އަނޫޕަމް.
19 ޖުލައި 2021 - 07:46
ބޮލީވުޑްގެ އިތުރުން އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތްކުރާ އިންޑިއާގެ ހުނަރުވެރި އެކްޓަރު އަނޫޕަމް ކޭރް ކެރިއަރުގެ 519 ވަނަ ފިލްމަށް ސޮއިކޮށްފި އެވެ.
ކާމިޔާބު އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ 66 އަހަރުގެ އެކްޓަރު ބުނީ ކެރިއަރުގެ 519 ވަނަ ފިލްމާ ހަމައަށް ދެވުނީ އެތައް ބައެއްގެ ހެޔޮ ދުއާ އާއި ލޯތްބާ އެކީގައި ކަމަށާއި އެކަމަށްޓަކައި އަބަދު ވެސް ޝުކުރުވެރި ވާނެ ކަމަށެވެ.
ވަކިން ހާއްސަކޮށް އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ނަން ފާހަގަކޮށް، އޭނާ 519 ވަނަ ފިލްމަށް ސޮއިކުރި ވާހަކަ ބުންޏަސް އެއީ ކޮން ޕްރޮޖެކްޓެއް ކަމެއް ނުބުނެ އެވެ. އެކަމަކު އަންހެނުން ކިރަން ކޭރް ލޭގެ ކެންސަރަށް ފަރުވާ ހޯދަން ފަށާފައިވާ ދަނޑިވަޅެއްގައި، އެމެރިކާ އަށް ދިޔަ ދަތުރުމަތީ އިނދެ އަނޫޕަމް ފިލްމެއްގެ ވާހަކަ ބުނުމުން އެއީ އަނެއްކާ ވެސް އިންޓަނޭޝަނަލް ޕްރޮޖެކްޓެއް ކަމަށް ގަބޫލުކުރެވެ އެވެ.
ކިރަން ފަރުވާ ހޯދަން ފެށިތަނާ މި އަހަރުގެ ކުރީކޮޅު އަނޫޕަމް ވަނީ އޭނާ ޑޮކްޓަރެއްގެ ރޯލު ކުޅެމުން ދިޔަ އެމެރިކާގެ ޓީވީ ސިލްސިލާ "ނިއު އެމްސްޓަޑަމް" އިން ވަކިވެފަ އެވެ. ހިންދީ ސިނަމާގެ އައިކޮނިކް އެތައް ފިލްމެއްގެ އިތުރުން އަނޫޕަމަކީ ހޮލީވުޑްގެ ފިލްމުތަކާއި ޓީވީ ސިލްސިލާތައް ވެސް ކުޅެފައިވާ އެކްޓަރެކެވެ.
އޭނާ ކުޅުނު ހޮލީވުޑްގެ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ސިލްވަ ލައިނިންސް ޕްލޭބުކް"، "ދަ ބިގް ސިކް"، "ބެންޑް އިޓް ލައިކް ބެކަމް"، "ޕްރައިޑް އެންޑް ޕްރެޖުޑައިސް"، "ލަސްޓް ކޯޝަން" އަދި "ހޮޓެލް މުމްބާއީ" ފަދަ ފިލްމުތައް ހިމެނެ އެވެ.
ދެ ނެޝަނަލް އެވޯޑާއި އަށް ފިލްމުފެއާ އެވޯޑް ހޯދާފައިވާ އަނޫޕަމް އެންމެ ފަހުން ފެނިފައިވާ ހިންދީ ފީޗާ ފިލްމަކީ 2019 ގެ "ވަން ޑޭ: ޖަސްޓިސް ޑެލިވާޑް" އެވެ. އޭނާގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "މުންގްލީލާކް ރޮކްސް"، "ދަ ކަޝްމީރު ފައިލްސް" އަދި "ދަ ލާސްޓް ޝޯ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy