22 މެއި 2021 - 07:44
ކޮމެޑީ ފިލްމުތައް ހަދަން ބޮލީީވުޑްގައި އެންމެ އަރާހުރި އެއް ޑައިރެކްޓަރު ކަމަށްވާ ޑޭވިޑް ދަވަންގެ ދެ ފިލްމަކުން ޝާހްރުކް ޚާނަށް ދިން ފުރުސަތުތަކެއް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ޕިންކްވިލާ އިން ގެނެސްދިން ރިޕޯޓެއްގައި ބުނީ ޝާހްރުކް ދޫކޮށްލީ އެކްޓަރު ވަރުން ދަވަންގެ ބައްޕަގެ 1997 ގެ "ދީވާނާ މަސްތާނާ" އާއި ޑޭވިޑް ނަހަދައި ހުއްޓައިލި "ކިސް ކިސްކޯ ޕިޔާރު ކަރޫ" ކަމަށެވެ.
"ދީވާނާ މަސްތާނާ" އަކީ އަނިލް ކަޕޫރާއި ޖޫހީ ޗާވްލާގެ އިތުރުން ގޯވިންދާއާ އެކު ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި އެ ފިލްމުގައި ގޯވިންދާ ކުޅުނު ބުއްނޫގެ ކެރެކްޓާ ފުރަތަމަ ލިބުނީ ޝާހްރުކަށެވެ. އެކަމަކު އޭނާ އެ ރޯލު ގަބޫލުނުކޮށް ދޫކޮށްލީ އެވެ.
ގޯވިންދާ އަށް ފުރުސަތު ލިބުނީ އޭގެ ސަބަބުންނެވެ. ގޯވިންދާ އަކީ ޑޭވިޑާ އެކު މިހާތަނަށް އެންމެ ގިނަ ފިލްމު ކުޅުނު އެކްޓަރެވެ. އެ ދެ މީހުން އެކީގައި ކާމިޔާބު 17 ކޮމެޑީގައި މަސައްކަތްކުރި އެވެ.
ޝާހްރުކަށް ޑޭވިޑް ހުށަހެޅި "ކިސް ކިސްކޯ ޕިޔާރު ކަރޫ" އަކީ އޭނާ ފިލްމު ގަބޫލުނުކުރުމުން ޑޭވިޑް ހެދުން ހުއްޓާލައި އޭގެ، ނަމުގެ ރައިޓްސް ވެސް ދޫކޮށްލި ފިލްމެކެވެ. އޭގެ ވާހަކަ އަކީ ކައިވެނިކޮށް އެކަމަކު އޭގެ ބޭރުން ފިރިހެނަކު ގެންގުޅޭ ހަތް ސިއްރު ހަތް ލޯބިވެރިންގެ ސަބަބުން ދިމާވާ ހެއްވާ މަޖާ ކަންތައްތަކަށް ބިނާކޮށް ހަދަން އުޅުނު ފިލްމެކެވެ.
ޝާހްރުކް މި ފިލްމު ގަބޫލުނުކުރުމުން، އެ ނަހަދަން ނިންމައި ނަމުގެ ރައިޓްސް ދިނީ ޑައިރެކްޓަރުން ކަމަށްވާ އައްބާސް-މަސްތާނަށެވެ. އެ މީހުން 2015 ގައި "ކިސް ކިސްކޯ ޕިޔާރު ކަރޫ" ގެނެސްދިނީ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ބޮލީވުޑަށް ތައާރަފުކޮށް ދިން ފިލްމުގެ ގޮތުގަ އެވެ.
އޭގައި ކަޕިލްއާ އެކު ބަތަލާއިންގެ ރޯލު ކުޅުނީ އެލީ އަވްރަމް، ސައީ ލޯކަރް، މަންޖާރީ ފަޑްނިސް އަދި ސިމްރަން ކޯރް މުންޑީ އެވެ.
ދެ ފިލްމަކުން ޑޭވިޑް ދިން ފުރުސަތު ޝާހްރުކް ގަބޫލުނުކޮށް ދޫކޮށްލުމުން ފަހުން އޭނާގެ އެއްވެސް ފިލްމެއް ޝާހްރުކަށް ހުށަހަޅާފައެއް ނުވެ އެވެ. ޑޭވިޑަކީ މިހާތަނަށް ހިންދީ ސިނަމާ އަށް އައި އެންމެ ކާމިޔާބު ކޮމާޝަލް ފިލްމުތައް ގެނެސްދިން އެއް ޑައިރެކްޓަރެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ވަރުން އާއި ސާރާ އަލީ ޚާނާ އެކު މިދިޔަ އަހަރު ގެނެސްދިން "ކޫލީ ނަމްބަރު 1" އެވެ.
ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ، ސަންޖޭ ދަތާ އެކު ގެނެސްދިން 2003 ގެ "މުންނާބާއީ" އަކީ ވެސް އެންމެ ފުރަތަމަ ޝާހްރުކަށް ހުށަހެޅުމުން އޭނާ ގަބޫލުނުކޮށް ދޫކޮށްލި ފިލްމެކެވެ. އެކަމަކު ހިރާނީގެ ކުރިއަށް އޮތް ފިލްމަކީ ޝާހްރުކާ އެކު ހަދަން އުޅޭ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy