ނަވާޒުއްދީން.
15 ޖުލައި 2021 - 07:37
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތުގެ އަމިއްލަަ ފިލްމު ކުންފުނި މަނިކަރްނިކާ ފިލްމްސް އިން މެއި މަހު އިއުލާންކުރި އެތަނުގެ ފުރަތަމަ ފިލްމު "ޓީކޫ ވެޑްސް ޝޭރޫ" ގެ ލީޑް ރޯލަށް ނަވާޒުއްދީން ސިއްދީގީ ސޮއިކޮށްފި އެވެ.
ހުނަވެރި އެކްޓަރު ފިލްމަށް ސޮއިކުރިކަން މި ވަގުތު "ދާކަޅް" ގެ ޝޫޓިން އަށް ހަންގޭރީގައި ހުރި ބަތަލާ އިންސްޓަގްރާމްގައި ވެސް ބުންޏެވެ. އެ ޕޯސްޓްގައި ނަވާޒުއްދީނަށް މަރުހަބާ ކިޔާފައިވެ އެވެ.
ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ހަދާ "ޓީކޫ ވެޑްސް" އަކީ ކަންގަނާ 2014 ގައި ކުޅުނު ފިލްމު "ރިވޯލްވާ ރާނީ" ގެ ޑައިރެކްޓަރު ސައި ކަބީރު ހަދާ ފިލްމެކެވެ. މީގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ފިލްމުގެ ބަތަލާ އާއި އިތުރު ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.
ނަވާޒުއްދީނަކީ މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރެއިން އެކަކެވެ. އޭނާ ކުރިން ގިނައިން ކުޅެފައި ހުރީ ސަޕޯޓިން ރޯލްތަކާއި ނެގެޓިވް ރޯލްތައް ކަމަށް ވިޔަސް، މި ފަހުން އަންނަނީ ޒުވާން ބަތަލާއިންނާ އެކު ފިލްމުތަކުގެ ލީޑް ރޯލު ވެސް ކުޅެމުންނެވެ.
ކަންގަނާގެ މަނިކަރްނިކާ އިން ގެނެސްދޭ ފުރަތަމަ ފިލްމަކަށް "ޓީކޫ ވެޑްސް ޝޭރޫ" އިއުލާންކުރި ނަމަވެސް އެތަނުން ގެނެސްދޭން އިއުލާންކޮށްފައި އޮތް އެހެން ބޮޑު ފިލްމެއް ވެސް އެބައޮތެވެ. އެއީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކަންގަނާ ކުޅޭ "އިމަޖެންސީ" އެވެ. މި ފިލްމަކީ އޭނާ ޕްރޮޑިއުސްކޮށް، ކުޅެ އަދި ޑައިރެކްޓް ވެސް ކުރާނެ ފިލްމެކެވެ.
ކަންގަނާ ޑައިރެކްޝަނަށް ނުކުތީ އޭނާގެ 2019 ގެ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy