ނަވާޒުއްދީން.
30 މެއި 2021 - 07:45
މި އަހަރުގެ ކުރީކޮޅު ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާފައިވާ ޓައިގާ ޝްރޮފްގެ ފިލްމު "ހީރޯޕަންތީ 2" ގެ މައި ވިލަންގެ ރޯލަށް ނަވާޒުއްދީން ސިއްދީގީ ސޮއިކޮށްފި އެވެ.
މީޑިއާތަކުން ބުނީ އެހުމަދު ޚާން ޑައިރެކްޓްކުރާ ފިލްމުގައި ޓައިގާއާ އެކު ނަވާޒުއްދީންގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެންނާނެ ކަމަށެވެ. މީގެ ކުރިން ވެސް މި ދެ ތަރިން އެކީގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 2017 ގެ ޑާންސް ފިލްމު "މުއްނާ މައިކަލް" ގަ އެވެ. އެކަމަކު އެ ފިލްމާ ހިލާފަށް "ހީރޯޕަންތީ 2" އަކީ ޓައިގާ އާއި ނަވާޒުއްދީން އެކަކު އަނެކަކާ ތަޅާފޮޅުމުގެ ބައި ފެންނާނެ ފިލްމެކެވެ.
ނަވާޒުއްދީން ކުރިން ވެސް ބައެއް ފިލްމުތަކުގައި ނުބައިބައި ރޯލު ކުޅެފައިވެ އެވެ. އޭގެ ތެރޭގެ ސަލްމާން ޚާންގެ 2014 ގެ "ކިކް" އާއި ވަރުން ދަވަންގެ 2015 ގެ "ބަދުލާޕޫރް" ފާހަގަކޮށްލެވެ އެވެ. އަދި ނެޓްފްލިކްސް އިން ގެނެސްދިން ސައިފް އަލީ ޚާންގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" އަކީ ނަވާޒުއްދީންގެ ނެގަޓިވް ރޯލެއް ކުޅުނު އެއްޗެކެވެ.
"ހީރޯޕަންތީ 2" ގެ ޝޫޓިން މި ވަގުތު އޮތީ އިންޑިއާގެ ކޮވިޑް-19 ގެ ހާލަތާ ހެދި މަޑުޖައްސާލައިފަ އެވެ. އެކަމަކު އަންނަ މަހުގެ ތެރޭގައި އަލުން ޝޫޓިން ފެށުމަށް އަންނަނީ ތައްޔާރީތައް ވަމުންނެވެ. މި ފިލްމުގެ ބަތަލާ އަކީ ޓައިގާގެ 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ތާރާ ސުތާރިއާ އެވެ.
"ހީރޯޕަންތީ 2" އަކީ ޓައިގާ 2014 ގައި ބޮލީވުޑަށް ނުކުތް ފިލްމު "ހީރޯޕަންތީ" ގެ ސީކްއެލް އެވެ. ދެ ފިލްމުގެ ވެސް ޕްރޮޑިއުސަރަކީ ސާޖިދު ނަދިއަދުވާލާ އެވެ. "ހީރޯޕަންތީ 2" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ޑިސެމްބަރު 3 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy