ޝާހްރުކް އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި "ޕަތާން" ގެ ޝޫޓިން ފަށާފައި
27 މެއި 2021 - 07:14
ތަމަޅަ ޑައިރެކްޓަރު އެޓްލީ ކުމާރާ އެކު ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާން މަސައްކަތްކުރަން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅުގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމުގެ ވާހަކަ ދެކެވެނީ 2019 އިން ފެށިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެޓްލީގެ ފިލްމުގައި ޝާހްރުކް ކުޅޭނީ ޑަބަލް ރޯލެކެވެ. މި ފިލްމާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން އެޓްލީ ކުރިން ދިން ސްކްރިޕްޓްގައި ހުރި ބައެއް ކަންކަން ބަދަލުކުރަން ޝާހްރުކް އެދުމުން އެކަން ކޮށްފައި، ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް އޭނާ އަށް ހުށަހެޅީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. އެގޮތުން ޝާހްރުކް ފިލްމަށް މިހާރު ރަސްމީކޮށް ރުހުން ދީފައިވާތީ، މި އަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރުގެ ތެރޭގައި ޝޫޓިން ފަށާނެ އެވެ.
އެކަމަކު އޭގެ ކުރިން ކުޅެން ފަށާފައި އޮތް ޑައިރެކްޓަރު ސިދާތު އާނަންދުގެ "ޕަތާން" ގެ މަސައްކަތް ޝާހްރުކް ނިންމާނެ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި މި ތުރިލާގެ މަސައްކަތް މި ވަގުތު ހުއްޓިފައި އޮތީ އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކާސްޓްގައި ޖޯން އަބްރަހަމާއި ދީޕިކާ ޕަދްކޯން ވެސް ހިމެނޭ "ޕަތާން" ގެ ޝޫޓިން އަލުން އަންނަ މަހުގެ 15 ގައި ފަށާނެ އެވެ.
ކުރިން އަޑުތައް އަރާފައވާ ގޮތުން "ޕަތާން" އަށް ފަހު ޝާހްރުކް ކުޅޭނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ، ހިޖުރަކުރުމާ ބެހޭ ގޮތުން ހަދާ ސޯޝަލް ކޮމެޑީއެކެވެ. އެކަމަކު އޭގެ މަސައްކަތް މިހާރު އަންނަ އަހަރުގެ މެދުތެރެއަށް ފަސްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. ހިރާނީ އެންމެ ފަހުން ގެނެސްދިނީ 2018 ގެ "ސަންޖޫ" އެވެ.
ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ޒީރޯ" އެވެ. އޭނާ އަށް ހުށަހަޅާފައިވާ ކަމަށް ބުނާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "އިޒުހާރު" ވެސް ހިމެނެ އެވެ.
ތަމަޅަ ފިލްމު އިންޑަސްޓްރީގެ އެންމެ އުންމީދީ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އެޓްލީ، 34، އެންމެ ފަހުން ގެނެސްދިނީ 2019 ގެ "ބިޖިލް" އެވެ. އޭނާ ހަދާފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި މާސަލް (2017)، ތެރީ (2016) އަދި ރާޖާ ރާނީ (2013) ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy