ގޯތަމް.
20 މެއި 2021 - 07:24
މިހާރު ޝޫޓިން ނިމިފައި އޮތް އަޔޫޝްމަން ކުރާނާގެ ފިލްމު "ޗަންދީގަޅް ކަރޭ އާޝިގީ" ގެ ބޮޑު ރޯލެއް ކުޅެން ލިބުނު ކަމަށާއި އެކަމަކު އެ ފުރުސަތު ދޫކޮށްލީ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓާ މެދު ހިތްހަމަނުޖެހިގެން ކަމަށް އެކްޓަރު ގޯތަމް ގުލާޓީ ބުނެފި އެވެ.
ސަލްމާން ޚާންގެ "ރާދޭ" ގެ ނެގަޓިވް ރޯލެއް ކުޅެފައިވާ އެކްޓަރު ބުނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ އެންމެ ފުރަތަމަ ފިލްމު ނެރޭޓްކޮށް ދިން އިރު، އޭނާ އަށް ދިން ކެރެކްޓާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހުނު ކަމަށެވެ. އެކަމަކު ފިލްމުގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ލިބި ކިޔައިލިއިރު، ނެރޭޓްކޮށްދިން ގޮތާ ކެރެކްޓާ ވަރަށް ތަފާތު ކަމަށް ބުންޏެވެ.
"އެހެންވެ ފުރުސަތު ދޫކޮށްލީ. އަހަރެން އަބަދު ވެސް ފިލްމަކަށް އެއްބަސްވާނީ އަހަންނަށް ފުރަތަމަ ނެރޭޓްކޮށްދޭ ގޮތަށް އެންމެ ފަހު ޑްރާފްޓްގައި ވެސް ކެރެކްޓާ ގެނެސްދީފައި އޮތް ކަމަށް ވަންޏާ،" ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން އަށެއް ކާމިޔާބުކޮށްފައިވާ ގޯތަމް ބުންޏެވެ.
އޭނާ ބުނީ އެ ސަބަބާ ހުރެ "ޗަންދީގަޅް ކަރޭ އާޝިގީ" ދޫކޮށްލަން ޖެހުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަބީޝެކާ އެކު މަސައްކަތްކުރަން ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ގޯތަމް، 33، ކުރިން މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2019 ގެ "ވާޖިން ބާނޫޕްރިޔާ" އާއި 2016 ގެ "އަޒުހަރު" ހިމެނެ އެވެ. އޭނާ އަކީ މިހާތަނަށް ވަރަށް ގިނަ ޓީވީ ޝޯތަކުގައި ވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ.
ސްޓާ ޕްލަސް އިން ގެނެސްދިން ވަރަށް ކާމިޔާބު ސިލްސިލާއެއް ކަމަށްވާ 2011-2014 ގެ "ދިޔާ އޯރް ބާތީ ހަމް" ގެ ރޯލެއް ވެސް ގޯތަމް ކުޅެފައިވެ އެވެ.
ދެހާސް އަށާރައިގައި ގެނެސްދިން "ކޭދަރުނާތު" އަށް ފަހު އަބީޝެކް ގެނެސްދޭ "ޗަންދީގަޅް ކަރޭ އާޝިގީ" އަކީ ވަރަށް ތަފާތު ލޯބީގެ ވާހަކައަކަށް ހަދާފައިވާ ފިލްމެކެވެ. އޭގައި އަޔޫޝްމަން ކުޅެފައި ވަނީ އެތުލީޓެއްގެ ރޯލެވެ. އަދި ބަތަލާ، ވާނީ ކަޕޫރް ވެސް މުހިންމު ރޯލަކުން ފެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy