބުންޏެވެ. "ލަސްތަކެއް ނުވެ އެ މަންޒަރު ފެންނާނެ ކަމަށް އުންމީދު ކުރަން ވަރަށް ބޮޑަށް."