ތާޕްސީ.
09 ޖުލައި 2021 - 08:43
މިއީ ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްއާ ގުޅުން ހުރި ފިލްމެއްގެ ވާހަކައެއް ނޫނެވެ. އެކަމަކު ނަމުގެ ގޮތުން ވައްތަރީ އެވެ. ބަތަލާ ތާޕްސީ ގިނަ ދުވަސްތަކެއް ފަހުން ސޮއިކުރި ތެލެގޫ ފިލްމަކީ "މިޝަން އިމްޕޮސިބަލް" އެވެ.
އަންގާރަ ދުވަހު ޝޫޓިން ފެށި ތެލެގޫ ފިލްމުގެ ކާސްޓާއި ކްރޫއާ ތާޕްސީ ގުޅުމަށް ފަހު ބުނީ އެ ފިލްމަށް އެއްބަސްވީ އިންތިޒާރުކުރަމުން ދިޔަ ކަހަލަ ސްކްރިޕްޓަކާ ދިމާވުމުން ކަމަށެވެ.
"ހަތް އަހަރު ވަންދެން ކުރި އިންތިޒާރަށް ނިމުން ގެނެސްދިން އެއްޗެއް މިޝަން އިމްޕޮސިބަލް އަކީ. މީގެ ޕްލޮޓް ވަރަށް ޝައުގުވެރި. އަހަންނަށް ވަރަށް ޔަގީން ބެލުންތެރިންނަށް އަހަރެންގެ ވަރަށް ތަފާތު ރޯލެއް ފެނިގެން ދާނެ ފިލްމަކަށް މީތި ވާނެކަން." ޕްލޮޓްގެ ތަފުސީލަކަށް ނުގޮސް ކުރިން ވެސް އިންޑިއާގެ ދެކުނުގެ ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.
ތާޕްސީ ބުނި ގޮތުގައި "މިޝަން އިމްޕޮސިބަލް" އަށް އެއްބަސްވީ އޭގެ ސްކްރިންޕްލޭ ވެސް ގެނެސްދީފައި އޮތްލެއް ވެސް ފުރިހަމަކަމުންނެވެ.
"މިއީ އޯޑިއަންސެއްގެ ގޮތުގައި އަހަރެން ވެސް ސްކްރީނުން ބަލާލަން ބޭނުންވާ ކަހަލަ ވާހަކައެއް އޮތް ފިލްމެއް. އެހެންވީމަ ބެލުންތެރިން ވެސް މި ފިލްމު ހޭދަކުރާ ފައިސާ އާއި ވަގުތަކީ ވަރަށް ވޯތު އެއްޗަކަށް ވާނެ. ޔަގީންކަން ދެވިދާނެ ވަރަށް މިއީ ފެންވަރު ރަނގަޅު މޮޅު ފިލްމަކަށް ވާނެ ކަމަށް،" އޭނާ ބުންޏެވެ. "ބުނެލަން ބޭނުންވާ އެއް ވާހަކަ އަކީ އަހަރެން ކުޅެން ބޭނުން ވަނީ ބެލުންތެރިން އެދޭ ކަހަލަ އަދި ބެލުންތެރިން އަހަންނަށް އިތުބާރުކުރާ ކަހަލަ ފިލްމުތަކެކޭ. އެކަހަލަ ފިލްމެއް ހަމަ ޔަގީނުން ވެސް މިޝަން އިމްޕޮސިބަލް އަކީ."
މި ފިލްމުގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި 2019 ގެ ތެލެގޫ ކޮމެޑީ ތުރިލާ "އޭޖެންޓް ސާއީ ސްރިނިވާސަ އަތުރެޔާ" ގެނެސްދިން ސްވަރޫޕް އާރްއެސްޖޭ އެވެ.
މި މަހުގެ 2 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ހަސީލް ދިލްރުބާ" ގެ ބަތަލާ ތާޕްސީ، 33، އަކީ މި ވަގުތު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ ވެސް އެވެ. އޭނާގެ އަތުގައި މި ވަގުތު ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި "ލޫޕް ލަޕޭޓާ"، "ރާޝްމީ ރޮކެޓް"، "ޝަބާޝް މިތޫ"، "ދުބާރާ"، "ޔޭ ލަޅުކީ ހޭ ކަހާ" އާއި ސްޕެއިންގެ ފިލްމު "ޖޫލިއާސް އައިޒް" ގެ ހިންދީ ރިމޭކްގެ އިިތުރުން ތަމަޅަ ދެ ފިލްމެއް ވެސް ހިމެނެ އެވެ.
ތާޕްސީގެ އެންމެ ފަހުން ފެނިފައިވާ ތެލެގޫ/ތަމަޅަ ފިލްމަކީ 2019 ގެ ކާމިޔާބު ސައިކޮލޮޖިކަލް ތުރިލާ "ގޭމް އޯވާ" އެވެ. އެ ފިލްމަކީ ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް އޮހުނު ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy