"4426" ލޭޓް ރިވިއު: ނަހުލާ މުޅިން އެހެން ހަރުފަތަކަށް

ކާސްޓް: ޔޫއްޕެ، ޝީލާ، އައްޒަ، ޖިމީ، ޖުމަލް، ޖުމާ، ފައިސަލް، ފާރޫގް


ސްކްރީން ޕްލޭ: ފާތުމަތު ނަހުލާ

ކެމެރާ: އަހުމަދު ޝިނާން

ޑައިރެކްޝަން: ފާތުމަތު ނަހުލާ އަދި އަހުމަދު ޝިނާން

އެޑިޓިން: އަހުމަދު ޝިނާން އަދި މުހައްމަދު ފައިސަލް

ބެކް މިއުޒިކް: މުހައްމަދު އިކްރާމް

މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމެކޭ ބުނެފި ނަމަ، އެ ފިލްމަކަށް ދެވޭ ޝައުގުވެރިކަން އަބަދު ވެސް ވަރަށް ބޮޑުވެ އެވެ. މިހާރު ސިނަމާގައި އޮތް ބިރުވެރި ފިލްމް "4426" ގެ މަސައްކަތް ފެށުމާ އެކު ވެސް ވީ ހަމަ އެހެންނެވެ.

އެކަމަކު، ނަހުލާގެ މި މަސައްކަތުގެ ސަބަބުން ވަރަށް ބޮޑު ހައިރާން ކަމެއް ވެސް ލިބުނެވެ. އެއީ، އާންމުކޮށް ލޯބީގެ މެލޮޑްރާމާތައް، އޭގެ އެންމެ ފުން އިހުސާސްތައް ހިމަނަައިގެން ގެނެސްދޭ ނަހުލާގެ ސިނަމާއާ މުޅިން ބީރަށްޓެހި، ބިރުވެރި ފިލްމެއް ގެނެސްދޭން ނިންމީތީ އެވެ. އެހެންވެ، މިކަން ނަހުލާ އަށް ކުރެވޭނެ ބާވައޭ ހިތަށް އެރި އެވެ. ލޯބީގެ ފިލްމުތައް ހަދައިގެން، އޭނާގެ ޖާދޫގައި އޯޑިއަންސް ޖެއްސުވި ގޮތަށް ބިރުވެރި ފިލްމަކުން އެކަން ކުރެވިދާނެ ހެއްޔެވެ؟ އަނެއްކާ ބޮޑު ޖޯކަކަށް މި ފިލްމް ނުވާނެ ހެއްޔެވެ؟

މިއީ ފިލްމް ބަލާލުމުގެ ކުރިން ހިތަށް އަރައި ފައިބަމުން ދިޔަ ބައެއް ސުވާލުތަކެވެ. އެކަމަކު، "4426" އިން ނަހުލާ ވަނީ އޭނާ އަކީ ކޮންމެ ކަހަލަ ފިލްމެއް ވެސް ހެދިދާނެ ޑައިރެކްޓަރެއްކަން ހަމަ ރަނގަޅަށް ވެސް ސާބިތުކޮށްދީފަ އެވެ. އެހެންވެ، އަހަރެން "4426" ސިފަ ކުރާނީ އާދައިގެ ބިރުވެރި ފިލްމެއްގެ ގޮތުގައެއް ނޫނެވެ.

ރާއްޖޭގައި އާންމުކޮށް ނެރެފައި ހުރި ބިރުވެރި ފިލްމުތަކަށް ބަލާ އިރު، އެއީ ލޯބީގެ ތަންތަންކޮޅު ހިމަނައިގެން، ވަރަށް ބޮޑަށް މަސްހުނިކޮށްގެން ހަދާފައިވާ ފިލްކުތަކެވެ. ރަތް ލިބާސް ލީ ޖިންނި ދައްކުވައިދޭ ބިރުވެރި ފިލްމުތަކެވެ. އެކަމަކު، "4426" އެ ފިލްމްތަކާ މުޅިން ތަފާތެވެ. އެއިން ފިލްމަކާ މި ފިލްމާ އަޅާކިޔޭ ވަރެއް ވެސް ނޫނެވެ. އެހާ ވެސް ތަފާތެވެ.

ނަހުލާގެ ގަލަން ހިނގަނީ ލޯބީގެ އެއްޗެހި ލިޔަން އެކަނި ނޫންކަން ކިތަންމެ ރަނގަޅަކަށް ވެސް "4426" އިން ސާބިތުކޮށް ދީފި އެވެ. މި ފިލްމުގެ ހަގީގީ "ހީރޯ" އަކީ މީގެ ސްކްރީން ޕްލޭ އެވެ. ނަހުލާ އެ އަށް ކޮށްފައިވާ މަސައްކަތަށް 100 މާކްސް ހައްގެވެ. ފިލްމް ފެށިގެން ގޮސް ނިމެންދެން މީގެ ސަސްޕެންސް އޮތީ ހިފަހައްޓައިފަ އެވެ. ފިލްމް އެހާ ބޮޑަށް ޝައުގު ކުރުވީ ވެސް އެ ސަބަބާ ހެދި އެވެ.

ސްކްރީން ޕްލޭ ރަނގަޅުވެއްޖެ ނަމަ، ފިލްމް ރަނގަޅު ވާނެކަން ކިތަންމެ ރަނގަޅަކަށް ވެސް "4426" އިން ފެނިގެން ހިނގައްޖެ އެވެ. މިއީ ނަހުލާގެ ފަރާތުން ހަގީގަތުގައި، ގިނަ ބަޔަކު އުންމީދު ނުކުރާ ޒާތުގެ ސްކްރީން ޕްލޭ އެކެވެ. ނަހުލާގެ އެއްޗެކޭ ބުނާ ވަރަށް ވުރެ ވެސް ސްކްރީން ޕްލޭ ތަފާތުވެފައި، ޝައުގުވެރި އެވެ.

މީގެ ޕްލޮޓްލައިނަށް ބަލާ އިރު، މާ ދިގުކޮށް ކިޔައިދޭނެ ވާހަކައެއް ނެތެވެ. މުޅި ފިލްމް އެނބުރެނީ މިފޫ (ޔޫއްޕެ) ގެ އާއިލާ ދިރިއުޅޭނެ ގެއެއް ހޯދަން އުޅުމުގެ ތެރޭގައި ރައްޓެއްސެއްގެ ފަރާތުން، ކުއްޔަށް ދޭ ގެއެއް ހުރިކަން އެނގިގެން އެ ގެ ބަލާލަން ވަންނަ ގޮތަށް، އެ ގޭ ތެރޭގައި އެ މީހުން ތާށިވެ، ހިނގާ ބިރުވެރި ކަންތައްތަކެއްގެ މައްޗަށެވެ.

އެކަމަކު، މީގެ އެންމެ ހާއްސަ ކަމަކީ ދެ ގަޑި އިރާއި 30 މިނިޓުގެ ފިލްމް ފޫހިކަމެއް ނެތި ބަލާލަން އިނދެވޭ ކަމެވެ. ދެން ވާނެ ގޮތެއް ބަލަން އިންނަން ޖެހެނީ ކެތްތެރިކަން ކުޑަވެފަ އެވެ.

މުޅި ފިލްމުގެ ބޮޑު ބައެއް އެއް ގެއެއްގައި، އެއް ކޮސްޓިއުމެއްގައި ކާސްޓުން ފެނުނަސް މިއީ ފޫހި ނުވާ ކަހަލަ ފިލްމެކެވެ. މުޅި ފިލްމުގައި އެއް ރޭ ދައްކާ އިރު، ކެރެކްޓާތަކުގެ ކޮންޓިނިއުޓީ ވަރަށް ބޮޑަށް ހިފަހައްޓާފައި ހުރިކަން އެނގެ އެވެ. އެހެންވެ އެއްވެސް ކެރެކްޓާއެއް ހާލަތުން ވެއްޓި، ހަމަ ނުޖެހޭ ކަހަލަ ގޮތަކަށް ފެނިފައެއް ނެތެވެ.

ޝައުގުވެރިވާ ކަހަލަ ކިތަންމެ ކެރެކްޓާތަކެއް ފިލްމުން ފެނިގެން ދެ އެވެ. "4426" އިން އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހެނީ ޒުވާން ބަތަލާ އައްޒަ (އެލީޝާ) ކުޅެފައިވާ ރޯލެވެ. އެ ރޯލާ އެއްވަރަށް ޖިމީ (މުޖޫ) ގެ ކެރެކްޓާ އަކީ ވަކި ސަހަލު ކެރެކްޓާއެއް ނޫނެވެ. މި ފިލްމުގެ ވާހަކަ، ވާހަކައަކަށް ވަނީ ޖިމީ ކުޅުނު ރޯލާ ހެދި އެވެ.

މީގެ އިތުރުން، ފަންޑިތަ ހަދާ މީހެއްގެ ރޯލް ކުޅެފައިވާ ފާރޫގް (އަލިބެ) އާއި ބިރުން ތެޅިފޮޅޭ ޝީލާ (ރޫބީ) ގެ ރޯލަކީ ފިލްމުގެ އެންމެ ޝައުގުވެރިކުރުވަނިވި ކެރެކްޓާތަކެވެ.

ނަހުލާ ސްކްރީންޕްލޭ ފައްކާކޮށްފައި އޮތް ގޮތުން "4426" އަކީ ވަކި އެކްޓަރަކު ލީޑް ކުރި ފިލްމެކޭ ބުނާ ހިތެއް ނެތެވެ. ކޮންމެ އެކްޓަރަކީ އެ މީހަކު ދައްކުވައިދިން ކެރެކްޓާ އަށް ބަލާ އިރު ލީޑް ރޯލެކެވެ.

"4426" އަކީ ބަލައި ނިމިގެން ސިނަމާ އިން ނުކުތުމަށް ފަހު ވެސް، ހަނދާނުން ނުފިލާ ގިނަ ދުވަސްތަކަކަށް ސިކުނޑީގައި ހުންނާނެ ކަހަލަ މަންޒަރުތަކެއް ފެނިގެން ދިޔަ ފިލްމެކެވެ. އައްޒަ ޖިންނި އަވަލައިގެން ޖައްސާ ވައްތަރުތަކާއި އޭނާގެ ޑައިލޮގްތައް އެކަނި ވެސް އެކަމަށް ފުދެ އެވެ.

މީގެ ޑައިލޮގްތަކަށް ބަލާ އިރު، ހާލަތާ ގުޅޭ ގޮތަށް ޑައިލޮގްތައް ގެނެސް ދީފައިވެ އެވެ. ބޭކާރުހެން ހީވާ ކަހަލަ ޑައިލޮގެއް ފިލްމުގެ އެއްވެސް ހިސާބަކު ނެތެވެ. އެހެންވެ އެއީ ވަރަށް ހިތްހަޖެހުނު ކަމެކެވެ.

އެއް ގެއެއްގެ ތެރޭގައި ފިލްމުގެ ބޮޑު ބައި ދެއްކިޔަސް، މިއީ ގިނަ ކަންތައްތަކެއް އެގޭ ތެރޭގައި ހިނގާ ތަން ފެނިގެންދާ ފިލްމެކެވެ. ފިލްމް ބަލަން އިން އިިރު، މިއީ ހަމަ މި ފިލްމްގައި ދައްކަން ޖެހޭ ގެއޭ ހިތަށް އެރި އެވެ. އެ ނޫން ތަނެއްގައި ފިލްމް ޝޫޓް ކުރި ނަމަ، މިހާ ފުރިހަމަ ނުވީހެވެ. އެހެންވެ އަސްލު މީގެ ސްކްރީން ޕްލޭގައި އޮތް އެއްޗެއް، މީގެ ޑައިރެކްޓަރުން ވަނީ ކިތަންމެ ރަނގަޅަކަށް ވެސް ބެލުންތެރިންނަށް މަންޒަރުތަކުން ސިފަކޮށް ދީފަ އެވެ.

"4426" ގެ މޭކިން.

މި ފިލްމަށް ކޮށްފައި ހުރި މަސައްކަތްތަކަށް ބަލާ އިރު، ވަރަށް ބުރަ، ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ހުރިކަން ފާހަގަ ކުރެވުނެވެ. އެހެންވެ، ނަހުލާ އާއި ޝިނާންގެ ޓީމުން ކޮށްފައި ހުރި މަސައްކަތްތަކަށް އަތްތިލަ ބަޑި ޖަހަން ޖެހެ އެވެ.

ނަހުލާގެ މި ތަފާތު ފިލްމަށް އައްސަރިބަހާއި ސާބަސް ދޭންޖެހެ އެވެ. އެކަމަކު، ހަމަ އެއާ އެކު އެކީގައި ޑައިރެކްޓަރުންގެ އަތުން ހަމަނުޖެހޭ ކަހަލަ ކުދިކުދި ބައެއް ގޯސްތައް ހެދިފައި ހުރިކަން ވެސް ފާހަގަކުރަން ޖެހެ އެވެ. މިސާލަކަށް، އެހާ ޒަމާންވެފައި ހުރި ފަޅު ގެއަކުން، އެހާ ސާފު ހުދު ބެޑްޝީޓެއް ފެނުމާއި ދަގަނޑު ހޮޅިއެއްގައި އައްސާފައި ހުރި ހުދު ފޮތި ފަށެއް ހަމަ އެހާ ހުދުކޮށް، ސާފުކޮށް ފެނުމާއި ކަރަންޓް ދާ އިރު ވެސް އޭސީ ޖައްސާފައި ހުރުން ކަހަލަ ކަންކަން ހަޖަމު ކުރަން ތަންކޮޅެއް އުނދަގުލެވެ.

