14 ޖުލައި 2021 - 07:20
ބޮލީވުޑްގެ ހުނަރުވެރި ޑައިރެކްޓަރުންގެ ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ ވަރުން ދަވަން އަށް، ކުޅަދާނަ ޑައިރެކްޓަރު މޯހިތުގެ ސޫރީގެ ފިލްމެއް ވެސް ހުށަހަޅައިފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި މިހާތަނަށް އަދި މޯހިތާ އެކި މަސައްކަތް ނުކުރާ ވަރުންއާ އެކު އޭނާ ހަދަން ނިންމާފައި ވަނީ ލޯބީގެ އެކްޝަން ފިލްމެކެވެ.
ބެލެވޭ ގޮތުން ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފަށާނެ އެވެ. "އާޝިގީ 2" އާއި "ޒެހެރު" އާއި "ހާފް ގާލްފްރެންޑް" އާއި "ހަމާރީ އަދޫރީ ކަހާނީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން މޯހިތު މިހާރު އަންނަނީ 2014 ގައި ގެނެސްދިން "އޭކް ވިލަން" ގެ ދެވަނަ ބައި "އޭކް ވިލަން ރިޓާންސް" ގެ މަސައްކަތްކުރަމުންނެވެ.
އެ ފިލްމުގެ ކާސްޓުންނަކީ ޖޯން އަބަރްހަމާއި ތާރާ ސުތާރިއާ އާއި އަރުޖުން ކަޕޫރްގެ އިތުރުން ޑިޝާ ޕަޓާނީ އެވެ. މޯހިތު އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މަލަންގް" އެވެ.
މޯހިތުގެ ފިލްމަކުން ވަރުން އަށް ފުރުސަތު ލިބުނު އިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކަކީ "ބޭޅިޔާ" އާއި "ޖުގް ޖުގް ޖިއޯ" އަދި "އެއްކީސް" އެވެ. ކާމިޔާބު ފިލްމުތަކެއް ކުޅުނު އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ބައްޕަ ޑޭވިޑް ދަވަން މިދިޔަ އަހަރު ގެނެސްދިން "ކޫލީ ނަމްބަރު 1" އެވެ.
ވަރުން އަކީ ބޮލީވުޑްގައި މިހާރު ފަހުގެ ޖީލުގެ އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy