އަޔޫޝްމަން.
11 ޖޫން 2021 - 08:21
ބޮލީވުޑްގެ މިހާރު އެންމެ ހުނަރު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޔޫޝްމަން ކްރާނާ ބައޮގްރަފިކަލް ޑްރާމާއަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ތަފާތު ކޮންޓެންޓްތަކަށް ހަދާ ފިލްމުތައް ކުޅެން މަޝްހޫރު އެކްޓަރު ސޮއިކުރި ބައޮޕިކަކީ މިދިޔަ މަހުގެ 28 ގައި އިއުލާންކުރި ޑައިރެކްޓަރު/އެކްޓަރު މަހޭޝް މަންޖްރޭކަރް ހަދާ ބޮޑު ފިލްމު "ސަވަންތުރާ ވީރު ސަވަރްކަރް" އެވެ.
ނަވާރަ ވަނަ ގަރުނުގައި ފާހަގަކޮށްލެވުނު އިންޑިއާގެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތު ވިނާޔަކް ދަމޯދަރް ސަވަރްކަރްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ ސަންދީޕް ސިންގް ޕްރޮޑިއުސްކުރާ ފިލްމެކެވެ. "ސަވަންތުރާ ވީރު ސަވަރްކަރް" އަކީ މަހޭޝް އާއި ރިޝީ ވިރްމާނީގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. މަހޭޝް އަކީ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ގެ ޑައިރެކްޓަރެވެ.
"ސަވަންތުރާ ވީރު ސަވަރްކަރް" ގެ ފަަސްޓްލުކް ޕޯސްޓަރު ވެސް މެއި މަހުގެ 28 ގައި ދައްކާލާފައިވާ އިރު، މި ފިލްމަކީ އަޔޫޝްމަން ކުޅޭނެ ފުރަތަމަ ބައޮޕިކެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ބޮޑު ބަޖެޓަކުން ހަދާ ބިޔަ ފިލްމުގެ ޓައިޓްލް ރޯލް އަޔޫޝްމަނަށް ހުށަހެޅުމުގެ ކުރިން ރާޖްކުމާރު ރާއޯއާ ވެސް ވާހަކަ ދެއްކި އެވެ. އެކަމަކު އޭނާގެ ޝެޑިއުލް މި ވަގުތު ވަރަށް ތާށިކޮށް ހުރުމާ އެކު ފިލްމުގެ ޓީމުން މަސައްކަތް ތާވަލުކުރާ ދަނޑިވަޅަށް ވަގުތު ނުދެވޭނެތީ އަޔޫޝްމަން ފިލްމަށް ނެގީ އެވެ.
އެކަމަކު އެކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
ދެހާސް އަށާރައިގެ "އަންދާދުން" ކުޅެގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަޔޫޝްމަން މިހާރު އަންނަނީ "ޑޮކްޓަރު ޖީ" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ. އޭނާގެ އަތުގައި މިހާރު ވެސް ޝޫޓިން ނިންމާފައި އޮތް ދެ ފިލްމެއް އެބައޮތެވެ. އެއީ އަނޫބަވް ސިންހާގެ "އަނޭކް" އާއި އަބީޝެކް ކަޕޫރްގެ "ޗަންދީގަޅް ކަރޭ އާޝިގީ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން 36 އަހަރުގެ އެކްޓަރުގެ އަތުގައި "ޕިއާނޯ" ކިޔާ ފިލްމެއް ވެސް އެބައޮތެވެ.
އަޔޫޝްމަންގެ އެންމެ ފަހުގެ ފިލްމުތަކަކީ މިދިޔަ އަހަރުގެ "ގުލާބޯ ސިތާބޯ" އާއި "ޝުބް މަންގަލް ޒާދާ ސާވްދާން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy