12 ޖޫން 2021 - 06:52
ބޮލީވުޑްގެ ތަރިންގެ ކައިވެނި ހަފުލާތަކަކީ އަބަދު ބެސް ވަރަށް ގްރޭންޑްކޮށް ބާއްވާ ހަފުލާތަކެކެވެ. އަގު ބޮޑު ސާޅީތައް އެޅުމާއި ގައުމުން ބޭރުގައި ޑެސްޓިނޭޝަން ވެޑިންތައް ބޭއްވުމަކީ މިހާރު ބޮޑު ޓްރެންޑެކެވެ.
އެކަމަކު މި މަހުގެ 4 ވަނަ ދުވަހު ބަތަލާ ޔާމީ ގޯތަމްގެ ކައިވެނީގެ ހަފުލާ ބޭއްވީ ވަރަށް ސާދާކޮށެވެ. ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މީހުންނާ އެކު ބޭއްވި މި ކައިވެނީގެ އެއްވެސް ވާހަކައެއް ކުރިން މީޑިއާތަކާ ހަމައަށް ވެސް ނައިސް ޔާމީ އާއި ޑައިރެކްޓަރު އަދިތިޔާ ކައިވެނިކުރި ވާހަކަ ވެގެން ދިޔައީ ބައެއް މީހުންނަށް ލިބުނު ހައިރާން ކަމަކަށެވެ.
މި ހަފުލާގެ ވާހަކަ މީޑިއާތަކުން ގެނެސްދިން އިރު އެންމެ ބޮޑަށް ފާހަގުރީ ޔާމީން ކައިވެނީގެ ސާޅީގެ ވާހަކަ އެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި ކައިވެނީގެ ރަސްމީ ހެދުމުގެ ގޮތުގައި ޔާމީ ލައިގެން ހުރި ރަތް ކުލައިގެ ސާޅީ އަކީ މީގެ 33 އަހަރު ކުރިން އޭނާގެ މަންމަ ބޭނުން ކުރި ކައިވެނި ސާޅީ އެވެ.
ގަދަ ރަތް ކުލައިގެ ފަށުވި މި ސާޅީގައި ހުރީ ރަންކުލައިގެ ޑިޒައިންތަކެކެވެ. އަމިއްލަ ކައިވެނީގެ ހަފުލާގައި ޔާމީ މަންމަގެ ސާޅީ ބޭނުންކުރީ ދަރިފުޅު ބޮޑުވެގެން މީހަކާ އިންނަ އިރު، އެ ސާޅީ ބޭނުންކުރުމުގެ އުންމީދުގައި ވަރަށް ރަނގަޅަށް އެ ރައްކާކޮށްފައި އޮތުމުންނެވެ. އެ އުންމީދު ޔާމީ ހަގީގަތަކަށް ހަދައިދީ، ކައިވެނީ ފޮޓޯ އިންސްޓަގްރާމްގައި އާންމުކުރި އިރު، ސާޅީއާ އެކު ވަކިން ނަގާފައިވާ ފޮޓޯއެއް ވެސް ހިމެނި އެވެ.
ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރާ ޔާމީ ކައިވެނިކުރި އިރު އޭނާ އަކީ ވިކީ ކޯޝަލް ބަތަލުގެ ރޯލު ކުޅުނު އެ ފިލްމުގެ ބަތަލާ އެވެ. އަދިތިޔާ މިހާރު އަންނަނީ ވިކީއާ އެކު "ދި އިމޯޓަލް އަޝްވަތައްމާ" ކިޔާ ސުޕަހީރޯ ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. އޭގެ ބަތަލާ އަކީ ސާރާ އަލީ ޚާން ކަމަށް މީޑިއާތަކުން ބުނެ އެވެ.
ކައިވެނިކުރި ފަހުން ޔާމީ ސޮއިކުރި ކަމަށް އަޑު އެރި ފުރަތަމަ ފިލްމަކީ އަކްޝޭ ކުމާރުގެ އޯ މައި ގޯޑް (އޯއެމްޖީ) 2 އެވެ. އެއީ މި އަހަރުގެ ސެޕްޓެމްބަރުގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމެކެވެ.
ޔާމީ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" އެވެ. އޭގެ ކާސްޓްގައި ސައިފް އަލީ ޚާނާއި ޖެކްލިން ފެނަންޑޭޒް އަދި އަރުޖުން ކަޕޫރް ހިމެނެ އެވެ.
ޔާމީ ބޮލީވުޑަށް ނުކުތީ 2012 ގައި އަޔޫޝްމަން ކްރާނާއާ އެކު "ވިކީ ޑޯނާ" އިންނެވެ.
އަދިތިޔާއާ ކައިވެނިކުރި އިރު، ޔާމީ ކުރިން އެކްޓަރު ޕުލްކިޓް ސަމްރާޓާ ވެސް ލޯބީގެ ގުޅުމެއް ބޭއްވި އެވެ. ދެ ތަރިން އެކީގައި ދެ ފިލްމެއް ވެސް ކުޅުނެވެ. އެއީ 2016 ގެ "ސަނަމް ރޭ" އާއި ހަމަ އެ އަހަރުގެ "ޖުނޫނިޔަތު" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy