ނީލަމް.
06 ޖޫން 2021 - 06:41
ފިލްމީ ދާއިރާއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު މިހާރު އެކި ފްލެޓްފޯމްތަކުން ފެންނަން ފަށާފައިވާ ކުރީގެ ބަތަލާ ނީލަމް ކޮރާތީ އަލުން ފިލްމީ މަސައްކަތުގައި ދެމިހުންނަން ނިންމައިފި އެވެ.
ސޮނީ ޓީވީގެ "ސުޕަ ޑާންސާ" ޗެޕްޓަރު ހަތަރެއްގައި މި ހަފުތާގައި މެހުމާނެއްގެ ގޮތުގައި އޭނާގެ ކުރީގެ ކޯ-އެކްޓަރު ގޯވިންދާއާ އެކު ބައިވެރިވުމަށް ފަހު ބުނީ އުންމީދަކީ އަކީ ފިލްމީ މަސައްކަތުގައި ދެމިހުރުން ކަމަށެވެ.
ނީލަމަކީ 1980 އާއި 1990 ގެ ތެރޭގައި ހިންދީ ސިނަމާގައި ވަރަށް ވިދި އަދި އެ ދުވަސްވަރުގެ އެންމެ ރީތި އެއް ބަތަލާ އެވެ. އޭނާ ފިލްމު ކުޅެން ފެށީ އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު 1984 ގެ "ޖަވާނީ" އިންނެވެ.
ގަހަނާ ޑިޒައިނަރެއްގެ ގޮތުގައި ފަހުން މަސައްކަތްކުރަން ފެށި 51 އަަހަރުގެ ބަތަލާ ބުނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން އޭނާގެ ސީރީޒް "ފެބިއުލަސް ލައިވްސް" އަށް ލިބުނު ތަރުހީބާއި "ސުޕަ ޑާންސާ" ގައި ބައިވެރިވުމުން ފޭނުން ދިން ލޯބި ފެނިފައި ކުރިއަށްދާން ހިތްވަރު އާލާވެއްޖެ ކަމަށެވެ.
"އެހެންވެ ދެން އުންމީދަކީ ކުރިއަށް ވުރެ އެކްޓިވްކޮށް އިންޑަސްޓްރީގެ ތެރޭގައި އުޅުން،" ކާމިޔާބު ރީތި އެތައް ފިލްމެއް ކުޅުނު ބަތަލާ ބުންޏެވެ.
ނީލަމް ބުނި ގޮތުގައި އޭނާ ދެކެ ފޭނުން ވަރަށް ލޯބިވާ ކަމާއި އެހާ ދުވަސްވީ އިރު ވެސް ބެލުންތެރިން އޭނާގެ މަތިން ހަނދާން ނައްތައިނުލާކަން ގަބޫލުކުރަން މަޖުބޫރުވީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ރިއަލިޓީ ސީރީޒް "ފެބިއުލަސް ލައިވް" ގެ ސަބަބުން ކަމަށެވެ. އެ ސީރަކީ އެކްޓަރުންތަކެއްގެ އަނބިންތަކެއްގެ ޕޮޝް ލައިފްސްޓައިލް ދައްކުވައިދިން އެއްޗެކެވެ.
"އަހަރެމެން ފިލްމު ކުޅުނު ޒަމާނުގައި ސޯޝަލް މީޑިއާއެއް ވެސް ނެތް. އެހެންވީމާ ފޭނުންނާ ކަނެކްޓްވޭނެ މާ ގިނަ ފުރުސަތުތަކެއް ނެތް. އެކަމަކު މިހާރު ކިތަންމެ ޕްލެޓްފޯމްތަކުން ތަރިންނާއި ފޭނުންނާ ގުޅާލެވިފައި މިއޮތީ. ވަރަށް އުފާވި ފެބިއުލަސް ލައިވްސް ބެލި މީހުންގެ މެސެޖްތައް ސޯޝަލް މީޑިއާތަކުން ލިބުނީމަ،" އިންސްޓަގްރާމްގައި ވަރަށް އެކްޓިވްކޮށް އުޅޭ ބަތަލާ ބުންޏެވެ. "އަހަރެންގެ ފިލްމުތަކުގެ މަތިން ހަނދާން އާކޮށްފައި މީހުން ފޮނުވާ މެސެޖްތައް ފެނިފައި ކުރިއަށް ދިއުމުގެ ހިތްވަރު މިހާރު އިތުރަށް ލިބޭ."
ނީލަމަކީ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅޭ އެކްޓަރު ސަމީރު ސޯނީގެ އަންހެނުންނެވެ. ދެހާސް އެގާރައިގައި ކުރި އެ ކައިވެންޏަށް އަންހެން 8 އަހަރުގެ ދަރިޔަކު ވެސް އެބަހުއްޓެވެ.
ނީލަމްގެ އަލަތު ކައިވެނި ރޫޅުނީ 2000 ވަނަ އަހަރު އެވެ. އޭނާގެ ކުރީގެ ފިރިމީހާ އަކީ ރިޝީ ސެތިއާ އެވެ.
ނީލަމްގެ ކެރިއަރުގައި ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ގޯވިންދާ ބޮލީވުޑަށް ނުކުތް 1986 ގެ "އިލްޒާމް" އާއި "ލަވް 86" އާއި "ޚުދުގަރްޒް" އާއި "ހަތިއާ" އާއި "ވަގުތު ކީ އާވާޒް" "ގަރް ކާ ޗިރާގް" އާއި "ދޫދް ކާ ކަރުޒް" އާއި "އަގްނީޕަތު" އަދި "ޕަރަމްޕަރާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ނީލަމާއި ގޯވިންދާ އެކީގައި 14 ފިލްމެއްގައި މަސައްކަތްކުރި އިރު، އެ ޖޯޑަކީ ހިންދީ ސިނަމާގައި އެންމެ މަގުބޫލު އެއް ޖޯޑު ވެސް މެ އެވެ. ނީލަމާއި ގޯވިންދާ ލޯބީގެ ގޮތުން ގުޅުނުކަމުގެ އަޑުތަކެއް އަރައި، ގޯވިންދާގެ ކައިވެނި ވެސް ނުރޫޅި ސަލާމަތްވީ ކިރިޔާ އެވެ.
ފިލްމުތަކުގައި ކުރިން ލީޑް ރޯލު ކުޅުނު ނީލަމް ފަހުން ސަޕޯޓިން ރޯލަކުން ފެނުނު އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ 1999 ގެ ފެމިލީ ޑްރާމާ "ހަމް ސާތު ސާތު ހޭ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުމްކުމް
06 June 2021
ސާބަސް މަ ހީކުރީ ރާއްޖޭގެ ކުރީގެ ބަތަލާ ނީލަމް ކަމަށް، އިންޑިޔާ މީހަމު ފޮޑިއެއް ޖެހިއަސް ހަބަރަށް އަރާނެ