ނަހުލާގެ ފިލްމަކާ ބަލާ އިރު މި ފިލްމުން ގިނަ ބަޔަކަށް އެންމެ ބޮޑަށް މިސްވި އެއްޗަކަށް ވާނީ ލޯތްބާއި ލޯބީގެ ހިތްގައިމު ރީތި ލަވަތަކެވެ. އެހެން ގޮތަކަށް ބުނާ ނަމަ، "4426" ގައި "އެންޓަޓައިންމަންޓް ވެލިއު" ނިސްބަތުން ކުޑަ އެވެ. އެކަމަކު، މިއީ ލޯބީގެ އެންމެ ލޯބި މަންޒަރުތަކާއި ލަވަ ނެތިގެން ފޫހިވި ފިލްމެއް ނޫނެވެ. މި އަށް ލަވައެއް ލާ ނަމަ، ލާނެ ދިމާލެއް އަމުދަކުން ނުވެސް ނެތެވެ.

"އެންޓަޓައިންމަންޓް ވެލިއު" ކުޑަ ކަމަށް ބެލެވުނަސް މި ފިލްމުގައި އަލިބެ އާއި އެލީޝާގެ ކޯޅުންތަކަކީ ހަމަ ބަލާލަން ފައްކާ މަންޒަރުތަކެކެވެ. ފިލްމުގެ ކުރީކޮޅު އެލީޝާ އާއި ހާނިމް (ޖުމާ) ގެ މެދުގައި ހިނގާ ކަންތައްތަކުން ހިނި ވެސް އަންނާނެ އެވެ.

ބިރުވެރި ފިލްމެއްގެ ބެކް މިއުޒިކް ގޯސްވެއްޖެ ނަމަ، ފިލްމް ކަމުދިއުން ވަރަށް ދުރު ވާނެ އެވެ. އެކަމަކު، އެއް ވާނެއްގައި، "4426" އަކީ ބިރުވެރި ފިލްމަކުން އިހުސާސް ވާން ޖެހޭ ކަހަލަ ބިރުވެރި ހުރިހާ އަޑެއް، ހާލަތާ ގުޅޭ ގޮތަށް ގެނެސް ދީފައި އޮތް ފިލްމެކެވެ. އިކްރާމްގެ މަސައްކަތް ކިތަންމެހާ ވެސް ފުރިހަމަ އެވެ.

ހަމަ އެއާ އެކު، މީގެ ކެމެރާ މަސައްކަތް ވެސް ފާހަގަ ނުކޮށް ދޫކޮށްލުން ރަނގަޅެއް ނޫނެވެ. ބިރުވެރި ފިލްމެއްގައި ހުންނަން ޖެހޭ ސަންސްޕެންސް، ކެމެރާމަންގެ ހައިސިއްޔަތުން ޝިނާން ވަނީ ވަރަށް ފުރިހަމަ އަށް ގެނެސްދީފަ އެވެ. ފިލްމް ފޫހި ނުވި އެއް ސަބަބަކީ ވެސް ކެމެރާގެ މަސައްކަތް ރަނގަޅުވުމެވެ.

"4426" ޓްރެއިލާއެއް.

ފިލްމް ދިގޭ ބުނެ ޝަކުވާ ކުރާ ހިތެއް ނުވެ އެވެ. ފޫހި ކަމެއް ނެތި، ފިލްމް ބަލައިލީމައި އެނގުނީ މީގެ އެޑިޓިން ވެސް ވަރަށް ފުރިހަމަކަމެވެ. މިވެނި މަންޒަރެއް ނެތް ނަމަ މާ ރަނގަޅު ވީހޭ، މިއީ ކީތް ކުރަން ދެއްކި މަންޒަރެއްހޭ ބުނާ ކަހަލަ މާ ގިނަ މަންޒަރުތަކެއް ވެސް ފިލްމަކު ނެތެވެ. ފިލްމް އެޑިޓް ކުރި ޝިނާނާއި ފައިސަލަށް ތައުރީފު ހައްގެވެ. އެ މީހުންގެ މަސައްކަތް "ޝާޕްވެފައި، ކްރިސްޕެވެ."

މުޅި ފިލްމަށް ޖުމްލަކޮށް ބަލާ އިރު، މިއީ ދިވެހި ސިނަމާ އިން ނުބަލައި ދޫކޮށްލަން ޖެހޭ ވަރުގެ ބިރުވެރި ފިލްމެއް ނޫނޭ ބުނަން ޖެހިލުމެއް ނުވެ އެވެ. ފިލްމް ފުރިހަމަވެފައި ޝައުގުވެރި އެވެ. ދިވެހި ފިލްމުތަކަށް ލޯބި ކުރާ ކޮންމެ މީހަކު ވެސް "4426" މިސްކޮށްލައިގެން ނުވާނެ އެވެ.

އެހެންވެ، ފިލްމް ނުބަލާ އޮތް ނަމަ އަވަހަށް ޓިކެޓް ނަގާށެވެ. ކުރިއަށް ހުރީ ވަދާއީ ޝޯތަކެވެ.