"ޑިސްކޯ ޑާންސަރު" ގެ ޕޯސްޓަރެއް.
21 މެއި 2021 - 08:52
އިންޑިއާގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީގެ ކެރިއަރުގެ ކުރީކޮޅު ކުޅުނު އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޑިސްކޯ ޑާންސަރު" ސްޓޭޖް ޕްލޭއެއްގެ ގޮތުގައި ހަދަން ނިންމައިފި އެވެ.
އެ ހަދަން ނިންމާފައި ވަނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ސާލިމް-ސުލައިމާނާއި "ޑިސްކޯ ޑާންސަރު" ގެ ޑައިރެކްޓަރު ބީ ސުބާޝް ގުޅިގެންނެވެ. ސުބާޝް ބުނި ގޮތުގައި "ޑިސްކޯ ޑާންސަރު" ގެ ރައިޓްސް އޮތި އޭނާގެ އަތުގަ އެވެ. އަދި ސާލިމް-ސުލަމައިނާ ގުޅިގެން އޭތި ޕްލޭއެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާތީ އޭގެ ސްކްރިޕްޓް މިހާރު ނިންމަމުން އަންނަ ކަމަށް ބުންޏެވެ.
އެތައް ފިލްމަކަށް ރީތި އެތައް ލަވައެއް ހަދައި ދީފައިވާ އަދި "އިންޑިއަން އައިޑޮލް" ފަދަ ޝޯތަކުގައި ޖަޖްކަން ވެސް ކޮށްފައިވާ ސާލިމް-ސުލައިމާން ބުނި ގޮތުގައި އެ މީހުން "ޑިސްކޯ ޑާންސަރު" ގެ ޕްލޭގެ މަސައްކަތް ފެށީ 2019 ގެ ފަހުކޮޅު އެވެ. އެކަމަކު މިދިޔަ އަހަރު ކޮވިޑް-19އާ އެކު ކުރިމަތިވި ލޮކްޑައުންއާ ހެދި މަސައްކަތް ހުއްޓުނު ނަމަވެސް މިހާރު އަނެއްކާ ވެސް އޭގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުންޏެވެ. އެހެންވެ އިންޑިއާގެ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ޕްލޭ ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބުންޏެވެ.
އެކަމަކު ޕްލޭގެ ކާސްޓުން އަދި ހަމައެއްނުޖައްސަ އެވެ. މިތުންއާ އެކު "ޑިސްކޯ ޑާންސަރު" ގެ ކާސްޓްގައި ކިމް، ރާޖޭޝް ކަންނާ، އޯމް ޕޫރީ، އޯމް ޝިވްޕޫރީ، ކަރަން ރާޒްދާން އަދި ކަލްޕަނާ އައްޔަރު ފަދަ ތަރިން ހިމެނުނެވެ.
ބައްބަރް 1982 ގައި ގެނެސްދިން "ޑިސްކޯ ޑާންސަރު" އަކީ ކައިވެނި ހަފުލާތަކުގައި ނަށައި ލަވަކިޔަން އުޅޭ ސްޓްރީޓް ޑާންސަރަކު ކާމިޔާބު ޑިސްކޯ ޑާންސަރަކަށް ބަދަލުވެގެންދާނެ ގޮތް ދައްކުވައިދިން ވަރަށް ކާމިޔާބު ޑާންސް ފިލްމެކެވެ. މި ފިލްމަކީ ބޮލީވުޑްގެ ބޮކްސް އޮފީހުގައި އެންމެ ފުރަތަމަ 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމު ވެސް މެ އެވެ.
ބައްޕީ ލެހެރީ މިއުޒިކް ހެދި "ޑިސްކޯ ޑާންސަރު" އަކީ ވަރަށް މަޝްހޫވި ލަވަތަކެއް ވެސް ހިމެނުނު ފިލްމެކެވެ. އޭގެ ތެރޭގައި "އައި އޭމް އަ ޑިސްކޯ ޑާންސާ"، "ޖިމީ ޖިމީ ޖިމީ އާޖާ"، "އައުވަ އައުވާ"، "ޔާދު އާ ރަހާ ހޭ" އަދި "ގޯރޯ ކި ނަ ކާލޯން ކީ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy