ކާތިކް.
02 ޖޫން 2021 - 06:44
ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމު ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނުން ކާތިކް އާރިޔަނަށް ދިން ފިލްމަކުން އޭނާ ވަކިކޮށް، އެ ފިލްމު އަޔޫޝްމަން ކްރާނާ އަށް ދިން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ.
އެކަމާ ބެހޭ ގޮތުން އާނަންދު ބުނީ ބައެއް މީޑިއާތަކުގައި ދެކެވެނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އޭނާ ބުނި ގޮތުގައި އަޔޫޝްމަނާ އެކު ހަދަން ނިންމާފައި އޮތް ފިލްމަކީ މުޅިން ތަފާތު އަދި ގޭންގްސްޓާ ޖޯންރާގެ ފިލްމެކެވެ.
"ކާތިކަށް ހުށަހެޅީ އަދި މުޅިން އެހެން ފިލްމެއް. އެއާ ބެހޭ ގޮތުން އޭނާއާ އެކު މިހާރު ވެސް އަންނަނީ މަޝްވަރާކުރެވުމުން. އެހެންވީމަ މީޑިއާތަކުގައި އެ ދެކެވެނީ އޮޅުންބޮޅުން ވާހަކައެއް،" އާނަންދު ބުންޏެވެ. "ކާތިކަށް ދިން ފިލްމެއް އަޔޫޝްމަނަކަށް ދީފައެއް ނުވާނެ."
ކާތިކާ ބެހޭ ގޮތުން މިފަދަ ވާހަކަތަކެއް ދެކެވެން ފެށީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ޝޫޓިން ފަށާފައި އޮތް ފިލްމު "ދޯސްތާނާ 2" އިން އޭނާ ވަކިކޮށްފައި ވަނިކޮށް، ދާދި ފަހުން އަމިއްލަ އަށް ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ހަދާ "ގުޑްބާއީ ފްރެޑީ" އިން އަމިއްލަ އަށް ވަކިވުމާ ގުޅިގެންނެވެ.
ކާތިކްގެ ފަރާތުން މިފަދަ ކަންތައްތަކެއް ފެންނާތީ އޭނާއާ ބެހޭ ނުކިއްސަރު ވަރަށް ގިނަ ވާހަކަތަކެއް މި ފަހުން މީޑިއާތަކުގައި ދެކެވެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޑައިރެކްޓަރު ރާމް މަދުވާނީގެ "ދަމާކާ" ނިންމި އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޓިން ފަށާފައި އޮތް "ބޫލް ބުލައްޔާ 2" އާއި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ދެ ފިލްމަކާއި ޑައިރެކްޓަރު ހެންސަލް މެހެތާގެ ފިލްމެއްގެ އިތުރުން އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރާ ތެލެގޫ ފިިލްމެއްގެ ރިމޭކެއް ހިމެނެ އެވެ.
ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ލަވް އާޖް ކަލް" އެވެ.
ކާތިކާ އެކު އާނަންދު ފިލްމެއް ގެނެސްދޭން މަސައްކަތްކުރަމުން އަންނަ އިރު، "ރާންޖަނާ" އާއި "ތަނޫ ވެޑްސް މަނޫ" އަދި "ޒީރޯ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އަކްޝޭ ކުމާރާއި ސާރާ އަލީ ޚާނާއި ދަނޫޝްއާ އެކު ގެނެސްދޭ "އަތުރަންގީ ރޭ" އެވެ.
އާނަންދުގެ ކަލަ ޔެލޯ އިން ގެނެސްދޭން ހުރި ފިލްމުތަކުގެ ތެރޭގައި ތާޕްސީ ޕައްނޫގެ "ހަސީން ދިލްރުބާ" އާއި ޖާންވީ ކަޕޫރްގެ "ގުޑްލަކް ޖެރީ" އަދި އަކްޝޭގެ "ރަކްޝާ ބަންދަން" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy